ހޫނު މާހައުލުން އަންހެނުންގެ އުފެއްދުންތެރިކަން އިތުރުކޮށްދޭ

މަސައްކަތްކުރާ މާހައުލުގެ ފިނިހޫނުމިނުގެ މައްސަލަ މުވައްޒަފުންގެ ތެރޭގައި ބައެއްފަހަރު ވަރަށް ބޮޑުވެ އެވެ. އެއްބަޔަކު ފިނިވެގެން ކެތް ނުވާއިރު އަނެއް ބަޔަކަށް އެއީ ހެޔޮވަރެވެ. އެކަމަކު މި ދިރާސާ އިން މި ވިސްނުން ފަހަރެއްގައި ބަދަލުވެދާނެ އެވެ.


އާ ދިރާސާއެއްގައި ބުނާ ގޮތުން ފިނި މާހައުލަކަށް ވުރެ، ހޫނު މާހައުލަކުން އަންހެނުންނަށް ލިބޭ ފައިދާތައް ގިނަ އެވެ. އެގޮތުން ވަޒީފާ އަދާކުރާ ތަނަކީ ހޫނު މާހައުލެއް ނަމަ އެކަމުގެ ސަބަބުން އަންހެނުންގެ އުފެއްދުންތެރިކަން އިތުރުވާ ކަމަށް ބުނެފައިވެ އެވެ.

ޕްލޮސް ވަންގައި ޝާއިއުކޮށްފައިވާ އެމެރިކާގެ ސަދަން ކެލިފޯނިއާގެ ޔުނިވަސިޓީ (ޔޫއެސްސީ) އިން ހެދި ދިރާސާގައި ބުނާ ގޮތުން ވަޒީފާ އަދާކުރާ މާހައުލަކީ ފިނި މާހައުލެއްގެ ބަދަލުގައި "ވާމް" މާހައުލެއް ނަމަ އަންހެނުންގެ އުފެއްދުންތެރިކަން މާ ބޮޑަށް ވެސް އިތުރުކޮށްދީ، މަސައްކަތުން ރަނގަޅު ނަތީޖާއެއް ނެރެ އެވެ.

މި ދިރާސާ ހެދުމަށް ދެ ޖިންސްގެ 543 މީހަކަށް ވަނީ ތިން ޓެސްޓެއް ފިނިހޫނުމިން 16 ޑިގްރީ އާއި 32 ޑިގްރީގައި ހުރި ލެބޯރެޓަރީއެއްގައި ހަދަން ޖައްސައިފަ އެވެ. އެ ތިން ޓެސްޓަކީ ހިސާބާއި ވާބަލް އަދި ކޮގްނިޓިވް ރިފްލެކްޝަން ޓެސްޓެވެ.

އޭގެ ނަތީޖާ އިން ދައްކަނީ ތިން ޓެސްޓް ވެސް ފުރިހަމަ ކުރި ބައިވެރިންނަށް ބަލާ އިރު ހޫނުމިން މަތިކޮށް ހުރި މާހައުލުގައި ޓެސްޓް ހެދި ބައިވެރިންގެ ނަތީޖާ ފިނި މާހައުލުގައި ޓެސްޓް ހެދި ބައިވެރިންގެ ނަތީޖާއާ އަޅާބަލާ އިރު މާ ބޮޑަށް ވެސް ރަނގަޅު ކަމެވެ. އަދި ފާހަގަކުރެވުނު އަނެއް ކަމަކީ ދެ މާހައުލުގައި މަސައްކަތް ކުރަން ޖެހުނަސް ފިރިހެނުން ނެރޭ ނަތީޖާ އަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމެވެ.

ބަޔަކު އޮފީހެއްގައި މަސައްކަތް ކުރަނީ.

އެހެންވެ މުޅި ދިރާސާގެ ނަތީޖާ އަށް ރިއާޔަތް ކުރާ އިރު، ހާމަވި ކަމަކީ ހޫނު މާހައުލެއްގައި މަސައްކަތް ކުރާ އަންހެނުންގެ އުފެއްދުންތެރިކަން މާ ބޮޑަށް ވެސް އިތުރުކޮށްދޭ ކަމަށެވެ.

"މިއިން ދައްކުވައިދޭ އަނެއް ކަމަކީ އިންޑޯ ޓެމްޕެރޭޗާ ވާމްކޮށް ހުންނަން އަންހެނުން ގަޔާވާކަން. އަދި އެކަމުގެ ސަބަބުން ފައިދާތަކެއްވާކަން،" ޔޫއެސްސީގެ އެސޯސިއޭޓް ޕްރޮފެސަރު ޓޮމް ޗަންގް ވިދާޅުވި އެވެ.