ގުގުރިދަމާ އަންހެނުން މަދެއް ނޫން

ގުގުރިދެމުމަކީ ފިރިހެނުންނަށް ހާއްސަ ކަމެއް ނޫން ކަމަށާއި ފިރިހެނުންނާ އެއްވަރަށް އަންހެނުންގެ ތެރޭގައި ވެސް މި މައްސަލަ އޮންނަ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.


"ގުގުރިދެމުމުގައި ޖިންސުގެ ތަފާތެއް ނެތް. އެކަމަކު ގުގުރިދެމުމާއި ގުގުރިދެމުމުގެ ބާރުމިނުގެ ވާހަކަ އަންހެނުން ދެއްކުން މަދު،" ދިރާސާގައި އިސްކޮށް ހުންނެވި ޑރ. ނިމްރޯދް މައިމަން ވިދާޅުވި އެވެ. އޭނާ އަކީ އިޒްރޭލުގެ ބީރުއްޝިވާގައި ހުންނަ ސޮރާކާ ޔުނިވަސިޓީ މެޑިކަލް ސެންޓަރުގެ އިންޓާނަލް މެޑިސިން ޑިޕާޓްމަންޓުގެ ވެރިޔާ އެވެ.

މައިމަން ވިދާޅުވީ ގުގުރިދަމާކަން އަންހެެނުން ސިއްރުކުރާ ކަމަށެވެ. އަދި މި މައްސަލަ ހުންނަ އަންހެނުން ވެސް އެ މައްސަލަ މާބޮޑަށް ހުންނަ ކަމަށް ނުބުނާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދިރާސާގައި 1،900 މީހަކު ބައިވެރިކުރި އެވެ. އެ މީހުންގެ އެވްރެޖް އުމުރަކީ 49 އަހަރެވެ. އަދި އެންމެންނަކީ ވެސް ނިދުމުގެ މައްސަލަތައް ހުންނަ މީހުންނެވެ.

މި ދިރާސާގެ ބައިވެރިންގެ ތެރެއިން 88 ޕަސެންޓް އަންހެނުންނަކީ ގުގުރިދެމުމުގެ މައްސަލަ ހުންނަ މީހުންކަން ހާމަވި އެވެ. ނަމަވެސް މީގެ ތެރެއިން، ގުގުރިދަމާ ކަމަށް ކުރިން ބުނެފައިވަނީ 72 ޕަސެންޓް މީހުންނެވެ. ދިރާސާއިން އެނގުނު ގޮތުގައި ގުގުރިދަމާ ކަމަށް 93 ޕަސެންޓް ފިރިހެނުން ބުނި އިރު، މި މައްސަލަ ހުންނަކަން ދިރާާސާގެ ކުރިން ބުނި ފިރިހެނުންގެ ނިސްބަތަކީ ވެސް އެއީ އެވެ.

ގުގުރިދަމާ އަޑުގެ އެވްރެޖް ބާރުމިން އަންހެނުންގެ ހުންނަނީ 50 ޑެސިބްލް އެވެ. ނަމަވެސް ފިރިހެނުންގެ 51.7 ޑެސިބްލް އެވެ. ގުގުރިދެމި އަންހެނުންގެ 40 ޕަސެންޓަކީ ބޮޑަށް ނުވަތަ ވަރަށް ބޮޑަށް އެ މައްސަލަ ހުރި މީހުންކަން ވެސް ދިރާސާއިން އެނގުނެވެ.

ދިރާސާ ރިޕޯޓްގައި ބުނެފައިވަނީ އަންހެނުން ގުގުރިދެމުމަކީ ހުތުރު ކަމެއްގެ ގޮތުގައި ދެކޭ މީހުން ގިނަ ކަމަށާއި އެހެންވެ އެކަން ވަރަށް ގިނަ އަންހެނުން ސިއްރުކުރާ ކަމަށެވެ.

މި ދިރާސާ ޖާނަލް އޮފް ކްލިނިކަލް ސްލީޕް މެޑިސިންގައި ވަނީ ޝާއިއުކޮށްފަ އެވެ.