ވަސް އެނގެނީ ހަމައެކަނި ނޭފަތަކުން ނޫން

މިއީ އާދަޔާ ހިލާފު ވާހަކައަކަށް ވެދާނެ އެވެ. އަދި މި ދިރާސާ ކުރި ސަބަބު ވެސް ތަފާތެވެ.


އުމުރުން 12 އަހަރުގެ ކުއްޖަކު ސުވާލު އުފެއްދީ، ހަރުފަ އަށް ވަހެއް ދުވާއިރަށް އޭގެ ދޫ ނެރެ ތަޅުވާތީ އެވެ. މި ކުއްޖާގެ ބައްޕަ އަކީ ސައިންސްވެރިއެކެވެ. އެހެންވެ މިއީ ދިރާސާކޮށް ބަލަން ރަނގަޅު ކަމެއްގެ ގޮތުގައި އޭނާ އަށް ވިސްނުނެވެ.

ފިލަޑެލްފިއާގެ މޮނެލް ކެމިކަލް ސެންސް ސެންޓަރުގައި، ކުޑަކުއްޖާގެ ބައްޕަ ޑރ. މެހްމަތު ހަކަން އޮޒްދިނާރު ވެސް ބައިވެރިވެގެން ކުރި ދިރާސާ އިން އެނގުނީ ވަސް ދެނެގަތުމުގައި ނޭފަތުގެ އިތުރުން ދުލުން ވެސް މަސައްކަތްތަކެއް ކުރާ ކަމެވެ.

މިހާތަނަށް ގަބޫލުކުރެވިފައި އޮތީ ރަހަޔާއި ވަހަކީ މުޅިން ތަފާތު ދެ ހިއްސެއް ކަމަށާއި މި ދެ ހިއްސު ގުޅެނީ ސިކުނޑިއާ ހިސާބުން ކަމަށެވެ. ދިރާސާގައި އިސްކޮށް ހުންނެވި މެހްމަތު ބުނީ ދަރިފުޅު ކުރި ސުވާލާ ގުޅިގެން މިކަމާ އަލުން ވިސްނަންޖެހުނީ ކަމަށެވެ.

ދިރާސާ އިން އެނގުނީ ވަސް ދެނެގަތުމަށް ނޭފަތުގައި ހުންނަ ސެންސާތައް، ރަހަ ދެނެގަތުމަށް ދުލުގައި ހުންނަ ސެލްތަކުގައި ހުންނަކަމެވެ. އެހެންވެ، ވަހާއި ރަހަ ދެނެގަތުމުގެ މަސައްކަތް ގުޅެނީ ސިކުނޑިއާ ހިސާބުން ނޫންކަން ވަނީ އެނގިފަ އެވެ.

މި ދިރާސާކުރި ޓީމުން ބުނީ މިއީ ކާތަކެތީ ރަހަ މީރުކުރުމާއި ސިއްހީ ގޮތުން ފައިދާހުރި ކާނާ ޕްރޮމޯޓްކުރެވޭނެ ގޮތްތައް ހޯދުމަށް އެހީތެރިކަން ލިބޭނެ ދިރާސާއަކަށް ވާނެ ކަމަށެވެ.

މި ދިރާސާ، ކެމިކަލް ސެންސެސް ޖާނަލްގެ، މި މަހުގެ 24 ވަނަ ދުވަހުގެ އަދަދުގައި ވަނީ ޝާއިއުކޮށްފަ އެވެ.