ބައްޕަގެ އުފަން ދުވަސް ފާހަގަކުރަން ބިލްބޯޑެއް ބަހައްޓައިފި

ބައްޕަގެ 62 ވަނަ އުފަން ދުވަސް ފާހަގަކުރަން ދަރިން ކުރި ކަމަކުން އޭނާ އަށް އެތައް ބައެއްގެ ފަރާތުން އުފަން ދުވަހުގެ ތަހުނިޔާގެ ފޯނު ކޯލު ލިބެން ފަށައިފި އެވެ.


ހޮނިހިރު ދުވަހު 62 އަހަރު ފުރޭ، އެމެރިކާގެ ނިއު ޖާޒީގެ ކްރިސް ފެރީގެ ދެ ފިރިހެން ދަރިން ވަނީ އޭނާ އަށް ގިނަ ބައެއްގެ ފަރާތުން އުފަން ދުވަހުގެ ތަހުނިޔާ ލިބޭނެ ގޮތް ހެދުމުގެ ގޮތުން ލިންވުޑްގައި ބޮޑު ބިލްބޯޑެއް ބަހައްޓައިފަ އެވެ. އޭގައި ކްރިސްގެ ފޮޓޯއަކާ އެކު "ވިޝް މައި ޑޭޑް ހެޕީ ބާތުޑޭ" ޖަހާފައި، ކްރިސްގެ ފޯނު ނަމްބަރު ވެސް ވަނީ ހިމަނައިފަ އެވެ. އެހެންވެ އެތައް ބަޔަކު ގުޅާފައި މިހާތަނަށް އޭނާ އަށް އުފަން ދުވަހުހެ ތަހުނިޔާ ކިޔާފައިވެ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މަހުގެ ހަ ވަނަ ދުވަހު ޖެހި ބިލްބޯޑާ އެކު ކްރިސް އަށް 15،000 އަށް ވުރެ ގިނަ ކޯލް މިހާތަނަށް ލިބިފައިވެ އެވެ. އަދި ގުޅާފައި އުފަން ދުވަހުގެ ތަހުނިޔާ ކީ ގިނަ މީހުންނަކީ އޭނާ ނުވެސް ދަންނަ މީހުންނެވެ.

އޭގެ ތެރޭގައި ފިލިޕީންސް، ކެންއާ، އަޔަލެންޑް، ލަގްޒެންބާގް، އޮސްޓްރޭލިއާ، ގޮއެޓަމާލާ އަދި ނޭޕާލުން ގުޅި މީހުން ވެސް ހިމެނެ އެވެ. އެކަމަކު ކޯލްތަކަށް ކުރީކޮޅު ޖަވާބު ދިނަސް، އެކަން އެންމެ ފަހުން ކުޅަދާނަވާ ވަރުގެ ކަމަކަށް ނުވެގެން ފަހުން، ފޯނު ކުރި މީހުންނަށް ކްރިސް ޝުކުރު އަދާކޮށް ޓެކްސްޓް މެސެޖް ވެސް ފޮނުވި އެވެ.

ނަމަވެސް އެވަރުން ވެސް ފޯނު މައިތިރި ނުވާތީ ތަހުނިޔާ ކިޔަން ގުޅާ މީހުންނަށް ފަހުން ވަނީ ކްރިސްގެ ވޮއިސް މެސެޖެއް ލިބޭ ގޮތަށް ހަދައިފަ އެވެ. އެ މެސެޖްގައި ބުނަނީ "އުފަން ދުވަހުގެ ތަހުނިޔާ ކިޔަން ގުޅީތީ ޝުކުރު އަދާކުރާ ކަމަށާއި ހެޔޮހިތުން އެކަން ބަލައިގަންނަން" ކަމަށެވެ.

މީޑިއާތަކަށް ކްރިސް ބުނީ އޭނާގެ އުފަން ދުވަސް ފާހަގަކުރަން ބިލްބޯޑެއް ޖެހިކަން ވެސް އެނގުނީ ނިކް ކިޔާ މީހަކު ގުޅާފައި ތަހުނިޔާ ކިޔުމުން ކަމަށެވެ.

"ނުވެސް ދަންނަ މީހަކު އުފަން ދުވަހުގެ ތަހުނިޔާކީމަ އަހަރެން އެހިން ކިހިނެއްހޭ އެނގުނީ އަހަރެން އުފަން ދުވަަސް އަންނަކަން،" އޭނާ ބުންޏެވެ. "ދެން އޭނަ ބުނެފި ބިލްބޯޑަކުންނޭ ފެނުނީ. އޭގައި އެބަ އިނޭ ނަންބަރު ވެސް ޖަހާފައި."

ކްރިސްގެ ދެ ދަރިން ކަމަށްވާ މައިކަލް އާއި ކްރިސް ސީއެންއެން އަށް ބުނި ގޮތުގައި ބައްޕަގެ އުފަން ދުވަސް، އަންނަ އަހަރު ފާހަގަކުރަން ވެސް އެ މީހުން ތަފާތު ކަމެއް ކުރާނެ އެވެ.

ކްރިސް ވެސް ހުރީ ދަރިންގެ ފަރާތުން ލިބުނު ސަޕްރައިޒާ ދޭތެރޭ ވަރަށް އުފާވެފަ އެވެ. އޭނާ ބުނީ 62 ވަނަ އުފަން ދުވަސް ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށެވެ.