އަމިއްލަ ފޮޓޯއެއް ޕޯސްޓްކުރުމުން އެރިއާނާ އަށް ދައުވާކޮށްފި

އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ އެރިއާނާ ގްރަންޑޭ މިދިޔަ އަހަރު އޭނާގެ އަމިއްލަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރި މައްސަލައެއްގައި އޭނާގެ މައްޗަށް ފޮޓޯގްރާފަރަކު ދައުވާކޮށްފި އެވެ.


ޒުވާން ލަވަކިޔުންތެރިޔާގެ އެންމެ ފަހުގެ އަލްބަމް "ސްވީޓްނާ" ރިލީޒްކުރި ދުވަސް ކަމަށްވާ އޮގަސްޓް، 17، 2018 ގައި އިންސްޓަގްރާމާއި ޓްވިޓާގައި ޕޯސްޓްކުރި ފޮޓޯގެ މައްސަލާގައި ދައުވާ ކުރަނީ ޕަޕަރީއެއްގެ ގޮތުގައި މަޝްހޫރު ރޮބަޓް ބާބެރާ އެވެ.

ކެޕްޝަނަކަށް "ހެޕީ ސްވީޓްނާ ޑޭ" ޖަހާފައި ޕޯސްޓްކުރި ފޮޓޯގައި ފެންނަނީ އެރިއާނާ ކްރީމް ކުލައިގެ ހެދުމެއްގައި، ސްވީޓްނާ ޖަހާފައިވާ އެތެރެ ފެންނަ ހޭންޑްބޭގެއް ހިފައިގެން ހިނގާފައި ދަނިކޮށެވެ.

ޑޭޒްޑް ޑިޖިޓަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޮބަޓް، އެރިނާ، 25، އަށް ދައުވާ ކުރަނީ އޭނާ ނެގި ފޮޓޯ ހުއްދަ ނެތި ބޭނުން ކުރުމުން މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ބުނެ އެވެ.

އެގޮތުން ބަދަލެއްގެ ގޮތުގައި، ޓްވިޓާ އާއި އިންސްޓްރާމްގައި ހިއްސާކުރި ކޮންމެ ފޮޓޯއަކަށް 25،000 ޑޮލަރު ނުވަތަ އެ ފޮޓޯތައް ޕޯސްޓްކޮށްގެން އެރިއާނާ އަށް ލިބުނު ފައިދާ އެއްކޮށް، ނަގައިދޭން އެދިފައިވެ އެވެ.

އިންސްޓަގްރާމްގައި ޕޯސްޓް ކުރި ފޮޓޯ އެރިއާނާ ޑިލީޓްކޮށްލި އިރު، އެ ޕޯސްޓަށް 3,392,035 ލައިކްސް ލިބުނެވެ. ނަމަވެސް ޓްވިޓާގައި ޕޯސްޓްކުރި ފޮޓޯ ޑިލީޓެއް ނުކުރެ އެވެ.

އެރިއާނާއަކީ އިންސްޓަގްރާމްގައި ދެވަނަ އަށް އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ ސެލެބްރިޓީ އެވެ. އެއީ 156 މިލިއަން ފޮލޯވަރުންނާ އެކީގަ އެވެ.