ދަރިވަރަކު ހޯމްވޯކް ނުހެދި ސަބަބަށް ބޮޑު ސަމާލުކަމެއް

ސްކޫލްތަކުގައި ދޭ ފިލާވަޅުތަކުގެ އިތުރަށް ގޭގައި ހޯމްވޯކް ހަދަން ދިނުމަކީ ދަރިވަރުން ބައެއް ފަހަރު އެހާ ގަޔާވާ ކަމަކަށް ނުވެ އެވެ. ވަކިން ހާއްސަކޮށް ހަފުތާ ބަންދަކާ ދިމާކޮށް ހޯމްވޯކް ދީފި ނަމަ އެއީ އަދި ވަކިން ފޫހި ކަމަކަށްވެ އެވެ.


މިއީ ބެލެނިވެރިންގެ މެދުގައި ވެސް ކަންބޮޑުވުންތަކެއް ހުރި މައްސަލައެކެވެ. އެހެންވެ ހޯމްވޯކަކީ މި ފަހަކަށް އައިސް ބަހުސް ކުރެވޭ މައްސަލައެކެވެ.

އެމެރިކާގެ ކެލިފޯނިއާގެ ސްކޫލެއްގައި ކިޔަވާ 14 އަހަރުގެ ދަރިވަރަކު ހޯމްވޯކް ނެހެދި ސަބަބު ލިޔެދޭން އެދުމުން މިއޮތީ ވަރަށް ތަފުސީލުކޮށް ސަބަބުތައް ކިޔައިދީފަ އެވެ.

އެޑްވަޑް ކޯޓޭޒް ލިޔުނު ދިގު ޕެރަގްރާފް ފޮޓޯއެއް ނަގައި، އޭނާގެ ބެލެނިވެރިންނަށް، ޓީޗަރު މެއިލް ކުރުމުން އެޑްވަޑްގެ ބޮޑުދައިތަ ލީޑިއާ ޓްވިޓާގައި އެ ލިޔުން ހިއްސާކުރުމުން ވަރަށް ބޮޑަށް ވައިރަލްވި އެވެ.

އެ ލިޔުމުގައި އެޑްވަޑް ބުނީ ހޯމްވޯކް ނެހެދީ ހަފުތާ ބަންދަކީ އޭނާ "ސްޓްރެސް ފްރީކޮށް" ހޭދަކޮށްލަން ބޭނުންވާ ވަގުތުތަކެއް ކަމަށްވާތީ އެވެ. އެގޮތުން ހަފުތާބަންދަކީ ރައްޓެހިންނާ އެކީ ކުޅެ، މަޖާކޮށް، ސަކަރާތް ޖަހައި، ޓީވީ ބެލުން ކަހަލަ ކަންކަން ކުރަން ލިބޭ ވަގުތު ކަމަށް ބުންޏެވެ.

"ހަފުތާ ބަންދުގައި ހޯމްވޯކް ހެދުމަކީ އަހަރެން އެއްގޮތަކަށް ވެސް ގަޔާވާ ކަމެއް ނޫން. އެއީ އަހަރެން މޮޔަކޮށްލާ ކަހަލަ ކަމެއް. ހަފުތާ ބަންދު ހޭދަކޮށްލަން ބޭނުންވަނީ އުފަލާއި މަޖަލުގައި. އަދި އަހަންނަކީ އުފާވެރިކޮށް ހުންނަން ބޭނުންވާ މީހެއް،" އެޑްވަޑް ލިޔެފައިވެ އެވެ.

އޭނާ ބުނީ "ސްޓްރެސް ވުމުން އަހަރެންގެ ބޮލުން ނުރަ ވެސް ފެންނަ ކަމަށް މަންމަ ބުނެފައިވާ" ކަމަށާއި "ހޯމްވޯކަކީ ހަގީގަތުގައި ގަބޫލު ވެސް ކުރާ އެއްޗެއް ނޫން" ކަމަށެވެ.

ހޯމްވޯކް ނަހަދާ މައްސަލާގައި ފަހު ބަސް އިއްވަމުން އެޑްވަޑް ބުނީ "ސަބަބުތައް ސާފުކޮށް ދެވިއްޖެ" ކަމަށާއި "މައްސަލަ މި ހިސާބުން ނިމުނީ" ކަމަށެވެ.

އޭނާގެ މި ވާހަކަތަކަށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރި ގިނަ ބަޔަކު ބުނީ އެޑްވަޑްގެ ވާހަކަތަކަށް ތާއީދު ކުރެވޭ ކަމަށާއި އެއީ ގަބޫލު ކުރެވޭ ކަހަލަ އުޒުތުރަކެއް ކަމަށެވެ.

ބައެއް މީހުން އަދި ބުނީ އެޑްވަޑް އޭނާގެ މި ލިޔުމަކީ މޮޅު ވަކީލަކަށް ވެދާނެ ކަމުގެ ހެއްކެއް ކަމަށެވެ. އެކަމަކު އެ ވާހަކަ އަށް އިޝާރާތްކޮށް ބައެއް މީހުން ބުނީ ވަކީލުން ނޫނީ އެހާ ގިނައިން ގޭގައި ހޯމްވޯކް ހަދާ ބަޔަކު ނުތިބޭނެ ކަމަށެވެ.

އަދި މިއަށް ހިޔާލު ފާޅު ކުރި ޓީޗަރަކު ބުނެފައިވާ ގޮތުގައި އޭނާ ވެސް ގަބޫލުކުރާ ގޮތުގައި ހަފުތާބަންދާ ދިމާކޮށް ހޯމްވޯކް ދިނުމަކީ ރަނގަޅު ކަމެއް ނޫނެވެ.

"އެޑްވަޑްގެ ވާހަކަތަކަށް ސަތޭކަޕަސަންޓް ތާއީދު. ހަފުތާބަންދުގައި ހަދަން އެސައިމަންޓް ދޭ ނަމަ ދަރިވަރުން ސްކޫލަށް ދާ ހިތްކެނޑި ކިޔެވުމަށް ވެސް ފޫހި ވާނެ،" އޭނާ ބުންޏެވެ.