"ޑަބްލިއު" ސިޓިން ޕޮޒިޝަން؛ ސަމާލުކަން ދޭންޖެހޭ ކަމެއް

ދަރިފުޅު ބޮޑުވަމުން އަންނަ އިރު ސަމާލުކަން ދޭންވީ އެއް ކަމަކީ ދަރިފުޅު އިށީންނަ އިންނަ ގޮތެވެ. ހާއްސަކޮށް ބިންމަތީގައި ނުވަތަ އެނދު ކަހަލަ ތަންތަނުގައި ދަރިފުޅު އިށީންނަ ގޮތް ފާހަގަކުރުން މުހިއްމެވެ.


އެގޮތުން ދަރިފުޅު އިށީނދެގެން އިންނަނީ "ޑަބްލިއު" އަކުރު ސިފަވާ ކަހަލަ ގޮތަކަށް ނަމަ އެއީ ހުއްޓުވަން ޖެހޭނެ އާދައެކެވެ. މިއީ ސިއްހީ ގޮތުން ވެސް ދަރިފުޅުގެ ހެދިބޮޑުވުމާއި ހަރަކާތްތެރި ކަމަށް ހުރަސް އަޅާފާނެ ކަމެކެވެ. މިއަށް ކަމުގެ ތަޖުރިބާކާރުން ކިޔަނީ "ޑަބްލިއު" ސިޓިން ޕޮޒިޝަނެވެ. އެގޮތަށް ދަޜިފުޅު އިށީނދެގެން އިންނަ އިރު، ދެ ފައި އިންނާނީ ކަކުލުން ދެ ފަރާތަށް ފަހަތަށްވާ ގޮތަށް ލަންބާލައިފަ އެވެ.

ކުއްޖަކު "ޑަބްލިއު" ސިޓިން ޕޮޒިޝަނުގައި.

މި ޕޮޒިޝަނާ ބެހޭ ގޮތުން ކަމުގެ ތަޖުރިބާކާރު ތެރަޕިސްޓުން ބުނަނީ ދަރިފުޅު އެގޮތަށް އިށީންނަ ނަމަ ހަށިގަނޑު ބެލެންސް ކުރުމުގެ ކުޅަދާނަކަން، ބޮޑުވަމުން އަންނަ ވަރަށް ކުޑަވާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުންގެ ކަކުލާއި އުނގަނޑާއި ތަނބިކަށީގެ މަސްތަކަށް ބާރުވެ، ދުވުމާއި ފުންމުން ކަހަލަ ހަރަކާތްތައް ކުރަން ހުރަސް އަޅާނެ ކަމަށް ބުންޏެވެ.

ހަމަމިއާ އެކު މިގޮތަށް އިށީންނަށް ދަރިފުޅަށް އާދަވެއްޖެ ނަމަ ފައިގެ އިނގިލިތަކުގެ މައްޗަށް ބުރަވެ ހިނގުން ކަހަލަ މައްސަލަތައް ވެސް ފާހަގަކުރެވޭނެ ކަމަށް ބުންޏެވެ.

ކުއްޖަކު "ޑަބްލިއު" ސިޓިން ޕޮޒިޝަނުގައި.

އެހެންވެ އެންމެ ރައްކާތެރި ގޮތަކީ ދަރިފުޅު އެންމެ ތުއްތު އިރުން ފެށިގެން ވެސް "ޑަބްލިއު" ސިޓިން ޕޮޒިޝަންގައި އިށީނދޭތޯ ދެނެގަނެ އެކަމަށް ފިޔަވަޅު އެޅުމެވެ. އަދި އިށީންނަން އެންމެ ރަނގަޅު ގޮތަކީ ދެފައި ވަށްކޮށްލައިގެން އިނުމެވެ. އެގޮތަށް އިށީންނަން ދަރިފުޅަށް ދަސްކޮށް ދިނުން ވެސް މުހިއްމެވެ.