ޔޫރިން އިންފެކްޝަންގެ ސަބަބާއި ފަރުވާ

ތިޔައީ އަންހެނެއް ނަމަ ޔުރިނަރީ ޓްރެކްޓް އިންފެކްޝަން (ޔޫޓީއައި) ތަހައްމަލްކުރަން ޖެހުމުގެ ޗާންސް އެތައް ގުނައެއް ބޮޑެވެ. ހިސާބުތަކުން ދައްކާ ގޮތުން ކޮންމެ ދެ އަންހެނުންގެ ތެރެއިން އެކަކީ މި މައްސަލަ ތަކުރާރުކޮށް ދިމާވާ މީހެކެވެ.


މިއީ ޔޫޓީއައި ނުވަތަ އަހަރެމެން އާންމުކޮށް ކިޔާ ގޮތުން ނަމަ "ޔޫރިން އިންފެކްޝަން" ޖެހޭ ގޮތާއި އެ ނުރައްކާ ކުޑަކުރެވިދާނެ ބައެއް ގޮތްތަކެވެ.

އަންހެނުންނަށް ޔޫޓީއައި ޖެހެނީ ކިހިނެއް؟

މިކަން އަންހެނުންނަށް އެހާ ފަސޭހައިން ދިމާވަނީ ކުޑަކަމުދާ ތަކެތި ބޭރުވާ ދޮރު ނުވަތަ ޔުރެތުރާ އާއި ބޮޑުކަމުދާ ނަޖިސް ބޭރުވާ ދޮރު މާ ކައިރީގައި އިނުމާ އެކު، ބޮޑުކަމުދާ ނަޖިހުގައި ހުންނަ އީ.ކޮލީ ފަދަ ބެކްޓީރިއާތައް ޔުރެތުރާ ތެރެއިން ލާފައި ބްލެޑާ އަށް ދާތީ އެވެ. އަދި އަންހެނުންގެ ޔުރެތުރާ ކުރުވުމަކީ ވެސް ބެކްޓީރިއާ އަށް ފަސޭހަކަމާ އެކު ބްލެޑާ އަށް ވާސިލްވެވޭ ސަބަބެކެވެ. ޖިންސީ ގުޅުމުން ވެސް ޔޫޓީއައި ޖެހިދާނެ އެވެ.

ޔޫޓީއައި އަށް ފަރުުވާ ނުކޮށް ހުއްޓާ ކިޑްނީއާ ހިސާބަށް ބެކްޓީރިއާ ގޮސް، ސީރިއަސް ހާލަތަށް ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ޔޫޓީއައިގެ އަލާމާތްތައް

ޔޫޓީއައި އިން ރައްކާތެރިވެ ހުރުމަށް، މިކަމުގެ އަލާމާތްތައް އެނގިފައި އޮތުން މުހިންމެވެ. އޭރުން ބޮޑުވަރު ނުވަނީސް ފަރުވާ ހޯދަން ފެށޭނެ އެވެ. ޔޫޓީއައި ހުރި ނަމަ މ ކިޔައިދޭ އަލާމާތްތައް ފެންނާނެ އެވެ.

- ކުޑަކަމުދާއިރު ދިލަ ނެގުން

- އަވަސް އަވަހަށް ކުޑަކަމުދާން ޖެހި، އެކަމަކު ކުޑަކަމުދާއިރު މަދު މިންވަރެއް ބޭރުވުން

- ބުރަކަށީގައި ނުވަތަ ދަށްބަނޑަށް ބާރުވެފައި ހުރުން ނުވަތަ ތަދުވުން

- ކުޑަކަމުދާ ތަކެތި ފުސްކޮށް، ކުލަ ގަދަކޮށް ނުވަތަ ލޭ ކުލާގައި ހުރުން ނުވަތަ އާދަޔާ ހިލާފް ވަހެއް ހުރުން

- ވަރުބަލިވެފައި ތުރުތުރު އެޅުން

- ހުން އައިސް ހީކެރުވުން (މިއީ އިންފެކްޝަންގެ އަސަރު ކިޑްނީއާ ހިސާބަށް ފޯރި ކަމުގެ ނިޝާނަކަށް ވެދާނެ)

ޔޫޓީއައި އަށް ފަރުވާކުރުން

ކޮންމެ ފަސް މީހަކުން އެކަކީ އެއް ފަހަރަށް ވުރެ ގިނައިން ޔޫޓީއައި ޖެހިފައިވާ މީހެކެވެ. އަދި ބައެއް މީހުންނަކީ އަބަދު މި ވޭން އުފުލަންޖެހޭ މީހުންނެވެ. އަދި ގިނަ ފަހަރަށް މިކަމުގެ ސަބަބަކަށް ވަނީ ތަފާތު ވައްތަރެއްގެ ބެކްޓީރިއާއެކެވެ. ބައެއް ވައްތަރުތައް ހަށިގަނޑުގެ ސެލްތައް ހިސާރުކޮށް އޭގެ ބޮޑު އާބާދީއެއް އުފައްދައި، އެންޓިބަޔޮޓިކާއި ދިފާއީ ނިޒާމުން އަސަރެއް ނުކުރާ ގޮތަށް "ފިލައި ތިބެ" އެވެ. މި ހާލަތުގައި ބެކްޓީރިއާތައް އެންޓިބަޔޮޓިކަށް ނުގުޑާ ގޮތަށް ބަދަލުވެ، ދޭތެރެދޭތެރެއިން ހަމަލާދެ އެވެ.

ބައެއް އަންހެނުންނަކީ ޖެނެޓިކް ގޮތުން ވެސް، ޔޫޓީއައި އަށް ފަސޭހައިން ހުށަހެޅޭ ބައެެކެވެ. އަދި ކުޑަކަމުދާ ނިޒާމުގެ ބައްޓަން ބައެއް އަންހެނުންގެ ހުންނަ ގޮތުން ވެސް މި މައްސަލަ ބޮޑުވެ އެވެ.

ހަކުރު ބަލި ހުންނަ އަންހެނުންނަށް ޔޫޓީއައި ޖެހުމުގެ ނުރައްކާ ބޮޑެވެ. އަދި ދިފާއީ ނިޒާމު ބަލިކަށިވުމަކީ ވެސް ސަބަބެކެވެ. ބަލިވެއިނުމާއި ކިޑްނީގައި ހިލަ އުފެދުމާއި ކިޑްނީގެ އެކި މައްސަލަތަކާއި ސްޕައިނަލް ކޯޑަށް ލިބޭ އަނިޔާގެ ސަބަބުން ވެސް ޔޫޓީއައި ފަސޭހައިން ޖެހުމަށް މެދުވެރިދާނެ އެވެ.

އާންމުކޮށް ޔޫޓީއައި ޖެހުން

އަހަރަކު ތިން ފަހަރު ނުވަތަ އެއަށް ވުރެ ގިނައިން ޔޫޓީއައި ޖެހޭ ނަމަ ޑޮކްޓަރުން ފަރުވާކުރުމުގައި ތަފާތު ޕްލޭނެއް ގެންގުޅެފާނެ އެވެ. މީގެ ތެރޭގައި؛

- ދިގު މުއްދަތަކަށް ބޭނުންކުރާނެ، ދަށް ޑޯޒެއްގެ އެންޓިބަޔޮޓިކެއް ދިނުން

- ޔޫޓީއައި ޖެހޭ އާންމު ސަބަބެއް ކަމަށްވާ، ޖިންސީ ގުޅުން ހިންގުމަށް ފަހު ބޭނުންކުރާނެ އެންޓިބަޔޮޓިކެއް ދިނުން

- ޔޫޓީއައިގެ އަލާމާތްތައް ފެންނަން ފެށުމާ އެކު 1-2 ދުވަހު ބޭނުންކުރާނެ އެންޓިބަޔޮޓިކެއް ދިނުން

- ޔޫޓީއައި އަށް ޝައްކުވާ ނަމަ، ކުޑަކަމުދާ ތަކެތި އަމިއްލަ އަށް ޓެސްޓްކުރެވޭ ކިޓެއް ދިނުން

ތަކުރާރުކޮށް ޔޫޓީއައި ޖެހޭ ނަމަ ހަދާނީ ކިހިނެއް؟

އަބަދު ޔޫޓީއައި ޖެހޭ ނަމަ މި ކަންކަމަށް ސަމާލުވާށެވެ؛

- ކުޑަކަމުދާން ޖެހިއްޖެ ނަމަ ލަސް ނުކޮށް އެކަން ކޮށް، ބްލެޑާ ހުސްކުރާށެވެ.

- ބޮޑުކަމުގޮސް ސާފުވާއިރު ކުރިމަތީފަރާތަށް ނަޖިހުގެ އަސަރު ނުކުރާނެ ގޮތަކަށް އެކަން ކުރާށެވެ.

- ގިނައިން ފެން ބޯށެވެ.

- ބާތު ޓަބަށް އެރިގެން ފެންވެރުމުގެ ބަދަލުގައި ޝަވަރުން (ފެންތައް އޮހިގެންދާ ގޮތަށް) ފެންވަރާށެވެ.

- އަންހެނުންގެ ސާފުތާހިރުކަމަށް ހާއްސަކޮށް އުފައްދާފައި ހުންނަ ތަކެތީގެ ތެރެއިން މީރު ވަސް ދުވާ ގޮތަށް ހަދާފައި ހުންނަ އެއްޗިއްސާ ދުރުވާށެވެ.

- ދެމަފިރިކަމުގެ ގުޅުމުގެ ކުރިން ރަނގަޅަށް ދޮވެ ސާފުކުރާށެވެ. އަދި ފަހުން ކުޑަކަމުދާށެވެ. އޭރުން ޔުރެތުރާ އިން ބެކްޓީރިއާތައް ބޭރުވާނެ އެވެ.

- ދޭތެރެދުރުކުރުމަށް ބޭނުންކުރާ ބައެއް ވަސީލަތްތަކުގެ ތެރެއިން، އެތެރެއަށް ލައްވާފައި ބާއްވަންޖެހޭ އެއްޗެހީގެ ސަބަބުން ވެސް ޔޫޓީއައި ފަސޭހައިން ޖެހެ އެވެ. އެހެންވެ، ރައްކާތެރި އެހެން ގޮތެއް ހިޔާރުކުރާށެވެ.

- ބާރު ޖިންސް އަދި ނައިލޯން ޖަންގިޔަލުގެ ސަބަބުން ވެސް ޔޫޓީއައި އަށް މަގު ފަހިވެ އެވެ. ދާހިއްލައި، ތާހިރުކަން ގެއްލޭ ގޮތަށް ބެހެއްޓުމުގެ ބަދަލުގައި ކޮޓަން ޖަންގިޔާ ލާށެވެ. އަދި މާ ބާރު އެއްޗެހި ނުލާށެވެ. ނޫން ނަމަ ނުސާފުކަން އިތުރުވެ، ތެތްކަމުގެ ތެރޭގައި ބެކްޓީރިއާ ގިނަވެގަންނާނެ އެވެ. -- މައުލޫމާތު: ވެބްއެމްޑީ