ކޮފީ ނުބޮއެ ކޮފީގެ އަސަރު ހަށިގަނޑަށް ހޯދިދާނެ

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކޮފީން ހިއްސުތައް ހޭލައްވާލައި، ކުރަން އުޅޭ މަސައްކަތަކަށް ދެވޭ ޝައުގުވެރިކަން ބޮޑުކޮށްދެ އެވެ. އެހެންވެ ދުވަހުގެ ފެށުން ކޮފީއަކުން ފެށުމަކީ މަޖުބޫރު ކަމަކަށް ހަދައިގެން އުޅޭ މީހުން ވެސް ބައިވަރެވެ.


އާ ދިރާސާއެއްގައި ބުނާ ގޮތުން ކޮފީއެއް ބޯލައިގެން ނޫނަސް ކޮފީއަކުން ކުރެވޭ އިހުސާސް ކުރެވިދާނެ އެވެ. އެއީ ކޮފީގެ މަތިން "ހަނދާންކޮށްގެން" ނެވެ. ދިރާސާ ހެދި ޓީމުން މިއަށް ކިޔަނީ "ޕްރައިމިން" އެވެ.

ކޮންޝަސްނެސް އެންޑް ކޮގްނިޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނާ ގޮތުން އެއްޗަކާ ދިމާލަށް ބެލުމުން ކޮފީގެ މަތިން ހަނދާންވާ ނަމަ އެއީ ވެސް ހިއްސުތައް ހޭލައްވައިލާނެ ކަމެކެވެ.

އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ޖިސްމާނީ ގޮތުން ކޮފީން ހަށިގަނޑަށް ގެނުވާ ހަރަކާތްތެރިކަމާ އެއްވަރަށް ކޮފީއަކީ ނަފުސާނީ ގޮތުން ވެސް މީހާ އަށް ހަކަތަ ގެނެސްދޭ އެއްޗެކެވެ.

"އެހެން ގޮތަކަށް ބުނާ ނަމަ ކޮފީއެއްގެ މަތިން ތިމާ އަށް ހަނދާންވާ ކަހަލަ ކަމެއްގައި ޝާމިލުވުމަކީ ވެސް ހިއްސުތައް ހޭލައްވާލާނެ ކަމެއް. މިސާލަކަށް އެއްޗެއް ތިމާ އަށް ފެންނަ ގޮތަކުން ކޮފީ މަތިން ހަނދާންވާ ނަމަ އެއީ ވެސް ސިކުނޑި އަށް ސިގްނަލް ފޮނުވާ ބާރަކަށް ވާނެ،" ދިރާސާ ހެދި ކެނެޑާގެ ޓޮރޮންޓޯ ޔުނިވަސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު ސޭމް މެގްލިއޯ ވިދާޅުވި އެވެ. "މީގެ މާނައަކީ ކޮފީއެއް ނުބޮއެ ވެސް ކޮފިއަކުން ކުރެވޭ އިހުސާސްތައް ކުރެވިދާނޭ."

އޭނާ ވިދާޅުވި ގޮތުގައި މިގޮތަށް ތަޖުރިބާކުރެވޭ ގިނަ މީހުންނަކީ ކޮފީ ބުއިމުގެ ސަގާފަތުގެ ތެރެއަށް ހޭނިފައިވާ މީހުންނެވެ.