ވަޓްސްއެޕް ވިންޑޯސް ފޯނާ ދުރަށް

ސުންގަޑިއެއް ދިނުމަށް ފަހު، ވިންޑޯސް ފޯނާ ވަކިވާން ވަޓްސްއެޕުން ނިންމައިފި އެވެ.


ފޭސްބުކްގެ ދަށުން ހިންގާ އެޕުން ބުނީ މައިކްރޮސޮފްޓް ވިންޑޯސް ފޯން އޮޕަރޭޓިން ސިސްޓަމަށް ތަބާވާ އެއްވެސް ޑިވައިސް އަކަށް މި އަހަރުގެ ޑިސެމްބަރު 31 ގެ ފަހުން ސަޕޯޓް ނުދޭނެ ކަމަށެވެ.

އެކަމަކު ވިންޑޯސް ފޯންގައި އެ އެޕް މުސްތަގަބުލުގައި ބޭނުން ކުރެވިދާނެ އާ އަޕްޑޭޓްތަކަކަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ބުންޏެވެ. އެގޮތުން ފޯނާއި ޑެސްކްޓޮޕަށް ހެޔޮވަރު ބަދަލުތަކެއް އައުމުގެ ފުރުސަތު ބޮޑު ކަމަށް ބުންޏެވެ.

ނަމަވެސް އަންނަ މަހުގެ ތެރޭގައި އެންމެ ފަހުން ގެނެސްދޭނެ އަޕްޑޭޓް ވިންޑޯސް ފޯނަށް ގެނެސް ދިނުމަށް ފަހު، ޑިސެމްބަރުގައި އެއްކޮށް އަލްވަދާއު ކިޔާނެ ކަމަށް ބުންޏެވެ.

"އޭގެ މާނައަކީ މިއަހަރުގެ ނިޔަލަށޭ ވަޓްސްއެޕް ވިންޑޯސް ފޯނު ގަބޫލު ކުރާނީ،" ވަޓްސްއެޕްގެ ތަރުޖަމާން ގެޖެޓްސް 360 އަށް ބުންޏެވެ.

ސްމާޓްފޯނުގެ މި ޒަމާނުގައި ގިނަ ބަޔަކު މިހާރު އެންމެ އާންމުކޮށް ބޭނުން ކުރާ އޮޕަރޭޓިން ސިސްޓަމްގެ ތެރޭގައި ހިމެނެނީ އައިއޯސް އާއި އެންޑްރޮއިޑެވެ.