ވިހޭތާ 26 ދުވަސް ފަހުން ދެ ވަނަ ދަރިއެއް

ބަންގްލާދޭޝްގައި، އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިން ޒުވާން އަންހެނަކު އެއް ކުއްޖަކު ވިހޭތާ 26 ދުވަސް ފަހުން ދެ ވަނަ ކުއްޖާ ވިހައިފި އެވެ.


އުމުރުން 20 އަހަރުގެ އާރިފާ ސުލްތާނާ އަށް އެންމެ ފުރަތަމަ ދަރިފުޅު ދުވަސް ނުފުރާ ލިބުނީ މިދިޔަ މަހު އެވެ. އާދައިގެ ގޮތުގައި ވިހޭ އެ ފިރިހެން ކުއްޖާ ލިބުނު އިރު އަންހެން މީހާގެ ދެ ވަނަ ޔޫޓެރަސްއެއް އިން ކަމެއް ޑޮކްޓަރުންނަކަށް ނޭނގެ އެވެ.

"އަންހެން މީހާއަކަށް ވެސް ނޭނގެ އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިން ކަމެއް. ފުރަތަމަ ދަރިފުޅު ލިބުނުތާ 26 ދުވަސް ފަހުން އަނެއްކާވެސް ފެން ދުލި ފެޅިގެން އަވަހަށް ހޮސްޕިޓަލަށް އައީ،" އަންހެން މީހާ އަށް ފަރުވާ ދިން ގައިނޮކޮލޮޖިސްޓް ޝީލާ ޕޮޑާރް އޭއެފްޕީ އަށް ވިދާޅުވި އެވެ.

ފުރަތަމަ ކުއްޖާ ވިހޭ ނަމަވެސް ދެ ވަނަ ކުއްޖާ ހުކުރު ދުވަހު ނެގީ ސިޒޭރިއަން ހަދައިގެންނެވެ. އެއީ އަންހެން ކުއްޖެކެވެ.

ޑޮކްޓަރު ވިދާޅުވީ އަންހެން މީހާގެ ހާލު ރަނގަޅު ކަމަށާއި އޭނާ އަންގާރަ ދުވަހު ގެޔަށް ދޫކޮށްލާފައިވާ ކަމަށެވެ.

ބައެއް ޑޮކްޓަރުން ވަނީ އަންހެން މީހާ ވިހަން ދިޔަ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް، އޭނާގެ ބަނޑުގައި ދެ ވަނަ ކުއްޖަކު އޮތްކަން ނޭނގުމުން އެކަމާ ސުވާލު އުފައްދައިފަ އެވެ.

މަހަކު 6،000 ޓާކާ (70 ޑޮލަރު) ލިބޭ ފިރިމީހާއާ އެކު ފަގީރު ދިރިއުޅެއް އުޅޭ އަންހެން މީހާ ބުނީ ނޭނގި ހުއްޓާ ދެ ދަރިން ލިބުމުން ވަރަށް އުފާވެއްޖެ ކަމަށެވެ. ފިރިމީހާ ވެސް ބުނީ މިއީ ލިބުނު ވަރަށް ބޮޑު ނިއުމަތެއް ކަމަށާއި ވަރަށް އުފާވެއްޖެ ކަމަށެވެ.