ލަންޑަނުގެ ކޯޓެއްގައި މައްސަލަ ބަލަން އިން ގާޒީއަކަށް ނިދިއްޖެ

އިނގިރޭސި ވިލާތުގެ ކޯޓެއްގައި އަޑުއެހުން ކުރިއަށް ދަނިކޮށް ގާޒީ އަށް ނިދި ޖެހުނު މައްސަލައެއް ހޫނުވެ އެންމެ ފަހުން ގާޒީ މާފަށް އެދިވަޑައިގެންފި އެވެ.


މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މައްސަލަ ކުރިއަށް ދަނިކޮށް ނިދާފައި ވަނީ ލަންޑަނުގެ ހައި ކޯޓްގެ ފެމިލީ ޑިވިޝަންގެ އަންހެން ގާޒީ ޖަސްޓިސް ޕާކާ، 68، އެވެ. އޭނާއަކީ އެ މަގާމަށް 2008 ގައި އައްޔަންކޮށްފައިވާ މީހެކެވެ.

ބީބީސީން ބުނި ގޮތުގައި ޕާކާއަކީ ފެމިލީ ކޯޓްގައި މިހާރު އިންނެވ އެންމެ ދުވަސްވީ ޖަޖެވެ.

ކޯޓްތަކާ ބެހޭ ޖުޑިޝަލް ކޮންޑަކްޓް އިންވެސްޓިގޭޝަންސް އޮފީސް (ޖޭސީއައިއޯ) އިން ބުނީ ގާޒީ ނިދި ކަމަށް ބުނާ މައްސަލައިގެ ޝަކުވާ އެތަނަށް ހުށަހަޅާފައި ވަނީ މައްސަލަ ރައްދުވާ ފަރާތުން ކަމަށާއި އެކަން މިހާރު ބަލަމުން އަންނަ ކަމަށެވެެ. އެކަމަކު މި ހާދިސާއެއް ހިނގީ ކޮން ދުވަހަކު، ކޮން އިރަކު ކަމެއް އެތަނުން ނުބުނެ އެވެ.

ޖޭސީއައިއޯ އިން ބުނީ ޖަޖަށް ނިދުނު މައްސަލާގައި އޭނާ އަމިއްލަ އަށް މާފަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

އެކަމަކު ޝަރުއީ ޖުޑީޝަރީ އަށް އޮންނަން ޖެހޭ އިތުރުބާރަށް ބުރޫ އަރާ ކަހަލަ ކަމެއް ވަކީލުންނާއި ގާޒީންގެ ފަރާތުން ފެނި ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ފެނިއްޖެ ނަމަ އެފަދަ މައްސަލަތައް ސީރިއަސްކޮށް ބަލާ ކަމަށް ބުންޏެވެ.