ޗައިނާގައި އައިފޯން މަނައެއް ނުކުރާނެ

އައިފޯން ޑިޒައިންކުރަނީ އެމެރިކާގަ އެވެ. އުފައްދަނީ ޗައިނާގަ އެވެ. ޗައިނާގައި އުފައްދައި އެމެރިކާ އަށް އެތެރެކުރާ މުދަލުން ޑިއުޓީ ނަގާ މިންވަރު، 10 ޕަސެންޓުން 25 ޕަސެންޓަށް، އެމެރިކާ ސަރުކާރުން ބޮޑުކުރި ނަމަވެސް، ޑިއުޓީ ބޮޑުކުރި ލިސްޓްގައި އައިފޯނެއް އަދި ނުހިމަނަ އެވެ.


ޗައިނާ އަށް އިގުތިސޯދީ ގޮތުން އުނދަގޫކުރަން އެމެރިކާ ކުރާ މަސައްކަތްތަކުގައި، ޗައިނާގެ ވާވޭ ޓެކްނޮލޮޖީޒްގެ މުދާ، އެމެރިކާގައި ބޭނުންނުކުރަން ވަނީ އަންގާފަ އެވެ. އަދި އެމެރިކާ ޓެކްނޮލޮޖީ ކުންފުނިތަކުން، ވާވޭއާ އެކު ވިޔަފާރިނުކުރަން ވަނީ އަންގާފަ އެވެ.

އެމެރިކާއިން ވާވޭ އަށް ދަތިކުރި މައްސަލާގައި، ޗައިނާއިން އެޕަލް އަށް ދަތިކުރުމަކީ ސަޕޯޓަރުން އަތްޖަހައި، އުފާކުރާނެ ކަމެކެވެ. އަދި އެއީ ބަދަލުހިފުމަށްޓަކައި ކުރަން އެންމެ ރަނގަޅު ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ވެސް ކުރާނެ ކަމެކެވެ.

ޗައިނާގައި އައިފޯން އުފައްދަނީ ފޮކްސްކޮން ފެކްޓަރީގަ އެވެ. އައިފޯން އުފެއްދުމުގައި އަދި މި ނޫން ފެކްޓަރިތަކުގެ އެހީތެރިކަން ވެސް "ފޮކްސްކޮން" އިން ހޯދަ އެވެ. މި ފެކްޓަރީތަކުގައި މަސައްކަތްކުރަނީ ޗައިނާ މީހުންނެވެ.

އެމެރިކާއިން ކުރާހާ ކަމަކަށް ބަދަލުހިފުމުގެ ގޮތުން، ޗައިނާގައި އައިފޯން އުފެއްދުން ހުއްޓުވައިފި ނަމަ، އެތައް ހާސް ބައެއްގެ ވަޒިފާ ގެއްލިގެން ދާނެ އެވެ. އެމެރިކާ އިން ދަތިކުރަން އަޅާފައި އޮތް ފިޔަވަޅުން ބޮލުގައި ރިހޭ ވަރަށް ވުރެ، ވަޒީފާ ގެއްލޭ މީހުންގެ އުނދަގުލާ ހެދި ރިހޭ ރިހުން ގަދަވާނެ އެވެ. އަދި މިކަމުން ޗައިނާގެ އިގްތިސޯދަށް ދެން ވެސް ކުރާނީ ނުރަނގަޅު އަސަރެވެ. އެހެންވެ ޗައިނާގައި އައިފޯން މަނާކުރުމަކީ ޗައިނާ އަށް ވާނެ ގެއްލުން ބޮޑުވާނެ ކަމެކެވެ.