12 ފެބުރުއަރީ 2019 - 07:32
ރާއްޖޭގެ ގޮނޑުދޮށްތަކުން ކުނީގެ ގޮތުގައި ނަގާފައިވާ ޕްލާސްޓިކް ބޭނުންކޮށްގެން އެޑިޑާސް އިން 2016 ވަނަ އަހަރު ތައާރަފުކުރި ވައްތަރުގެ ބޫޓް އުފެއްދުން އިތުރުކޮށް އެފަދަ 11 މިލިޔަން ބޫޓް މިއަހަރު އުފައްދަން އެކުންފުނިން ނިންމައިފި އެވެ.
ވިޔަފާރީގެ ޚަބަރުތައް ގެނެސްދޭ މަޖައްލާއެއް ކަަމަށްވާ "ދަ މެރިޓައިމް އެގްޒެކެޓިވް" އިން އެޑިޑާސްއާ ހަވާލާދީ ބުނީ ގޮނޑުދޮށްތައް ސާފުކުރުމުގެ ތެރޭގައި ނަގާފައިވާ ޕްލާސްޓިކް ބޭނުންކޮށްގެން އެ ކުންފުނިން މިދިޔަ އަހަރު ފަސް މިލިޔަން ބޫޓް އުފެއްދި ކަމަށާއި މިއަހަރު އެފަދަ 11 މިލިޔަން ބޫޓް އުފައްދަން ނިންމާފައިވާ ކަމަށެވެ.
"އަލްޓްރާ ބޫސްޓް އަންކޭޖްޑް ޕާލީ ރަނިން ޝޫ" ގެ ނަމުގައި އެޑިޑާސް އިން 2016 ވަނަ އަހަރު ތައާރަފްކުރި ބޫޓްގެ 95 ޕަސެންޓް އުފެއްދީ ރާއްޖޭގެ ގޮނޑުދޮށްތަކުން ނަގާފައިވާ ޕްލާސްޓިކް ބޭނުންކޮށްގެންނެވެ. އެ ބޫޓްގެ އަނެއް ފަސް ޕަސެންޓަކީ ރިސައިކަލް ކޮށްފައިވާ ޕޮލިސްޓަރެވެ.
ރިސައިކަލްކޮށްފައިވާ ތަކެތި ބޭނުންކޮށްގެން އެ ކުންފުނިން އަންނަނީ އެހެން ބައެއް ތަކެތި ވެސް އުފައްދަމުންނެވެ. އެގޮތުން ޖަރުމަނުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ބަޔާން މިއުނިކްގެ ޖޯޒީ އުފައްދަން ވެސް އެފަދަ ތަކެތި ބޭނުންކުރި އެވެ.
ޕޮލެންޑްގެ ކެޓޮވިޗްގައި ކޮޕް 24 ސަމިޓްގައި އދ. އިން ފެޝަން އިންޑަސްޓްރީއަށް ތައާރަފް ކުރި "ކްލައިމެޓް ޕްރޮޓެކްޝަން ޗާޓަރުގައި ވެސް އެޑިޑާސް އިން ވަނީ ދާދިފަހުން ސޮއިކޮށްފަ އެވެ. އެ އެ ގޮތުން އެޑިޑާސް އިން އެއްބަސްވެފައި ވަނީ ރިސައިކްލްޑް ޕްލާސްޓިކް ބޭނުން ކުރެވެން އޮތް ހުރިހާ އުފެއްދުމެއްގައި އެފަދަ ޕްލާސްޓިކް ބޭނުންކުރަން ފަށާށެވެ. އަދި އެކަން 2024 ވަނަ އަަހަރު އަންނަން ވާއިރަށް ހާސިލުކުރަން ވަނީ އެއްބަސްވެފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސދސސ
12 February 2019
ޕްލާސްޓީކާއި އެއްވަރަށް ނެތަސް އުކާލާފައި ކިތައްމެ ބޫޓޭއް އެބަހުރޭ، ބޫޓުންވެސް ބޫޓް އުފައްދަންވީ ނޫންތޯ. މިކުރާހާވެސް ކަމަކީ ތިމާވެށީގެ ޓެގް އަޅުވައި ބޮޑުއަގުގައި ބޫޓްވިއްކަނީ. އަދި ތިމާވެއްޓޭކިޔައި ޑިއުޓީ ކުޑަކުރަން ރޮކެޓްޖަހަނީ