ސެމްސަންގުގެ ފަތްޖެހި ފޯނު އަންނަ މަހު ނެރުމުގެ އިޝާރާތެއް

ސެމްސަންގުގެ ފަތްޖެހި ފޯނު ޓެސްޓް ކުރި މީހުން، އޭގައި ބޮޑެތި މައްސަލަތެއް ހުރިކަން ފާހަގަކޮށް، އެ ކުންފުނި ލަދުގަންނުވާލި ރިވިއުތަކާ އެކު، ފޯނު ބާޒާރަށް ނެރުން ފަސްކޮށްފައި އޮތުމަށް ފަހު، އަންނަ މަހު ފޯނު ނެރޭނެ ކަމުގެ އިޝާރާތެއް ދީފި އެވެ.


ދެކުނު ކޮރެއާގެ ކުންފުންޏާ ހަވާލާދީ ޔޮންހެޕް ނިއުސް އެޖެންސީން ބުނީ ފޯނަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށާއި އަންނަ މަހުގެ ތެރޭގައި ފޯނު ނެރޭނެ ކަމަށެވެ. އެކަމަކު ރަސްމީ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ސެމްގަންގް ގެލެކްސީ ފޯލްޑް (އެފް) ގެ މައިގަނޑު މައްސަލަ އަކީ ޑިސްޕްލޭ ހަލާކުވުމެވެ. އެހެންވެ އެއަށް ދިމާވި މައްސަލަތަކާއި ދިމާވެދާނެ މައްސަލަތަކަށް ބަލައި، އެއްކޮށް ހައްލު ހޯދާފައިވާ ކަމަށް ބުންޏެވެ.

މިކަމާ ގުޅިގެން ސެމްސަންގުން ވަނީ ފަތްޖެހި ފޯނަށް ނަގަމުން ދިޔަ އޯޑަރުތައް ވެސް ހުއްޓާލައިފަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި އަލުން އޯޑަރުތައް ނަގަން ފަށާނީ އެ ފޯނު ނެރޭ ރަސްމީ ތާރީހު އިއުލާން ކުރުމަށް ފަހުގަ އެވެ.

ބާޒާރަށް ނެރޭ ފަތްޖެހި ފުރަތަމަ ފޯނުގެ ޝަރަފާ އެކު، ސެމްސަންގުން ކުރިން ނިންމާފައި އޮތީ މިދިޔަ މަހުގެ 26 ގައި ފޯނު ބާޒާރަށް ނެރޭށެވެ.