ޖަރުމަނަށް ދާން އޮތް ބްރިޓިޝް އެއާވޭސްގެ ބޯޓަކަށް އޮޅިގެން ސްކޮޓްލެންޑަށް

ޖަރުމަނަށް ދާން އިނގިރޭސި ވިލާތުގެ ލަންޑަނުން ފުރި ބްރިޓިޝް އެއާވޭސްގެ ބޯޓެއް، އޮޅިގެން ސްކޮޓްލެންޑަށް ޖައްސައިފި އެވެ.


ލަންޑަން ސިޓީ އެއާޕޯޓުން ފެށި ދަތުރު ނިމެން ޖެހޭނީ ޖަރުމަނުގެ ޑުލެސްޑޯފަށެވެ. ފަސިންޖަރުންނަށް ހައިރާންކަން ލިބުނީ ބައެއް ފަހަރު، ޖައްސަންޖެހޭ ސިޓީ ނޫން އެހެން ސިޓީއެއްގެ އެއާޕޯޓަށް ޖެއްސި ނަމަވެސް މި ދަތުރުގައި ގައުމު ވެސް ބަދަލުވުމުންނެވެ.

ބޯޓުން ދަތުރުކުރި މީހަކު ބީބީސީ އަށް ބުނި ގޮތުގައި ބޯޓު ޖެއްސުމަށް ފަހު ޕައިލެޓް ވަނީ ސްކޮޓްލެންޑުގެ އެޑިންބާގް ސިޓީ އަށް މަރުހަބާ ކަމަށް ބުނެ އެނައުންސްމަންޓެއް ދީފަ އެވެ. މިގޮތަށް އެނައުންސްމަންޓް އައުމުން ބައެއް ފަސިންޖަރުން ހީކުރީ ޕައިލެޓް ސަމާސާއެއް ކޮށްލީ ކަމަށެވެ.

އެކަމަކު ހަމަ އެއާ އެކު ދެ ވަނަ އެނައުންސްމަންޓެއް އައި ކަމަށާއި، ޑުސެލްޑޯފަށް ދާން ބޭނުންވާ މީހުން އަތްމައްޗަށް ނަގަން އެދުނު ކަމަށް، ބީބީސީ އަށް ވާހަކަ ދެއްކި ސޯފީ ކޫކް ބުންޏެވެ. އޭނާ ބުނީ ހުރިހާ ފަސިންޖަރުން އަތްމައްޗަށް ނެގި ކަމަށެވެ.

ބޯޓުން ދަތުރުކުރި އެތައް ބަޔަކު ސޯޝަލް މީޑިއާގައި ވަނީ އެ މީހުންނަށް މި ކުރެވުނު ތަޖުރިބާ މަޖާ ގޮތްގޮތަށް ކިޔައިދީފަ އެވެ.

ފަސިންޖަރުން ބުނި ގޮތުގައި މިއީ ކިހިނެއް ދިމާވި ހާދިސާއެއްކަން ނޭނގޭ ކަމަށް ވެސް ޕައިލެޓް އިއުލާނުކުރި އެވެ. އެކަމަކު ބްރިޓިޝް އެއާވޭސް އިން ބުނީ މިހެން ދިމާވީ އެއާލައިނަށް ފްލައިޓް އޮޕަރޭޓްކޮށްދިން ޑަބްލިޔުޑީއެލް އޭވިއޭޝަނުން ނުބައި ޕްލައިޓް ޕާތެއް ފައިލްކުރުމުން ކަމަށެވެ. ޕައިލެޓް ފޮލޯކުރީ އެޑިންބާގަށް އޮތް މަގެވެ. އަދި އެއާ އެއްގޮތަށް އެއާ ޓްރެފިކް ކޮންޓްރޯލުން ވެސް އަމަލުކުރީ އެވެ. މި ދަތުރުކުރި ބޯޓު، އޭގެ ކުރީ ދުވަހު އެޑިންބާގަށް ދިޔަ ކަމަށާއި އެހެންވެ އެ ގޮތަށް، ޖެހިގެން އައި ދުވަހު ވެސް ދަތުރު ޝެޑިއުލްކުރެވިފައި އޮތީ ކަމަށް އެއާލައިނުން ބުންޏެވެ.

އޮޅިގެން ކުރެވުނު ދަތުރުގައި ސްކޮޓްލެންޑުގައި ދެ ގަޑިއެއްހާއިރު އޮތުމަށް ފަހު ތެޔޮ އަޅައިގެން ޖަރުމަނަށް ވަނީ ދަތުރުކޮށްފަ އެވެ.