"ގޭމް އޮފް ތުރޯންސް"ގެ އަރިޔާ ސްޓާކް ވެސް ނަފްސާނީ މައްސަލަތަކުގެ ތެރޭގައި

މަޝްހޫރު މީހުންނަކީ އަބަދުވެސް ވަރަށް އުފަލުގައި އުޅޭ ބައެއް ކަމަށް ގިނަ ބަޔަކަށް ހީވެދާނެ އެވެ. ހާއްސަކޮށް ފިލްމީ ތަރިންނަކީ ވަރަށް ގިނަ ބަޔަކު ލޯބިވާ އަދި ވަރަށް ގިނަ ބަޔަކު ފޮލޯ ވެސް ކުރާ ބަޔަކަަށްވާތީ، ނަމޫނާއަކަށް އެ ފަދަ މީހުން ދެކެ އެވެ.


ނަމަވެސް މި ހުރިހާ ކަމަކާ އެކު ލިބޭ ހިތްހަމަޖެހުމަށް ވުރެ ކުރިމަތިވާ އެހެން ޕްރެޝަރުތަކާ ހެދި ވޭން އުފުލަން ޖެހިފައިވާ ފަންނާނުން ގިނަ އެވެ. ވަރަށް ގިނަ ފަންނާނުންނަކީ ނަފްސާނީ މައްސަލަތަކުގެ ތެރޭގައި އުޅޭ މީހުންނެވެ.

އާދީއްތަ ދުވަހު ނިންމާލާ ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގައި އަރިޔާ ސްޓާކްގެ ކެރެކްޓާ ކުޅުނު މެއިޒީ ވިލިއަމްސް އަކީ ވެސް ނަފްސާނީ މައްސަލަތަކާ ހަނގުރާމަކުރާ މީހެކެވެ. އުމުރުން 22 އަހަރުގެ ބަތަލާ އެ ސިލްސިލާއާ ގުޅުނު އިރު އުމުރަކީ އެންމެ 13 އަހަރެވެ.

"ގޭމް އޮފް ތުރޯންސް" އާ އެކު، މެއިޒީ އަށް ވަރަށް ބޮޑު މަޝްހޫރު ކަމެއް ލިބި އެތައް ބައެއްގެ ސަމާލުކަން ހުއްޓުނެވެ. އެކަމަކު އެ މަޝްހޫރުކަން އޭނާ ސިފަކުރަނީ "ނަފުސާނީ ގޮތުން މީހާ ހަލާކުކޮށްލަން މަގުފަހިވި" ކަމެއްގެ ގޮތުގަ އެވެ.

"ހެޕީ ޕްލޭސް ޕޮޑްކާސްޓް" އަށް ދިން އިންޓަވިއުއެއްގައި މެއިޒީ ބުނި ގޮތުގައި ފުރާވަރަށް އަރައިގެން އައީ މަޝްހޫރުކަމާ އެކުގައި ކަމަށް ވިޔަސް، އެއީ އޭނާގެ ހަޔާތުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމެކެވެ. އަދި އެކި ގޮތްގޮތުން އަމާޒުވާ ފާޑުކިޔުންތަކުގެ ސަބަބުން އަމިއްލަ ނަފުސަށް ދެވޭ ސަމާލުކަން ވެސް ކުޑަވެގެން ގޮސްފައިވާ ކަމަށް ބުންޏެވެ.

"އަބަދު ނެގަޓިވް ކަންތައްތަކެއް މީހާ ވަށާލާފައި އޮންނަނީ. އުފާވެރި ކަމެއް ހިތްހަމަޖެހުމެއް އިހުސާސެއް ނުކުރެވޭ. އަނެއްކޮޅުން ކުރިމަތިވާ ފާޑުކިޔުންތަކާ ހެދި ހިތްދަތިވެ، އެކަމާ ދޭތެރޭ އަބަދު ފިކުރު ކުރެވެނީ،" މެއިޒީ ބުންޏެވެ.

އޭނާ ކިޔައި ދިން ގޮތުގައި މިހާރު ވެސް ރޭގަނޑު ނުނިދިފައި ގިނަ ވަގުތު އޮންނަން ޖެހެ އެވެ.

"އަހަރެން ބޭނުންވޭ މިކަމުން އަރައި ގަންނަން. އެކަމަށް ވަރަށް އެބަ މަސައްކަތް ކުރަން،" މިދިޔަ ފެބްރުއަރީ މަހު ރިލީޒް ކުރި "ދެން ކޭމް ޔޫ" ގެ ބަތަލާ ބުންޏެވެ.

މެއިޒީ ބުނި ގޮތުގައި އޭނާ މި ވަގުތު ބޭނުން ވަނީ އާދައިގެ ދިރިއުޅުމެއް އުޅޭށެވެ. އޭނާ ބުނީ މަޝްހޫރު ކަމަކީ އެހާ މުހިއްމު އެއްޗެއް ނޫން ކަމަށެވެ.

މެއިޒީ "ގޭމް އޮފް ތުރޯންސް" ގެ މަންޒަރެއްގައި.

"މަޝްހޫރު މީހެއް ވީމަ އަބަދުވެސް އެ މީހަކު ވާން މި ޖެހެނީ އަބަދުވެސް ފޭނުން ބޭނުންވާ ކަހަލަ މީހަކަށް. ކޮންމެވެސް އެހެން މީހަކަށް. އެކަމުގެ ސަބަބުން އަމިއްލަ ނަފުސު ބަލައިގަންނަން ދަތިވެ، އެކި ކަހަލަ ނުތަނަވަސްކަމުގެ ތެރޭގައި މީހާ އުޅެން މި ޖެހެނީ،" އޭނާ ބުންޏެވެ. "އަހަރެން ހަގީގަތުގައި ބޭނުން ވަނީ ނޯމަލް ލައިފެއް. ފޭމް އަކީ އަހަންނަށް އެހާ މުހިއްމު ކަމެއް ނޫން."

"ގޭމް އޮފް ތުރޯންސް" މައި މެއިޒީގެ ދައްތަ އަދި ސަންސާ ސްޓާކްގެ ރޯލް ކުޅުނު ސޯފީ ޓާނާ ވެސް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ޑިޕްރެޝަނާ ހަނގުރާ ކުރި ކަމަށް ބުނެފަ އެވެ.