އެމެރިކާ ފުލުހަކު ޑިއުޓީގައި އުޅުނު ގޮތަކުން އެތައް ބައެއްގެ ލޯބި

ފުލުހުންނަކީ ވަރަށް ގިނައިން ފާޑުކިޔުންތައް އަމާޒުވާ ބައެކެވެ. އެކަމަކު ބައެއް ހާލަތްތަކުގައި ފުލުހުންގެ ފަރާތުން ފެންނަ ބައެއް ކަންކަމުން އެތައް ބައެއްގެ ލޯތްބާއި ތައުރީފު ވެސް އޮހެ އެވެ.


އެމެރިކާގެ ވާޖީނިއާގެ ފުލުހެއް ކަމަށްވާ ސީބީ ފްލެމިންގަށް މިހާރު އެތައް ބައެއްގެ ލޯތްބާއި ތައުރީފު އަންނަނީ އޮހެމުންނެވެ.

އީޝާ ރޯޕާ ބޯޒްވެލް ކިޔާ މީހަކު ފޭސްބުކްގައި މި މަހުގެ 15 ވަނަ ދުވަހު ޕޯސްޓް ކުރި ވީޑިއޯއެއްގައި ފެންނަނީ ފުލުސް އޮފިސަރު ފްލެމިންގް ކުޑަކުދިންތަކަކާ އެކު ކުޅޭ މަންޒެރެވެ. ޑިއުޓީގައި އުޅެނިކޮށް ލިބުނު ކޯލެއްގައި އޭނާ ދިޔައީ ނުރައްކާތެރި ހާދިސާއަކުން އާއިލާއެއް ސަލަމާތް ކުރާށެވެ. އެކަމަކު މި މަހުގެ 14 ވަނަ ދުވަހު، ގޭސް ލީކްވެގެން މައްސަލަ ރިޕޯޓް ކުރި އެޕާޓްމަންޓަށް ދިޔަ އިރު ނުރައްކާތެރި ހާލަތެއް ނެތެވެ.

އެހެންވެ ދެން ފްލެމިންގެ ބޭނުންވީ އެނބުރި ދިއުމުގެ ކުރިން ގޭގައި ތިބި ކުދިންނާ އެކު ކުޅެލާށެވެ. އެކަން ކުރަން އޭނާ ބޭނުންވީ ވީޑިއޯ އާއި ފޮޓޯ ޕޯސްޓް ކުރި އީޝާ ބުނި ވާހަކައަކުންނެވެ.

"އަހަރެން އޮފިސަރު ކައިރީ ބުނިން ކުދިން ވަރަށް ބިރުގަނެއޭ ފުލުހުން ފެނުނީމަ. އެކަމަކު އޭނާ ދާން ނުކުތް ފަހުން ފެނުނީ ކުދިންނާ އެކު ބިންމަތީގައި އޮށޯވެގެންނާއި އިށީނދެގެން އިނދެ ކުޅެނިކޮށް،" އޭނާ ސީއެންއެން އަށް ބުންޏެވެ. "އެހެންވެ ވަގުތުން ވީޑިއޯ ކުރީ. ހިތަށް އެރި މި މަންޒަރު ވީޑިއޯކޮށްފައި އާންމުކޮށްލީމަ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭނެ. ކަންދިމާވީ ވެސް ހަމަ އެހެން."

އެޕާޓްމަންޓްގެ ބޭރުގައި ތިބި ކުދިންނާ އެކު ހޭދަ ކުރި ވަގުތުކޮޅުގެ ތެރޭގައި އެ ކުދިންނާ އެކު ފްލެމިންގް ކުރަހައި، ކުލަ ޖައްސައި ބޯޅަ ބެސް ކުޅެ ހެދި އެވެ.

ކޮށްލެވުނު ކުޑަކުޑަ ކަމަކުން އެތައް ބައެއްގެ ލޯބި ލިބެން ފެށުމުން ފުލުހުންގެ ވަޒީފާގައި 15 އަހަރު ހޭދަކޮށްފައިވާ ފްލެމިންގް ބުނީ އާންމުންގެ ލޯބި ފުލުހުންނަށް ލިބުމަކީ ހިދުމަތުގައި ދެމި ހުންނަން ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށެވެ. އަދި އަބަދު ވެސް ގަބޫލު ކުރާ މޮޓޯއަކީ "ޓް ޕްރޮޓެކްޓް އެންޑް ސާވް" ކަމަށް ބުންޏެވެ.

"ފުލުހެއްގެ ފަރާތުން ބަޔަކު އުފާވާ ކަހަލަ ކަމެއް ކޮށްދެއްވިއްޖެ ނަމަ އެއީ އެންމެ ބޮޑު އުފަލަކީ،" ފްލެމިންގް ބުންޏެވެ.