ދެކުނު ޕެސިފިކްގެ ކުކް އައިލެންޑްސްގެ ނަން ބަދަލުކުރަން އަނެއްކާ ވެސް ރައްޔިތުންގެ ވޯޓަކަށް ދަނީ

ދިފާއީ އަދި ހާރިޖީ ކަންކަމުގައި ނިއުޒިލެންޑްގެ ޒިންމާތަކުގެ ދަށުގައި އޮތް ނަމަވެސް، ވަކި ދައުލަތެއްގެ ގޮތުގައި ހިނގަމުން އަންނަ ދެކުނު ޕެސިފިކްގެ ކުކް އައިލެންޑްސްގެ ނަން ބަދަލުކުރަން އަނެއްކާ ވެސް ނިންމައިފި އެވެ


ތާރީހާއި ސަގާފަތާއި ރަށުގެ ރައްޔިތުން ވެސް ރަމްޒުކޮށްދޭ ކަހަލަ ނަމަކަށް، 10 ރަށުގެ މައްޗަށް އެކުލެވޭ ކުކް އައިލެންޑްސްގެ ނަން ބަދަލުކުރަން ނިންމާފައިވާ އިރު، މިކަމަށް ރިފަރެންޑަމަކަށް ދާން އަދި ދެ އަހަރުވަރު ނަގާނެ އެކަމަށް ކަނޑައަޅާފައިވާ ކޮމެޓީގެ ޗެއާ ޑެނީ މަޓަރާއޯ ވިދާޅުވި އެވެ.

"މިއީ ހަގީގަތުގައި ވެސް ވަރަށް ބޮޑު އަދި އެހާމެ މުހިއްމު ނިންމުމެއް. އެހެންވެ ވަރަށް ގިނަ ކަންކަމަށް ބެލުމަށް ފަހު ނަން ބަދަލު ކުރާނީ،" އޭނާ ރޮއިޓާޒް އަށް ވިދާޅުވި އެވެ. "މިކަމަށް ރިފަރެންޑަމަކަށް ދާން އަދި ދެ އަހަރު ނަގާނެ ކަމަށް ގަބޫލު ކުރެވޭ."

ކުރިން އިނގިރޭސިންގެ ދަށުގައި ވެސް އޮތް ކުކް އައިލެންޑްސް އަށް ރަށުގެ ހައިބަތު ދައްކުވައިދޭ ކަހަލަ ނަމެއް ކިޔަން ނިންމާފައިވާ އިރު، 60 ވަރަކަން ނަން މިހާރު ވެސް ވަނީ ލިސްޓްކޮށްފަ އެވެ. އޭގެ ތެރޭގައި ރަންޖިއާރޯ (ލަވް ފްރޮމް ދަ ހެވެންސް) އަދި ރަރޯޓުއާ (ވީ ސްޓޭންޑް އަންޑަ ގޯޑް) ހިމެނެ އެވެ.

ކުކް އައިލެންޑްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު މާކް ބްރައުން ރޭޑިއޯ ނިއުޒިލެންޑަށް ވިދާޅުވި ގޮތުގައި ރަށުގެ ނަން ބަދަލުކުރުމަކީ ވަރަށް ތާއީދު ކުރައްވާ ކަމެކެވެ. އަދި ރަށަށް ކިޔަން ވާނީ ސަގާފީ ނަމެއް ކަމަށް ވިދާޅުވި އެވެ.

ކުކް އައިލެންޑްސްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު މާކް ބްރައުން.

މީގެ ކުރިން 1994 ގައި ވެސް ކުކް އައިލެންޑްސްގެ ނަން ބަދަލު ކުރަން ރައްޔިތުންގެ ވޯޓަކަށް ދިޔަ އެވެ. އެ ފަހަރު ރައްޔިތުން ވަނީ އެކަމަށް ނޫނެކޭ ބުނެފަ އެވެ.

ކުކް އައިލެންޑްސް އަށް އެ ނަން ދީފައި ވަނީ 1700 ގެ އަހަރުތަކުގެ ތެރޭގައި އެ ރަށަށް އެންމެ ފުރަތަމަ ދަތުރު ކުރި އިނގިރޭސި އެކްސްޕްލޯރާއެއް ކަމަށްވާ ޖޭމްސް ކުކް އަށް ނިސްބަތްކޮށެވެ. މިހާރު އަށާރަ ހާއެއްހާ މީހުންގެ އާބާދީ އޮތް ކުކް އައިލެންޑްސް ވަކި ދައުލަތެއްގެ ގޮތުގައި ހިންގަން ފެށީ 1965 ގަ އެވެ.