އެއްމާނޑު ދެބެއިން 20 އަހަރު ވަންދެން ގެންގުޅުނީ އެއް ލައިސަންސް ކާޑު

އެއްމާބަނޑު މީހަކު ހުރުމަކީ ބައެއް ކަންކަމުގައި ފަސޭހަތަކެއް ވެސް ވެދާނެ ކަމެކެވެ. ޗައިނާގެ ދެބެއިން މި ވަނީ މިކަމުގެ ނާޖާއިޒު ފައިދާ ވަރަށް ގިނަ ދުވަސްތަކެއް ނަގައިފަ އެވެ. ދެބެއިން 20 އަހަރު ވަންދެން ގެންގުޅުނީ އެއް ޑްރައިވިން ލައިސަންސްކަން ވަނީ ފަޅާއަރައިފަ އެވެ.


ހަގު މީހާގެ ލައިސަންސް ކާޑު ބޭނުންކޮށްގެން ދޮށީ މީހާ ދުއްވަނިކޮށް ފަޅާއަރައި އޭނާ 2،000 ޔުއާން އިން ޖޫރިމަނާކޮށް މިހާރު އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހެއިލޮންގްޖިއާން ޕްރޮވިންސަށް ނިސްބަތްވާ މެދުއުމުރުގެ މި ދެބެއިންގެ ނަން ހާމަ ނުކޮށް މީޑިއާތަކުން ބުނި ގޮތުގައި ދެބެއިން ގިނަ އަހަރުތަކެއް ވަންދެން އެއް ލައިސަންސް ކާޑު ބޭނުންކުރަން ފެށީ މަސްތުވެގެން ތިބެ ދުއްވި މައްސަލައެއްގައި ދެބެއިންގެ ލައިސަންސް ވެސް ސަސްޕެންޑް ކުރުމުން އޭގެ ތެރެއިން ހަގު މީހާ އަލުން ލައިސަންސް ހޯދުމަށް ފަހުގަ އެވެ.

އޭގެ ފަހުން ދޮށީ މީހާ ބޭނުން ކުރަމުން ދިޔައީ ހަގު މީހާގެ ލައިންސަންސް ކާޑެވެ. އެކަމަކު ފަޅާއެރީ ޓްރެފިކް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ދޮށީ މީހާ ދުއްވާފައި ދިޔަ ކާރު ހުއްޓުއި ލައިސަންސް ކާޑް ޗެކް ކުރުމުގެ ތެރޭގަ އެވެ. ބޮލުގައި ކޯނެއް އަޅައިގެން ހުރި މީހާގެ ކޯނު ނެގި އިރު އޭނާ އިނީ ބޮލުގެ ފަތްކޮޅު ވަރަށް ބޮޑަށް ފައިބައި އެއްކޮށް ތަލަވާން ކައިރިވެފަ އެވެ. އެކަމަކު އޭނާ ދެއްކި ލައިސަންސް ކާޑުގައި އިން ފޮޓޯގައި އިން މީހާގެ ބޮލުގައި ރަނގަޅަށް އިސްތަށި ހުއްޓެވެ.

މި ހިސާބުން ފުލުހުންނަށް ޝައްކުވެގެން ޑޭޓާބޭސް ޗެކް ކުރި އިރު، ކާރު ދުއްވި މީހާގެ ލައިސަންސް އާކޮށްފައެއް ނުވެ އެވެ. އަދި އޭނާ ބޭނުން ކުރަނީ ކޮއްކޮގެ ލައިންސަންސް ކަމަށް ވަނީ އެއްބަސް ވެސް ވެފަ އެވެ.