އެންޑްރޮއިޑް ބީމް: އެންޑްރޮއިޑް 10 ގައި ހިމަނާނެ ކަމަކަށް ނުބެލެވޭ

"އެންޑްރޮއިޑް ބީމް" އަކީ ކޮން އެއްޗެއްކަން، އެންޑްރޮއިޑް ފޯނު ބޭނުންކުރާ މީހުންނަށް އެނގިދާނެ އެވެ. އެއީ ފޮޓޯ އަދި ވީޑިއޯ ފަދަ ފައިލްތައް، "ނިއާ ފީލްޑް ކޮމިއުނިކޭޝަން" (އެންއެފްސީ) މެދުވެރިކޮށް، އެހެން ފޯނަކަށް/ ޑިވައިސްއަކަށް ފޮނުވަން ބޭނުންކުރެވޭ ފީިޗާއެކެވެ.


އަމިއްލަ ފޯނުން ފައިލެއް، އެހެން ފޯނަކަށް "ޝެއާ"ކުރަން ފިތާލުމާ އެކު، އެކަން ކުރެވިދާނެ އެޕްލިކޭޝަންތައް އަދި އެހެނިހެން ގޮތްތަކަށް މަގުފަހިކޮށްދެ އެވެ. އެ ގޮތުގައި ފެންނަން ހުންނަ ލިސްޓް ގައި "އެންޑްރޮއިޑް ބީމް" އިނދެ އެވެ. އެކަމަކު، އެންޑްރޮއިޑް ބީމް އިޚުތިޔާރުކުރެވެނީ "އެންއެފްސީ" ޓެކްނޮލޮޖީ ސަޕޯޓްކުރާ ފޯނުތަކަށެވެ.

އެންޑްރޮއިޑް ބީމް އަކީ ބޭނުމެއް ނެތް ފީޗާއެއް ގޮތުގައި ލިސްޓްކުރަން ޖެހުނީ، އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމްގައި މި ފީޗާ ދެން ނުހިމަނާނެ ކަމަށް ބެލެންވެން ފެށުމުންނެވެ. މި ނޫން ސަބަބުތައް ވެސް އެބަ ހުއްޓެވެ.

"އެންޑްރޮއިޑް ކިޔޫ" އަކީ އެންޑްރޮއިޑް މޮބައިލް އޮޕަރޭޓިން ސިސްޓަމް އަށް ދެން އިތުރުކުރާ ނަމެވެ. އެއީ އެންޑްރޮއިޑް 10 އެވެ. އެންޑްރޮއިޑް ކިޔޫ އަށް އަދި ރަސްމީ ނަމެއް ނުކިޔަ އެވެ.

އެންޑްރޮއިޑް ބީމް އަކީ، އެންޑްރޮއިޑް ފޯނުތަކުގައި ރަސްމީކޮށް ހިމަނަން ކަމުދާ ވަރަށް ވުރެ ފަގީރު އެޕްލިކޭޝަނެކެވެ. ސަބަބަކީ އެއް ބޭނުމެއް ކުރެވެން ހުރި އެހެން އެޕްލިކޭޝަންތަކަށް ވުރެ އުނދަގޫވެފައި، ބީރައްޓެހިވުމެވެ.

އެންޑްރޮއިޑް މާކެޓްގައި ފައިލް "ޝެއާ"ކޮށްދޭ އެޕްލިކޭޝަންތައް ގިނަ އެވެ. އަދި ފައިލްތައް ޝެއާކުރެވެން ހުރި ގޮތްތައް ވެސް ގިނަ އެވެ. އެހެންކަމުން، ވަކި އެޕްލިކޭޝަނެއް މެދުވެރިކޮށް ފައިލެއް ފޮނުވުން މިހާރު ވަނީ މާޒީގައި ކުރި ކަމަކަށެވެ. ފައިލެެއް ކޮންމެހެން އަދި އަވަދިނެތި ފޮނުވަން ޖެހިއްޖެ ނަމަ "ސެންޑް އެނީވެއާ" ވަރުގެ އެޕްލިކޭޝަނެއް ނެތޭ ވެސް ބުނެވިދާނެ އެވެ. މިއީ މި ޒާތުގައި ނެއްޓެން އުނދަގޫ އެޕްލިކޭޝަނެކެވެ.

އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމްގައި "އެންޑްރޮއިޑް ބީމް" ނުހިމަނާ ގޮތަށް ނިންމި ނަމަވެސް، އޭގެ ބަދަލުގައި ބޭނުންކުރުމަށް އެހެން އެޕްލިކޭޝަނެއް ގޫގުލުން އިޚުތިޔާރުކުރާނެ ކަމަށް ބެލެވެ އެވެ. ވާދަވެރި އެހެން އޮޕަރޭޓިން ސިސްޓަމްތަކުގައި ވެސް، އެ އޮޕަރޭޓިން ސިސްޓަމެއް އުފައްދާ ކުންފުންޏަކަށް ނިސްބަތްކުރެވޭ، އެ ޒާތުގެ އެޕްލިކޭޝަންތައް ހިމަނާފައި ހުރެ އެވެ.