އުމުރުން 100: ފިޓްކަމުގެ ސިއްރަކީ ޔޯގާ

ޔޯގާއަކީ މިހާރު ވަރަށް މަގުބޫލު ކަސްރަތުގެ ބާވަތެކެވެ. ޔޯގާ ހަދާ މީހުންގެ ފިޓްކަމުގެ ވާހަކަ އާއި އޭގެ ފައިދާތަކުގެ ވާހަކަތައް މި ފަހުން ވަރަށް ބޮޑަށް ވައިގައި ހިފި ނަމަވެސް މިއީ އެތައް ޒަމާނެއް ކުރިން ޕްރެޓިކްސް ކުރަމުން އަންނަ ކަމެކެވެ.


މި އަންހެން މީހާގެ ވާހަކަ އިން ކިޔައިދެނީ ޔޯގާގެ މުހިއްމު ކަމުގެ ވާހަކަ އެވެ. އިންޑިއާ ދަރިކޮޅު ފްރާންސް-އެމެރިކާގެ ޓާއޯ ޕޯޗޯން-ލީންޗްގެ އުމުރުން މިހާރު 100 އަހަރެވެ. އެކަމަކު އޭނާ ފެންނަނީ ވަރަށް ލޫޅާފަތިކޮށް އަދި އެހާމެ ސްޓައިލިޝްކޮށެވެ. އެކަމުގެ ސިއްރަކީ ހަމަ ޔޯގާ އެވެ. ހަމަމިއާ އެކު ޓާއޯ މަޝްހޫރުވެފައި ވަނީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ ޔޯގާ ޓީޗަރުގެ ގޮތުގަ އެވެ.

ޓާއޯ ކިޔައި ދިން ގޮތުގައި ޔޯގާ ހަދަން ފެށީ އުމުރުން އެންމެ 7 އަހަރުގަ އެވެ. އޭރުއްސުރެން އެކަން އޭނާ ހުއްޓައެއް ނުލަ އެވެ. ދުވަހަކު ހުއްޓައެއް ވެސް ނުލާނެ އެވެ. ޔޯގާއަކީ ޓާއޯގެ ދިރިއުޅުމުގެ މުހިއްމު ބައެކެވެ. އޭނާ ބުނާ ގޮތުން ޔޯގާއާ ނުލައި ދުވަސް ފުރިހަމައެއް ނުވާނެ އެވެ.

ޓާއޯ ޔޯގާ ހަދަނީ.

"ހެނދުނު ހެނދުނާ އެންމެ ގަޔާވެގެން ކުރާ ކަމަކީ ޔޯގާ ހެދުން،" އިންޑިއާގެ ޕުޑްޗެރީ އަށް އުފަންވި ޓާއޯ ބުންޏެވެ. "ޔޯގާ ފެށުނު ގޮތަކީ އޭރު އަތިރިމައްޗަށް ނިކުމެލީމަ އަބަދު ފެންނަ މަންޒަރަކީ ފިރިހެން ކުދިން ހަށިގަނޑަށް ފާޑުފާޑު ހަރަކާތްތައް ގެންނަ ތަން. އޭރު ޔޯގާ އަކީ ކޯއްޗެއް ކަމެއް ވެސް ނޭނގޭ. އެކަމަކު އޭރު އެ ކުދިން ގެންނަ ހަރަކާތްތައް ބަލަން ހުރެފައި، ޝައުގުވެރިކަން އުފެދުނު ގޮތަށް މިކަން މި ކުރަނީ."

ޓާއޯ: އޭނާއަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ ޔޯގާ ޓީޗަރު.

އުމުރުން 100 އަހަރު ވިޔަސް، ޓާއޯއަކީ އަދިވެސް އޭނާ އެންމެ ލާން ބޭނުންވާ ކަހަލަ އެންމެ މި ޒަމާނުގެ ހެދުން ވެސް ލައި އުޅޭ ވަރަށް ވެސް ސްޓައިލިޝް އަންހެނެކެވެ. އޭނާ ބުނީ ދުޅަހެޔޮ ދިރިއުޅުމަކަށް ލޯބި ކުރާ ނަމަ ޔޯގާއަކީ ދޫކޮށްލެވޭ ވަރަށް ވުރެ ފައިދާ ބޮޑު އެއްޗެއް ކަމަށެވެ.

"ފަހުން އަހަރެން ޔޯގާ ކިޔަވައި އޭގެ ޕްރޮފެޝަނަލް ތަމްރީނު ވެސް ހޯދިން،" ކައިވެނިކޮށް ދަރިއަކު ނުލިބި ހުވަފަތްވެފައިވާ ޓާއޯ ބުންޏެވެ. "ޔޯގާއަކީ މީހާގެ އެތެރެފުށާއި ބޭރުފުށް ވެސް ތަރުބިއްޔަތުކޮށްދޭ އެއްޗެއް. އަހަންނަށް ހަގީގަތުގައި ޑިސިޕްލިންޑް ލައިފެއް އުޅެން ދަސްވި މައިގަނޑު ސަބަބަކީ ވެސް ޔޯގާ."

އޭނާ ވަނީ ޔޯގާއާ ބެހޭ ގޮތުން ފޮތްތަކެއް ވެސް ލިޔެފަ އެވެ. އަދި އެ ދާއިރާ އިން ގިނަ އެވޯޑްތަކެއް ވެސް ހޯދާފައިވާ އިރު، އިންޑިއާ ސަރުކާރުން ދޭ މަތީ ޝަރަފު ޕަދުމާ ޝްރީ ވެސް ޓާއޯ އަށް ލިބިފައިވެ އެވެ. ޓާއޯ ވަނީ އެތައް ބަޔަކު ޔޯގާ އަށް ތަމްރީނުކޮށް އަދިވެސް އެ މަސައްކަތް ކުރަމުންނެވެ.

ޓާއޯގެ ވީޑިއޯއެއް.

ޔޯގާއާ ވަކިވުމެއް ނެތް ޓާއޯ ބުނި ގޮތުގައި ޔޯގާ އިން ލިބުނު އެންމެ ބޮޑު އުފަލަކީ "ޕޮޒިޓިވް" ވިސްނުންތަކެވެ. އަދި އެއްވެސް ކަމަކާ ޖެހިލުން ނުވާ ކަމަށާއި ކުރަން ބޭނުންވާ ކަމެއް ކުރަން ހިތްވަރު ވެސް ލިބޭނީ ޔޯގާ އިން ދޭ ހަކަތައިން ކަމަށް ބުންޏެވެ.

"ދެން އަހަންނަށް ދަސްވި އެއްޗަކީ ރޫހާނިއްޔަތަށް ލޯބި ކުރުމާއި މާއްދިއްޔަތަށް ތަބާނުވުން. މީހާ ފުރިހަމަ މީހަކަށް ވަނީ މީހާގެ އެތެރެފުށް ރީތިވެގެން. ޔޯގާ އިން ދޭ ތަރުބިއްޔަތަކީ އެއީ." ޓާއޯ ބުންޏެވެ.

އޭނާގެ ހަޔާތުގެ އެއް މޮޓޯއަކީ ވެސް މިއެވެ؛ ކުރަން ބޭނުންވާ ކަމެއް ކުރާނީ މިއަދެވެ. މާދަމާ އަންނާނެކަން އެނގެނީ ކިހިނެއް ހެއްޔެވެ؟

"މި އުމުރުގައި އަދިވެސް އަހަންނަށް ކިތަންމެ ހަރުފަތެއް ގިރާ ކުރެވޭނެ. ނެތް ވަރުބަލި ކަމެއް އަދި ފޫހި ކަމެއް ވެސް،" ޓާއޯ ބުންޏެވެ.