ނެތިމޮށުން ހުއްޓުވަން ފިލިޕީންސްގެ އަވަށެއްގައި ގާނޫނެއް ހަދައިފި

ނެތިމޮށުމުގެ ސަބަބުން މުޖުތަމައުގައި ފިތުނަ އުފެދޭތީ އެކަން ހުއްޓުވުމުގެ ބޭނުމުގައި ފިލިޕީންސްގެ އަވަށެއްގައި ގާނޫނެއް ހަދައިފި އެވެ.


މީޑިއާތަކުން ބުނީ ވެރިރަށް މެނީލާއާ 200 ކިލޯމީޓަރު ދުރުގައި އޮންނަ ބިނަލޯނަން އަވަށުގައި ނެތިމޮށުން މަނާކުރީ ބޭކާރު އަދި ހަގީގަތެއް ނެތް އެކި ވާހަތައް ފަތުރައި މުޖުތައުގެ ތެރޭގައި މަސްލަހަތު ނަގާލާތީ އެވެ.

ނަމަވެސް ބައެއް މީހުން ވަނީ ނެތިމޮށުމަކީ ކޮބައިކަން ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނެތް ކަމަށް ބުނެ އެކަމަށް ފާޑު ކިޔައިފަ އެވެ.

މިކަމާ ބެހޭ ގޮތުން ބިނަލޯނަން އަވަށުގެ މޭޔަރު ރަމޯން ގުއިޗޯ ވިދާޅުވީ ގޮސިޕް ކުރުން ކަމަށް ބަލާނީ އަވަށުގެ މީސްމީހުންގެ ޒާތީ ދިރިއުޅުމުގެ ވާހަކަތަކާއި މީސްމީހުންގެ މާލީ ހާލަތު ކަހަލަ ކަންކަމަށް ފާޑުކިޔައި ދައްކާ ވާހަކަތައް ކަމަށެވެ.

އެގޮތުން އަލަށް އަމަލުކުރަން ފެށި އުސޫލުގެ ދަށުން، ނެތިމޮށޭ މީހުން ފުރަތަމަ ފަހަރަށް 200 ޕެސޮސް (3.8 ޑޮލަރު) އިން ޖޫރިމަނާކޮށް، ތިން ގަޑިއިރު މަގުމަތީގައި ހުންނަ ކުނިބުނި ނަގަން ޖެހޭނެ އެވެ. އަދި އެކަން ތަކުރާރު ކުރާ ނަމަ ކޮންމެ ފަހަރަކު އިތުރު 20 ޑޮލަރުން ޖޫރިމަނާކޮށް، 8 ގަޑިއިރުގެ ކޮމިއުނިޓީ ސާވިސްގައި ބައިވެރިވާން ޖެހޭނެ އެވެ.

މޭޔަރު ވިދާޅުވި ގޮތުގައި ނެތިމޮށުން މަނާ ކުރުމަކީ ހިޔާލު ފާޅުކުރުމުގެ ފުރުސަތު ހަނިކުރުން ނޫން ކަމަށެވެ. އަދި މީގެ މަގުސަދަކީ މީސްމީހުންގެ ހައްގުތަކަށް އިހުތިރާމުކޮށް، އެކަކު އަނެކަކާ އޮންނަ ދެކޮޅުވެރިން ނައްތާލައި އެކުވެރި މުޖުތަމައެއް ބިނާ ކުރުން ކަމަށް ވިދާޅުވި އެވެ.

"ކޮންމެ މީހަކީ އެ މީހަކު ދައްކާ ވާހަކައަކަަށް ޒިންމާވާން ޖެހޭނެ މީހެއް. އެހެންވީމާ އެހެން މީހުންގެ ހައްގުތަކާއި ކަރާމާތް ގެއްލޭ ކަހަލަ ވާހަކަތައް ނުދެއްކުމަކީ ކޮންމެ މީހަކު ވެސް އަޒުމް ކަނޑައަޅަން ޖެހޭނެ ކަމެއް،" 44 އަހަރުގެ މޭޔަރު ވިދާޅުވި އެވެ. "މިއީ ހަމަ ރައްޔިތުންގެ ފައިދާ އާއި ލާބަ އަށް އެޅި ފިޔަވަޅެއް."

މޭޔަރު ވިދާޅުވި ގޮތުގައި ތަންތަނަށް އެއްވެ ތިބެ މީސްމީހުންނާ ބެހޭ ވާހަކަތައް ދެއްކުމަށް ވުރެ، މުޖުތަމައު ތެރޭގައި ކުރަން ހުރި މުހިއްމު ކަންކަން ގިނަ އެވެ.