އުމުރުން 99 އަހަރުގައި އަލުން ސްކޫލަށް ދާން ފަށައިފި

އާޖެންޓީނާ އަންހެނަކު އުމުރުން 99 އަހަރުގައި އަލުން ސްކޫލަށް ދާން ފެށުމުން ސޯޝަލް މީޑިއާގައި އޭނާ އަށް ވަރަށް ބޮޑަށް ތައުރީފު ލިބިއްޖެ އެވެ.


ޔޫސިބިއާ ލެނާ ކޯޑަލް އޭނާގެ ޒުވާން އުމުރުގައި ސްކޫލަށް ދިއުން ހުއްޓާލި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފަ އެވެ. އެގޮތަށް ކަންތައް ކުރަން ޖެހުނީ އޭނާގެ މަންމަ މަރުވެ އާއިލާގެ ތެރޭގައި ޖެހުނު މައްސަލަތަކާ ހެދި އެވެ. އެކަމަކު މިހާރު އޭނާ ވަނީ ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ހިންގާ ޕްރައިމަރީ ސްކޫލަކަށް ވަދެ ކްލާސްތަކުގައި ބައިވެރިވާން ފަށައިފަ އެވެ.

ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ޔޫސިބިއާ އަލުން ސްކޫލަށް ދާން ނިންމީ އޭނާގެ އުމުރުން 98 އަހަރުގަ އެވެ. އެ އުމުރުގައި ސްކޫލަށް ދާން ފެށި ފަހުން އަދި އެންމެ ކްލާހެއް ވެސް ދޫކޮށްނުލައި ބަރާބަރަށް ސްކޫލަށްދާ ކަމަށް ވެސް ނޫސްތަކުގައި ބުނެފައިވެ އެވެ.

ސްކޫލަށް ދާން ޖެހެނީ ކޮންމެ އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު ކަމަށާއި އެއިން ކޮންމެ ދުވަހަކު ޔޫސިބިއާ ސްކޫލަށް ގެންގޮސްދެނީ ކޮންމެވެސް އެއް ޓީޗަރެއް ކަމަށް ނޫސްތަކުގައި ބުނެފައިވެ އެވެ.

"އުމުރުން ދުވަސްވީމަ ވަރަށް ގިނަ ހަނދާންތައް ފޮހެވިގެން ދާނެ. ސްކޫލް ޝެޑިއުލް ބަރާބަރަށް ހަނދާން ހުރޭ. އެކަމަކު އަލުން ސްކޫލަށް ދާން ފެށި އިރު ހުރީ ހުރިހާ އެއްޗެއް ހަނދާން ނެތިފައި. ލިޔާކަށް އަދި ކިޔާކަށް ވެސް ނޭނގެ،" ޔޫސިބިއާއާ ހަވާލާދީ ސްޕަޓްނިކް ނިއުސްގައި ބުނެފައިވެ އެވެ.

މިހާރު އޭނާ ވަނީ ލިޔަން އަލުން ދަސްކޮށްފަ އެވެ. އަދި އޭނާ އުންމީދުކުރަނީ ކޮމްޕިއުޓަރު ބޭނުންކުރަން ވެސް ވަރަށް އަވަހަށް ދަސްވާނެ ކަމަށެވެ.