ފެނާ ނުލައި ބޭސް ކެއުން ނުރައްކާ

ފެނާ ނުލައި ބޭސް ކެއުމަކީ ބައެއް މީހުން ކުރާ ކަމެކެވެ. އެއީ ފެން ހޯދަން ލަސްވާތީ އަވަސްކޮށްލަން ކަމަށް ވެދާނެ އެވެ. ނޫނީ ކަންނެތްވެފައި ހުންނަ ވަގުތުގައި ކަންފަސޭހައަކަށެވެ. ކޮންމެ ސަބަބަކާ ހުރެ މިކަން މިގޮތަށް ކުރި ކަމުގައި ވިޔަސް މީ ވަރަށް ގެއްލުންހުރި ކަމެކެވެ.


ފެން ބޭނުންކުރުމުން ލިބޭ ހަމައެކަނި ފައިދާ އަކީ ބޭސްގުޅަ ދިރުވައިލަން ފަސޭހަވުމެއް ނޫނެވެ. ކާއެއްޗެހި ދަތުރުކުރާ ހޮޅި ނުވަތަ "އީސޯފޭގަސް" ގައި ބޭސްގުޅަ ތާށިވުމުގެ ނުރައްކާ ކުޑަކޮށްދެ އެވެ. ކާއެއްޗެހި ދަތުރުކުރާ ހޮޅީގައި ތާށިވުމުން އިހްސާސްވާ އުދަނގުލާއެކު ދުޅަވުމާއި ޖަރާސީމު އުފެދޭގޮތް މެދުވެރިވެ އެވެ.

ރޯވަން ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު އަދި ފިޒީޝަނެއް ކަމަށްވާ ޖެނިފަ ކައުޑަލް ހާމަކުރި ގޮތުގައި އީސޯފޭގަސްގައި ބޭސްގުޅައެއް ތާށިވެފައި ހުރެއްޖެ ނަމަ ދުޅަވެ ހިރުވާގޮތް މެދުވެރިވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި މިކަމުގެ ސަބަބުން މޭ އެންދުމާއި މޭގައި ރިއްސުން އަދި ފާރު އުފެދުމާއި ކަރުން ލޭ އައުން ފަދަ އަލާމާތްތައް ފެނުން އެކަށީގެންވެ އެވެ.

އެކަމަކު ކާނާ ދަތުރުކުރާ ހޮޅީގެ ބައެއް ހިސާބުގައި ތަދު އިހްސާސްވާ ނާރުތައް ނުހުންނާތީވެ ބައެއްފަހަރު ބޭސްގުޅައެއް ތާށިވެފައި ހުރިކަން އިހްސާސްނުވެ ގިނަ ދުވަހު ދެމިހުންނަ ގޮތް ދިމާވެ އެވެ. މޭއަންދާ މޭގައި ރިއްސުމަކީ ކޮންމެވެސް ކާއެއްޗަކާ ގުޅިގެން ދިމާވި ކަމެއް ކަމުގައި ބަލާފައި ބައެއް މީހުން އަޅާނުލައި ދޫކޮށްލަފާނެ އެވެ.

ދެން ވާ ގޮތަކީ، ބޭސްގުޅަ ހަލާކުވުމުން، ކަރުތެރޭ ހުންނަ ރައްކާތެރިކޮށްދޭ ފަށަލަ( މިއުކަސް ލައިނިން) މަޑުމަޑުން ހަލާކުކޮށްލައި ބޮޑެތި ފާރު އުފެދުމާއި ގިނައިން ލޭ އައުން ފަދަ އަލާމާތްތައް ފެނުމެވެ.

އެންމެ އާންމު ބޭސްތަކުގެ ތެރޭގައި ހިމެނޭ އެންޓިބަޔޯޓިކްސްގެ ބާވަތްތަކާއި އޮސްޓިއޯޕޮރޯސިސްއަށް ކާ ބޭހާއި ތަދުކަނޑުވާ ބޭސް ތާށިވެފައި ހުރެއްޖެ ނަމަ މިފަދަ ސީރިއަސް ގެއްލުންތައް ދިމާވެދާނެ ކަމަށް ޖެނިފާ ވިދާޅުވި އެވެ. ވިޓަމިންސީ އާއި އަޔަން ޓެބްލެޓަކީ ވެސް މިފަދަ މައްސަލަތައް ދިމާވެދާނެ ދެ ބޭހެވެ.

ޖެނިފާ ލަފާ ދެއްވީ ބޭސްކާއިރު، މަދުވެގެން 250 މިލިލީޓަރުގެ ފެން ބޭނުން ކުރުމަށެވެ. އަދި އިށީނދެ އިނުމުންނާއި ކޮޅަށް ހުރުމުން ވެސް ބޭސް ތާށިވުމުގެ ފުރުސަތު ކުޑަވާނެ އެވެ. އެއާ ޚިލާފަށް އޮށޯވެ އޮވެގެން ކާ ނަމަ ތާށިވުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ، ނިދުމުގެ ވަގުތާ އެހާ ކައިރިކޮށްފައި ބޭސް ކެއުން ރަނގަޅެއް ނޫނެވެ. މަދުވެގެން 15 ވަރަކަށް މިނިޓް ކުރިން ބޭސްކާން އާދަކުރާށެވެ.

ފެނާއި ނުލައި ބަނޑާ ހަމައަށް ބޭސް ދަތުރުކުރުން އެއީ ވާނެ ކަމަކަށް ވިޔަސް ފެން ބޭނުން ކުރުމުން، ތާށިވެފައި ހުރެގެން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިކޮށްދެ އެވެ.