8 މިލިއަން ޑޮލަރަށް ރިސޯޓެއް ގަތް މީހަކު ފިހާރައަކުން ވައްކަންކޮށްގެން ހައްޔަރުކޮށްފި

އަށް މިލިއަން ޑޮލަރަށް ޕްރައިވެޓް ރަށެއް ގަތްތާ އެއް ދުވަސް ފަހުން، އެމެރިކާގެ ދުވަސްވީ ފިރިހެނަކު ފިހާރައަކުން ވައްކަންކޮށްގެން ހޮނިހިރު ދުވަހު ހައްޔަރުކޮށްފި އެވެ.


މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ތޮމްޕްސަން އައިލެންޑް ގަތް ފްލޮރިޑާގެ އެންޑްރޫ ލިޕީ، 59، ހައްޔަރުކުރީ ކޭ-މާޓްގެ އައުލެޓަކުން ވައްކަންކޮށްގެންނެވެ. އޭނާ ވަގަށް ނެގި ތަކެތީގެ ތެރޭގައި ހިމެނެނީ އާދައިގެ ކޮފީ މެޝިނަކާއި ލެޑް ބޮތްކެވެ. އެތަކެތީގެ އަގަށް އަރަނީ 300 ޑޮލަރެވެ.

އަށް މިލިއަން ޑޮލަރަށް 12 ކޮޓަރި ހިމެނޭ ރިސޯޓް ރަށް ގަން މީހަކު ފިހާރައަކުން މިވަރުގެ ވައްކަމެއް ކުރުމުން ގިނަ ބަޔަކު ވަނީ އެކަމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ވެސް އެކި ކަހަލަ ހިޔާލުތައް ފާޅުކޮށްފަ އެވެ.

ވައްކަން ކުރި މައްސަލާގައި އެންޑްރޫ ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަމުން އަންނަ އިރު، އޭނާ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އަދި މިކަމަކީ "ކޭ-މާޓް" އިން ޖެއްސި ވިޔަފާރި ސްޓަންޓެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

ފްލޮރިޑާގެ ކޭ-މާޓްގެ އައުޓްލެޓެއް.

މި ހާދިސާއާ ގުޅިގެން އެންޑްރޫ މި މަހުގެ 18 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރަން ނިންމައި، އޭނާގެ ފޮޓޯ ވެސް ފުލުހުން އާންމުކޮށްފައިވެ އެވެ.