އިންޑިއާގެ ސްކޫލެއްގެ ފީއަކަށް ދައްކަން ޖެހެނީ ޕްލާސްޓިކް

އިންޑިއާގެ ސްކޫލަކުން ދަރިވަރުންގެ ފީއަކަށް ޕްލާސްޓިކް ނަގަން ފަށައިފި އެވެ.


އައްސާމް ސްޓޭޓްގައި މީގެ ތިން އަހަރު ކުރިން ހުޅުވި އަކްޝަރު ސްކޫލްގެ ހުރިހާ ކުދިންގެ އަތުން ވެސް ސްކޫލް ފީއެއްގެ ގޮތުގައި ނަގަނީ އެކިި ކަހަލަ ޕްލާސްޓިކް ބާވަތްތަކެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ދަރިވަރުން ސްކޫލަށް ދާއިރު ޕްލާސްޓިކް ގެންދަން ޖެހެ އެވެ.

މިކަމާ ބެހޭ ގޮތުން 100 އެއްހާ ދަރިވަރުން ކިޔަވަމުން އަންނަ އަކްޝަރު ސްކޫލްގެ ޒުވާން ވައިސް-ޕްރިންސިޕަލް ޕްރިޔަންގޮފޫ ބޯރް ތާކޫރު، 26، އެންޑީޓީވީ އަށް ވިދާޅުވީ އެ ސްކޫލަކީ ފުދުންތެރި ކުޑަ އާއިލާތަކުގެ ކުދިންނަށް ތައުލީމު ފޯރުކޮށް ދޭން ހާއްސަކޮށްގެން ހިންގާ ސްކޫލެއް ކަމަށެވެ.

އެހެންވެ ފައިސާ އިން ފީ ދެއްކުމަކީ ދަތިކަމަކަށްވާނެތީ އާއި ޕްލާސްޓިކް ކުނިބުނީގެ މައްސަލަ އިންޑިއާގައި އިންތިހާ އަށް ބޮޑުވެފައިވާތީ އެކަމާ ދެކޮޅަށް ކުރާ މަސައްކަތަށް ބަދަލެއް ގެންނަން ދަރިވަރުންގެ އަތުން ފީއެއްގެ ގޮތުގައި ޕްލާސްޓިކް ނަގަން ފެށީ ކަމަށް ވިދާޅުވި އެވެ.

"މިހާރު ފީ ނުދެއްކިގެން އެއްވެސް ކުއްޖަކު ތައުލީމުން މަހުރޫމުވެފައި ހުރެގެން ނުވާނެ،" ތާކޫރު ވިދާޅުވި އެވެ. "ޕްލާސްޓިކުން ފީ ނަގަން ފެށި ފަހުން އަހަރެމެން މިހާތަނަށް އެއްކޮށްފިން ހަތަރު ހާސް ޕްލާސްޓިކް ފުޅި އާއި ހަތްހާހަށް ވުރެ ގިނަަ އެކި ވައްތަރުގެ ޕްލާސްޓިކް ކޮތަޅު،"

އޭނާ ވިދާޅުވީ މި ޕްލާސްޓިކް ބޭނުންކޮށްގެން އަންނަނީ ދަރިވަރުންނަށް ތިމާވެއްޓާ ރައްޓެހި އިކޯ-ބްރިކްސް ތައްޔާރުކުރާނެ ގޮތް ދަސްކޮށްދީ، ސްކޫލްގެ އެކި ތަންތަން އެ ގަލުން އިމާރާތް ވެސް ކުރަމުންނެވެ. އެގޮތުން އަކްޝަރު ސްކޫލްގެ ގޯތިތެރެ ޒީނަތްތެރިކުރަން ހަދާފައި ހުރި ތަންތަނަކީ ޕްލާސްޓިކް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ގަލުން ހަދާފައިވާ ތަންތަން ކަމަށް ބުންޏެވެ. އަދި ދަރިވަރުން ތައްޔާރު ކުރާ ކޮންމެ ގަލަކަށް 17 ރުޕީސް ދޭން ނިންމައި، ސްކޫލްގައި އޮންނަ ދަރިވަރުންގެ އެކައުންޓްތަކަށް އެ ލާރި ޖަމާކޮށްދެ އެވެ. އެއީ ކުރިއަށް އޮތް ތަނުގައި އެކި ކަންކަމަށް ބޭނުން ކުރުމަށެވެ.

"މި މަސައްކަތަކީ ހަގީގަތުގައި ތިމާވެށީގެ ހިމާތުގައި ކުރާ މަސައްކަތެއް. ދަރިވަރުން މިފަދަ މައްސަލަތަކަށް ހޭލުންތެރިކޮށްގެން ނޫނީ ކުރިއަށް އޮތް ތަނުގައި ރަނގަޅު ނަތީޖާއެއް ނުނެރެވޭނެ،"

އަކްޝަރު ސްކޫލްގެ ހާއްސަ އެއް ކަމަކީ އިންޑިއާގައި އާންމުކޮށް ސްކޫލްތަކުގައި ކިޔަވައިދޭ މޮޑެލްތަކާ މުޅިން ތަފާތު ގޮތަކަށް ކުލާސްތައް ކުރިއަށް ގެންދިއުމެވެ. އެގޮތުން ގްރޭޑްތަކަކަށް ބަހައިލުމުގެ ބަދަލުގައި މުޖުތަމަ އަށް ދަރިވަރުން އަހުލުވެރި ކުރުވުމުގެ ގޮތުން އުމުރުފުރާތަކަށް ދަރިވަރުންނަށް އެކި ލެވެލްތަކަށް ބަހާލައިގެން ކްލާސްތައް ނަގައި ދެނީ އެވެ. މައިގަނޑު އެއްޗަކީ ވޮކޭޝަނަލް ކަރިކިއުލަމެވެ. އެހެންވެ މީގެ ތެރޭގައި ތިއަރީ ޓެކްސްޓް ފޮތަށް ބަރޯސާވުމަށް ވުރެ ބޮޑަށް އަންނަނީ އަމަލީ ގޮތުން ކަންކަން ދަސްކުރުމެވެ.

އޭގެ ތެރޭގައި ރިސައިކްކްލިން، އަޕްސައިކްލިން، ސޯލާ ޕެނެލިން، އެމްބްރޮއިޑަރީ އާއި މި ނޫން ވެސް މަސައްކަތްތައް ދަސްކޮށްދޭ ޕްރޮގްރާމްތަކުގެ އިތުރުން ލަވަކިޔުމާއި ނެށުން ފަދަ ކަންކަން ވެސް ހިމެނެ އެވެ.

ތާކޫރު ވިދާޅުވި ގޮތުގައި އަކްޝަރު ސްކޫލްގެ އެންމެ ހާއްސަ ކަމަކީ ތިމާވެށި ހިމާޔަތްކުރަން ހާއްސަ މަސައްކަތްތަކެއް ކުރުމެވެ. އެގޮތުން ދަރިވަރުން ނަގާ ފިލާވަޅުތަކުގެ އިތުރަށް ކޮންމެ ހަފުތާއަކު ވެސް ކައިރި އެހެން އަވަށްތަކަށް ޒިޔާރަތްކޮށް ޕްލާސްޓިކް އެއްކުރުން އޮވެ އެވެ.

"މި މަސައްކަތަކީ ހަގީގަތުގައި ތިމާވެށީގެ ހިމާތުގައި ކުރާ މަސައްކަތެއް. ދަރިވަރުން މިފަދަ މައްސަލަތަކަށް ހޭލުންތެރިކޮށްގެން ނޫނީ ކުރިއަށް އޮތް ތަނުގައި ރަނގަޅު ނަތީޖާއެއް ނުނެރެވޭނެ،" ތާކޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓާގެޓަކީ އަކްޝަރު ސްކޫލުން ދައްކަމުން އަންނަ ނަމޫނާ ސަރުކާރުގެ ސްކޫލްތަކުން ވެސް ބަލައި ގަނެ، އެ މޮޑެލް އިހުތިޔާރު ކުރަން ހިތްވަރު ދިނުމެވެ. އެ އަމާޒަށް ފަސް ވަރަކަށް އަހަރުގެ ތެރޭގައި އަމާޒު ވެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް ވިދާޅުވި އެވެ.

"އެންމެން ގުޅިގެން ކުރެވޭ މަސައްކަތަކުން ނޫނީ ތިމާވެށީގެ މައްސަލަތަކަށް އެދެވޭ ހައްލެއް ނާންނާނެ،" ތާކޫރް ވިދާޅުވި އެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި ޕްލާސްޓިކް އެއްކޮށް، އެތަކެތި ރިސައިކަލް ކުރަން ހިންގާ ޕްރޮގްރާމްތަކަކީ އިންޑިއާއަކީ ސާފުތާހިރު ގައުމަކަށް ހަދަން ކުރާ މަސައްކަތަށް ވެސް ދެވޭ ބޮޑު އެހީއެކެކެވެ.