"އާތު" ލަވައިން ކިޔައި ދެނީ އެންމެންނާ ގުޅޭ ވާހަކައެއް

ގުދުރަތީ ކާރިސާތަކުންނާއި އިންސާނުންގެ އަމަލުންތަކުން ދުނިޔެ އަށް ކުރިމަތިވަމުންދާ މައްސަކަލަތަކަށް ހޭލުންތެރިކަން އުފައްދަން "އާތު" ގެ ނަމުގައި ގެނެސް ދިން ވީޑިއޯ ލަވައަކަށް އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.


ވީޑިއޯގެ ބޮޑު ބައި އެނިމޭޓްކޮށްފައިވާ މި ލަވައިގެ ފަހަތުގައި ހުރީ އެމެރިކާގެ ކޮމީޑިއަން އަދި ރެޕާ ލިލް ޑިކީގެ ނަމުން މަޝްހޫރު ޑޭވިޑް ބާޑެވެ. އޭނާގެ މި "އާތު" ލަވައިގައި މަޝްހޫރު 30 ފަންނާނަކު ހިއްސާވެ، އެ މީހުންގެ އަޑު ލަވައިގައި ހިމަނާފައިވެ އެވެ.

އޭގެ ތެރޭގައި ޖަސްޓިން ބީބާ، އެރިއާނާ ގްރަންޑޭ، ކޭޓީ ޕެރީ، ސްނޫޕް ޑޯގް، މައިލީ ސައިރަސް، އެޑް ޝީރަން، ޖޯން ލެޖެންޑް، އެޑަމް ލެވީން، ޝޯން މެންޑޭޒް، ސިއާ އަދި ވިޒް ހަލީފާ ފަދަ އެތައް ފަންނާނުނެއް ހިމެނެ އެވެ.

"މިއީ ހަގީގަތުގައި މަޖަލަކަށް ފެށި ކަމެއް. އެކަމަކު ފަހުން ސީރިއަސްކޮށް އާތުގެ އިޝޫ ނަގަން ބޭނުންވީމަ މި ލަވަ މިގޮތަށް ގެނެސް ދޭން ނިންމީ،" ހަތް މިނިޓަށް ވުރެ ދިގު ލަވައާ ބެހޭ ގޮތުން ޑިކީ ބުންޏެވެ. "މި ލަވައަށް ގިނަ އަދަދެއްގެ އާޓިސްޓުންގެ ބައިވެރިވުން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް. އަދި މީގެ ހާއްސަކަން އިތުރަށް ބޮޑުވި ކަމެއް."

"އާތު" ގެ މަންޒަރުތަކުގެ ތެރެއިން އެންމެ އަޅައިގަންނަ އެއް މަންޒަރަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ދެކޮލަށް ކެމްޕޭން ކުރާ މަޝްހޫރު އެކްޓަރު ލިއޮނާޑޯ ޑި ކެޕްރިއޯގެ މަޝްހޫރު ފިލްމު "ޓައިޓޭނިކް" ގެ ދިރުބާކޮޅުގެ މަންޒަޒެއް އޭނާގެ އެނިމޭޓެޑް ސޫރައާ އެކު ދައްކައިލުމެވެ. އެ މަންޒަރުގައި އޭނާ ހުންނަނީ "ދުނިޔެ" އަތަށް ލައިގެންނެވެ.

ލިއޮނާޑޯ ވަނީ ދުނިޔޭގެ ހިމާޔަތަށް ގޮވާލައި ގެނެސް ދިން "އާތު" ލަވައިގައި ހިއްސާވި ހުރިހާ ފަންނާނުންނަށް ޝުކުރު އަދާކޮށް ލަވައިގެން ލިންކެއް ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ.

ލަވައާ ބެހޭ ގޮތުން ޑިކީ ބުނީ މީގެ ހިއްސާއަކަށް ކަންޔޭ ވެސްޓް ވެސް ހަދަން ބޭނުންވި ކަމަށެވެ. އެކަމަކު ނިންމަން ތިން ދުވަސް ނެގި ލަވައިގެ އޯޑިއޯ އަށް ކަންޔޭ ގެންނަން ކުރި މަސައްކަތް ކާމިޔާބު ނުވީ އޭނާއާ އެއްވެސް ގޮތަކުން މުއާމަލާތް ނުކުރެވިގެން ކަމަށް ބުންޏެވެ.

"އެހެންވެ ކަންޔޭ ނެތްތަން ފޫބައްދައި ދިނީ ކެވިން ހާޓް،" ޑިކީ ބުންޏެވެ.