ސެމްސަންގް ގެލަކްސީ "ނޯޓް 10 ޕްރޮ" އަށް ބާރުގަދަ ބެޓެރީއެއް

ސެމްސަންގް ގެލަކްސީ ނޯޓް މަރުކާގެ ފޯނުތަކަށް، ބާރުގަދަ ބެޓެރީ އަކީ ބިރުވެރި އެއްޗެކެވެ. މި މަރުކާގައި ހިމެނޭ އެހެން ފޯނުތަކަށް، ނުރައްކާތެރި ކަމެއް ދިމާ ނުވި ނަމަވެސް، ނޯޓް 7ގެ ބެޓެރީ ގޮވައި ކުރިމަތިވި ހާދިސާ އަކީ، ސެމްސަންގް ނޫން އެހެން ކުންފުންޏަކަށް އަރައިނުގަނެވޭ ވަރުގެ ބޮޑު ހާދިސާއެކެވެ.


ގެލަކްސީ ނޯޓް 10 ގައި، "4500އެމްއޭއެޗް"ގެ ބެޓެރީއެއް އަޅުވާނެ ކަމަށް ބުނެ ވާހަކަދެކެވެން ފެށުމުން، ހަނދާނަަށް އަންނަނީ ނޯޓް 7 އަތުބޮމަކަށް ހަދައިގެން މީހުން ޖެހި ޖޯކުތަކެވެ. ނަމަވެސް، އަޑިގަނޑަކަށް ފަހު، ސެމްސަންގް ހިންދެމިލައި ނޯޓް 10 އުފެއްދުމަށްޓަކައި އެ ތިބީ ފޫގަޅައިގެންނެވެ.

ސްމާޓްފޯން އުފައްދާ ކުންފުނިތަކުގެ ތެރެއިން، ސެމްސަންގް ކަހަލަ ބާރުގަދަ ކުންފުންޏަކުން، ސްކްރީން ސައިޒް 5 އިންޗި އަށް ބޮޑުކޮށް އުފެއްދި ފުރަތަމަ ފޯނަކީ ނޯޓެކެވެ. ސްކްރީން ބޮޑު ފޯނުތައް މާކެޓަށް ނެރެން ފެށީ މި ހިސާބުންނެވެ.

ގެލަކްސީ ނޯޓް 10 ސައިޒުތަކަކަށް ބަހާލައިގެން ނެރޭނެ ކަމަށް ބުނެވޭއިރު، އެންމެ ބާރުގަދަ ބެޓެރީ ދޭނެ ކަމަށް ބުނެވެނީ ނޯޓް 10 ޕްރޮ އަށެވެ. މިއީ 5ޖީ ފޯނެއް ކަމަށް ބުނެވެ އެވެ. ގެލަކްސީ އެސް މަރުކާގައި ހިމެނޭ "އެސް10 5ޖީ" ގައި ވެސް ހިމަނާފައި ވަނީ 4500އެމްއޭޗްގެ ބެޓެރީއެކެވެ.

"އެސް10 5ޖީ" ގައި ބާރުގަދަ ބެޓެރީއެއް ހިމަނައި، ވިޔަފާރި ކާމިޔާބުކުރަމުން ދާއިރު، ބާރުގަދަ ބެޓެރީއެއް ހިމަނާ ކޮންމެ ފޯނެއް އަނދައި ހުލި ނުވާކަން ސެމްސަންގުން އެ ވަނީ ކަށަވަރުކޮށްދީފަ އެވެ. އެހެންކަމުން، ނޯޓް 10 ގައި ބާރުގަދަ ބެޓެރީއެއް ހިމެނުމަކީ ބިރުގަންނަ ވަރުގެ ކަމެއް ނޫނެެ. އެ ބިރު ކަނޑުވާލަން އެބަ ޖެހެ އެވެ.