ބަނޑުގައި ދަރިފުޅު މަރުވާތާ އަހަރު ދުވަސްތެރޭ ބަލިވެ އިނަސް ނުރައްކާ ބޮޑެއް ނުވޭ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިރުޝާދު ދޭ ގޮތުގައި ބަލިވެ އިނދެ ވިހެއުމަށް ފަހު، އަލުން ބަލިވެ އިންނަ ނަމަ އެ ދޭތެރެއަށް މަދުވެގެން 18-24 މަހާ ދެމެދުގެ މުއްދަތެއް ދިނުން ރަނގަޅެވެ.


އަލަށް ހެދި ދިރާސާ އަކަށް ފަހު ބުނި ގޮތުގައި ބަލިވެ އިންދައި ދަރިފުޅު މަރުވާ އަންހެނުން އަހަރެއް ނުވަނީސް އަލުން ބަލިވެއިނުމަކީ ސިއްހީ ގޮތުން ނުރައްކަލެއް ނޫނެވެ.

އެހެންވެ އެއީ ފިކުރު ބޮޑުވާން ޖެހޭ މައްސަލައެއް ނޫން ކަމަށާއި އަލުން ބަލިވެ އިނދެ ދަރިއަކު ހޯދަން ބޭނުންވާ އަންހެނެއް ނަމަ އެގޮތަށް އަމަލު ކުރުން ރަނގަޅު ކަމަށް ވެސް ދިރާސާގައި ބުންޏެވެ. އަދި އެއީ ދަރިފުޅު ގެއްލުމުން ކުރިމަތިވާ ނަފުސާނީ މައްސަލަތަކުން އަރައިގަންނަން ވެސް ބާރުއަޅާ ކަމެއް ކަމަށް ބުންޏެވެ.

މި ދިސާރާ ހެދުމަށް ވަނީ ބަލިވެ އިންދައި އަދި ވިހެއުމުގެ ތެރޭގައ ދަރިން މަރުވުމަށް ފަހު، އަވަހަށް ބަލިވެ އިނދެ ދަރިން ހޯދި 14،000 މައިންގެ ސިއްހީ މައުލޫމާތުތައް ދިރާސާކޮށްފަ އެވެ. އެ މީހުންގެ ސިއްހީ ރިކޯޑްތަކުން ކަންބޮޑުވާން ޖެހޭ ވަރުގެ އެއްވެސް "ކޮމްޕްލިކޭޝަން" ކޭހެއް ފާހަގަކުރެވިފައި ނުވާ ކަމަށް ވެސް ބުންޏެވެ.

ނަމަވެސް އޭގައި ފާހަގަކޮށްފައިވާ ގޮތުގައި، ވިހެއުމުގެ ތެރޭގައި ދަރިން މަރުވާ މީހުންނަށް، އަލުން ބަލިވެ އިނުމާ މެދު ގިނަ ގައުމުތަކުގައި އެކަށީގެންވާ ވަރަށް މައުލޫމާތެއް ފޯރުކޮށެއް ނުދެވެ އެވެ. އަދި އެކަމަށް ހުރި ގައިޑްލައިންތައް ވެސް މަދެވެ.

ދިރާސާ ހެދި ޓީމްގައި ހިމެނިވަޑައިގަންނަވާ މެންޗެސްޓާ ޔުނިވަސިޓީގެ ޕްރޮފެސަރު، ރޯޔަލް ކޮލެޖް އޮފް އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީ އަދި ސްޓިލްބާތު ޗެރިޓީ ޓޮމީޒްގެ ތަރުޖަމާން އެލެކްސް ހީޒެލް ވިދާޅުވީ މާބަނޑު ދުވަސްވަރު ނުވަތަ އުފަންވުމުގެ ތެރޭގައި ދަރިފުޅު މަރުވާ އަންހެނުން ކަންބޮޑު ނުވުމުގެ މެސެޖު އެ މީހުންނަށް ފޯރުކޮށްދޭންޖެހޭ ކަމަށެވެ.

މާބަނޑު އަންހެނުންތަކެއް: ބަލިވެ އިނުމުގެ ދޭތެރޭ އަވަސް ކުރުމަކީ މައްސަލައެއް ނޫން ކަަމަށް ދިރާސާއެއްގައި ބުނޭ.

"މީގައި އެންމެ މުހިއްމު އެއް ކަމަކީ ސްޓިލްބާތު ތަޖުރިބާ ކުރަން ޖެހޭ މައިންނަށް އެ މީހުންގެ ދަރިފުޅު މަރުވި ސަބަބު ވީހާ ވެސް ބޮޑަށް ސާފުކޮށް ދިނުން،" އޭނާ ވިދާޅުވި އެވެ. "އޭގެ ސަބަބުން ނަފުސާނީ ގޮތުން އަލުން އޭނާ ތައްޔާރުވާން ބާރު އަޅާނެ."

ޕްރޮފެސަރު ފާހަގަކުރެއްވި އެފަދަ އަންހެނުން ބަލިވެ އިނުން އަހަރަކަށް ވުރެ ގިނަ ދުވަހަށް ލަސްކުރަން ޖެހޭ ޖިސްމާނީ ސަބަބެއް ވެސް ނެތެވެ. އެހެންވެ ދަރިއަކު ހޯދަން ބޭނުންވާ ނަމަ އެކަން އަވަސް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވި އެވެ.