ވަޓްސްއެޕްގައި ނުރައްކާތެރި ބާގަނޑެއް

ވަޓްސްއެޕްގެ ކޯލް ފީޗާ ތެރެއިން އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކަށް ސްޕައިވެއާ އިންސްޓޯލްކޮށް މައުލޫމާތުން ވައްކަން ކުރެވޭ ނުރައްކާތެރި ބާގަނޑެއް ފެނިއްޖެ އެވެ.


ޓެކްކްރަންޗުން ބުނީ މިއީ އިޒްރޭލުގެ ސްޕައިވެއާއެއް ފޯނުތަކަށް އިންސްޓޯލްކުރެވޭ ބާގަނޑެއް ކަމަށެވެ. މިއީ ވަޓްސްއެޕް ކޯލަށް ޖަވާބު ނުދިން ނަމަވެސް ކޯލް ކުރުމަށް ފަހު ފޯނުގެ ކޮންޓްރޯލް އަތުލެވޭ ބާގަނޑެކެވެ.

ހެކަރުން އިޒްރޭލުގެ އެންއެސްއޯގެ ޕީގަސް ނަމަކަށް ކިޔާ ސްޕައިވެއާއެއް މި ބާގަނޑުތެރެއިން ވަނީ ފޯނުތަކަށް އިންސްޓޯލްކޮށްފަ އެވެ. މި ސްޕައިވެއާ އާންމުކޮށް ބޭނުންކޮށް އުޅެނީ ސަރުކާރުތަކުގެ ރަސްމީ އިދާރާތަކުގެ ތަހުގީގުތަކުގައި، ތުހުމަތުކުރެވޭ މީހުންގެ މައުލޫމާތު ހޯދަން އެ މީސް މީހުންގެ ފޯނަށް އެޅުމަށެވެ.

ވަޓްސްއެޕުން ބުނީ މި މައްސަލައިގެ އަސަރުކޮށްފައިވަނީ ނިސްބަތުން ވަރަށް މަދު ބަޔަކަށް ކަމަށެވެ. ސަބަބަކީ މިއީ އާންމުކޮށް ބޭނުންކޮށްއުޅޭ ސްޕައިވެއާ އަކަށް ނުވާތީ އެވެ.

"އެކަމަކު މި ބާގަނޑު އިންކަން ހެކަރުންނަށް އެނގޭތާ ވީ ކިހާ ދުވަހެއް ކަމެއް އަދި ސާފެއް ނުވޭ،" ވަޓްސްއެޕުން ނެރުނު ބަޔާނުގައި ބުންޏެވެ.

ފޭސްބުކުން ހިންގާ ވަޓްސްއެޕުން ބުނީ މި މައްސަލަ ފާހަގަވުމާ އެކު، 10 ދުވަސް ތެރޭގައި ވަނީ މައްސަލަ ހައްލުކޮށްފަ އެވެ.

"ވަޓްސްއެޕުން އެދެނީ އެންމެ ފަހުގެ އަޕްޑޭޓް އަވަހަށް އެޅުން. އަދި ހަމަ އެހެންމެ ކޮންމެ ފޯނެއް ވެސް އެ ފޯނެއްގެ ސޮފްޓްވެއާގެ އެންމެ ފަހުގެ އަޕްޑޭޓްތަކާ އެކު ބޭނުންކުރުން. އޭރުން ރައްކާތެރިކަން ބޮޑުވާނެ،" ވަޓްސްއެޕުން ބުންޏެވެ.

ވަޓްސްއެޕުން ބުނީ މިހާރު އެޕްލިކޭޝަނުގެ ރައްކާތެރިކަމާ މެދު ކަންބޮޑުވާން ނުޖެހޭނެ ކަމަށާއި މައްސަލަ އެއްކޮށް ހައްލުކޮށްފައިވާ ކަމަށެވެ.