ދުންފަތުގެ އިސްތިއުމާލުކުރުމުން ލޮލުގެ ފެނުން ބަލިކަށިވޭ

ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ލޮލުގެ ފެނުމަށް ނޭދެވޭ އަސަރުކުރާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.


ދިރާސާގެ ނަތީޖާ ދެއްކި ގޮތުގައި، ގަދަޔަށް ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ރަނގަޅަށް ކުލަތައް ސާފު ނުވުމާއި ފުސްކޮށް ފެނުން ފަދަ މައްސަލަތައް ދިމާވެ އެވެ.

މިއީ މުޅި އުމުރުގައި 15 ސިނގިރެޓަށް ވުރެ މަދުން ބޮއެފައިވާ، ސިއްހަތު ރަނގަޅު 71 މީހަކާއި ދުވާލަކު 20 ސިނގިރެޓަށް ވުރެ ގިނައިން ބުއި 63 މީހަކު ބައިވެރިކޮށްގެން ކުރި ދިރާސާއެއްގެ ނަތީޖާ އެވެ. މި ދިރާސާގެ ބައިވެރިންގެ އުމުރު އުޅެނީ 25-45 އާ ދެމެދުގަ އެވެ.

މި މީހުންގެ ފަރާތުން އެއްކުރި މައުލޫމާތުން އެނގުނީ ގަދަޔަށް ދުންފަތުގެ އިސްތިއުމާލުކުރި މީހުންނަށް ރަތް-ފެހި އަދި ނޫ-ރީނދޫ ކުލަ ފެންނަލެއް ވަރަށް ބޮޑަށް ތަފާތުކަމެވެ. އަދި ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނާ އަޅާބަލާއިރު މި މީހުންނަށް އެއްޗެހީގެ ކުލަ ފުރިހަމަ އަށް ބުނެދޭން ނޭނގުމާއި ސާފުކޮށް ނުފެނުމުގެ މައްސަލަ ފާހަގަވި އެވެ.

"ދިރާސާ އިން އެނގުނީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުމަކީ ލޮލުގެ ފެނުމަށް ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާ ކަމެއްކަން،" ދިރާސާކުރުމުގައި ބައިވެރިވެ ވަޑައިގެންނެވި، ރަޖާސް ޔުނިވަސިޓީ ބިހޭވިއަރަލް ހެލްތު ކެއާގެ ތަޖުރިބާކާރެއް ކަމަށްވާ ސްޓީވެން ސިލްވާސްޓެއިން ވިދާޅުވި އެވެ.

ސިލްވާސްޓޭއިން ވިދާޅުވީ ސިކުނޑީގެ އެކި ބައިތަކަށް ގެއްލުން ދޭ ކެމިކަލް ދުންފަތުގައި ހުންނަ ކަމަށާއި އެގޮތުން، ލޮލުގެ ފެނުމާ ގުޅުން ހުންނަ ހިސާބުތަކަށް ވެސް ދުންފަތުން ގެއްލުންވާ ކަމަށެވެ. އޭނާ ވިދާޅުވީ އުމުރުން ދުވަސްވުމުގެ ސަބަބުން ލޮލަށް ދިމާވާ މައްސަލަތައް ދުންފަތުގެ ސަބަބުން ދެ ގުނަ ބޮޑުވާ ކަމަށް މީގެ ކުރީގެ ދިރާސާތަކުން ދައްކާފައިވާ ކަމަށެވެ.

މި ދިރާސާ ސައިކޭޓްރީ ރީސާޗް ޖާނަލްގައި ވަނީ ޝާއިއުކޮށްފަ އެވެ.