ހިތާމަވެރި މިއުޒިކުން ހިތަށް ހިމޭންކަން

ބައެއް މީހުންނަކީ މަޑުމައިތިރި، ހިތާމަވެރި މިއުޒިކް ނުވަތަ ލަވަތައް އަޑު އަހަން ލޯބި ކުރާ މީހުންނެވެ. ވަކިން ހާއްސަކޮށް ދެރަވެ، ހިތްދަތިވެފައި ހުންނަ ވަގުތެއްގައި އެފަދަ މިއުޒިކެއް އަޑު އަހައިލުން ހިތަށް ލުއިވެ، އުފާވެރިކަން ވެސް އިހުސާސް ވެސް ކުރެ އެވެ.


މިއީ ކިހިނެއް ވާ ކަމެއްތޯ ބެލުމަށް ދިރާސާތަކެއް ވެސް ހަދާފައިވެ އެވެ. އެފަދަ ދިރާސާތަކުގައި ބުނަނީ ހިތްދަތިވެފައި ހުންނަ ވަގުތެއްގައި، ހިތާމަވެރި މިއުޒިކެއް އަޑު އަހައިލުމުން ހިތަށާއި ސިކުނޑި އަށް ހަމަހިމޭންކަން ގެނުވާ ކަމަށެވެ.

ކުރީގެ ދިސާރަކަށް ބާރު ލިއްބައިދޭ އާ ދިރާސާއެއްގައި ވެސް ބުނަނީ ހަމަ އެހެންނެވެ. މިކަމާ ބެހޭ ގޮތުން ހަދާފައިވާ އާ ދިރާސާއެއް އިމޯޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ އިރު އޭގައި ބުނާ ގޮތުން ހިތްދަތި ވަގުތެއްގައި ހިތާމަވެރި މިއުޒިކެއް އަޑުއަހައިލުމުން މީހާގެ ނަފުސަށް ހަމަހިމޭން ވެރިވެ ހިތަށް ކޮށްފައިވާ ހިތްދަތި އަސަރުތައް ލުއިކޮށްދެ އެވެ. އަދި މިކަމުގެ ސަބަބުން އުފާވެރިކަން އިހުސާސްކޮށްދީ، ޖަޒުބާތުތައް "ޕޮޒިޓިވްކޮށްދޭ" ކަމަށް ބުންޏެވެ.

އެމެރިކާގެ ސައުތު ފްލޮރިޑާ ޔުނިވަސިޓީގެ ޕްރޮފެސަރު ސަންކިޔުންގް ޔޫން އިސްކޮށް ހުންނަވައިގެން ހެދި ދިރާސާގައި ބުނީ ހިތްދަތިވާ ވަގުތެއްގައި ހިތާމަވެރި މިއުޒިކް އަޑު އަހައިލުމުން މީހާގެ ހިތަށް ވެރިވާ ހިމޭންކަމާއި އުފާވެރި އިހުސާސްތަކުން އުންމީދުތައް ވެސް އާވާ ކަމަށެވެ.

ދިރާސާ ޓީމުން ބެލި އެއް ކަމަކީ ހިތްދަތިވެފައި ހުންނަ ވަގުތެއްގައި އަވަސް އަދި އުފާވެރި ލަވަތައް އަޑުހަން ގަޔާނުވަނީ ކީއްވެތޯ އެވެ ހިތްދަތި ވަގުތެއްގައި އަވަސް އަދި ފޯރި ގަދަ ލަވައެއް/މިއުޒިކެއް އަޑު އެހުމަކީ މީހާގެ މޫޑު އިތުރަށް ހަރާބުކޮށްލައި، ބޮލަށް ކުރާ ބާރު ބޮޑުކޮށްދޭ ކަމެއް ކަމަށް ދިރާސާގައި ބުންޏެވެ.

ދެން އޮތް ސުވާލަކީ ހިތްދަތި ނޫން ވަގުތެއްގައި ވެސް ހިތާމަވެރި/މަޑުމައިތިރި މިއުޒިކަށް ގަޔާވެވެނީ ކީއްވެތޯ އެވެ؟ މި ސުވާލަށް ދިރާސާ އިން ތިލަކޮށްދޭ ލުއި ޖަވާބަކީ އެފަދަ ލަވައެއް އަޑު އަހާލުމަކީ "ހިތްވަރު ދޭ ބައިވެރިއެއް" ގެ ގޮތުގައި ގިނަ ބަޔަކަށް އިހުސާސް ކުރެވުމެވެ. އަދި މަޑުމައިތިރި މިއުޒިކް އަޑުއެހުމުން ރޫހާނީ ގޮތުން ވެސް މީހާގެ ނަފުސަށް އަރާމާއި ހިމޭންކަން އަންނަކަން ފާހަގަ ކުރެވިފައިވެ އެވެ.

އެކަމަކު ޔޫން އާއި އޭނާގެ ޓީމުން ބުނަނީ އަދި ވެސް މިއީ އިތުރަށް ހޯދުންތަކެއް ހޯދަން ޖެހޭ ކަމެއް ކަމަށެވެ.