މެލޭޝިއާގެ 85 މިސްކިތެއްގައި "ހަނޑޫ އޭޓީއެމް" ބަހައްޓަނީ

މެލޭޝިއާގެ އަލް އަކްރަމް މިސްކިތުގައި ހުކުރު ދުވަހު "ހަނޑޫ އޭޓީއެމް" އެއް ބަހައްޓައި ފަގީރުންނަށް ހަނޑޫ ލިބޭނެ އިންތިޒާރު ހަމަޖައްސައިފި އެވެ.


މުޅިން އަލަށް ފެށި މި މަސައްކަތުގައި 85 މިސްކިތެއްގައި ހަނޑޫ އޭޓީއެމް ބަހައްޓާނެ ކަމަށް ފެޑެރަލް ޓެރިޓަރީސް އިސްލާމިކް ރިލިޖަސް ޑިޕާޓްމަންޓް (ޖާވީ) އިން ބުންޏެވެ.

ޖާވީ ޑިރެކްޓަރު މުހައްމަދު އަޖީބް ވިދާޅުވީ މެލޭޝިއާގައި މިއީ އަލަށް ބެހެއްޓި މެޝިނެއް ކަމަށެވެ. މީގެ މެޝިނެއްގެ އަގަކީ 19،000 ރިންގިޓް ކަމަށާއި މިއީ ޒަކާތުން މީހަކަށް ހައްގުވާ މިންވަރަށް ހަނޑޫ ދޫކުރުމާއި އެހީވާން ބޭނުންވާ މީހުންނަށް އެހީ ދެވޭ ގޮތަށް ޑޮނޭޝަން ބޮކްސްއެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭ މެޝިނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަނޑޫ އޭޓީއެމް" އިފްތިތާހު ކުރަނީ

"ކުންފުނިތަކުގެ އިޖުތިމާއީ ޒިންމާގެ ދަށުން މިކަމުގައި އެހީތެރިވެދީ އިތުރު މެޝިންތައް ބަހައްޓައިދޭން މަރުހަބާ ކިޔާނަން،" އަޖީބް ވިދާޅުވި އެވެ.

މި މެޝިނުން ހަނޑޫ ނެގޭނީ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް ދޫކުރާ ކާޑެއް ބޭނުންކޮށްގެންނެވެ. އެގޮތުން ކޮންމެ ހަފުތާއަކު ދެ ކިލޯގެ ހަނޑޫ ކޮންމެ ކާޑަކުން ވެސް ނެގޭނެ އެވެ.