"ލޯބިން" ޖެއްސި ފޭކް ހައިޖެކަކުން އުމުރު ދުވަހުގެ ޖަލު ހުކުމެއް

ޖެޓް އެއާވޭޒްގައި އަންހެނުން އަދާކުރާ ވަޒީފާގެ ސަބަބުން އެކުގައި ވަގުތު ހޭދަ ނުކުރެވޭ ކަމަށް ގަބޫލުކޮށް އަންހެނުންގެ ވަޒީފާ ގެއްލުވައިލުމުގެ މަގުސަދުގައި ފޭކް ހައިޖެކެއް ޕްލޭން ކުރި އިންޑިއާގެ ވިޔަފާވެރިއަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.


މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުުގައި ގަހަނާގެ ވިޔަފާރިކުރާ މުމްބާއީ މީހެއް ކަމަށްވާ ބިރްޖޫ ކިޝޯރް ސައްލާ، 38، އޮކްޓޯބަރު 2017 ގައި ހިންގި ހާޖާނުގަނޑާ ގުޅިގެން އޭނާ މައްޗަށް ޖަލު ހުކުމެއް އިިިއްވީ 2016 ގައި އިންޑިއާގައި އަމަލު ކުރަން ފެށި އެންޓި-ހައިޖެކިން އެކްޓްގެ ދަށުންނެވެ. އަދި މިއީ އެ ގާނޫނުގެ ދަށުން ހައިޖެކްގެ މައްސަލައެއްގައި މީހެއްގެ މައްޗަށް ޖަލު ހުކުމެއް އިއްވި ފުރަތަމަ ފަހަރު ވެސް މެ އެވެ.

ނަމަވެސް ބިރްޖޫ ޖެޓް އެއާވޭޒް ހައިޖެކެއް ނުކުރެ އެވެ. އޭނާގެ ބޭނުމަކަށްވީ އެކަހަލަ އިޝާރާތެއް ބޯޓް ތެރޭގައި ދީގެން، އަންހެނުން ވަޒީފާ އިން ވަކިކުރަން އެއާލައިނަށް މަޖުބޫރު ކުރުމެވެ. އެކަމަކު އެ ހާދިސާ ހިނގައި ދިޔަ ގޮތުން އޭނާ އަށް ދާންޖެހުނީ ޖަލަށެވެ.

މި މައްސަލާގައި ކޯޓްގައި ބިރްޖޫ ބުނީ ދިއްލީން މުމްބާއީ އަށް ކުރަން އޮތް ދަތުރުގައި ބޯޓް ހައިޖެކް ކުރަން އުޅޭ ކަމަށް ލިޔެފައިވާ އިބާރާތެއް އޭފޯ ސައިޒްގެ ކަރުދާސްގަނޑެއް ބޯޓްގެ ފާހާނާ ތެރޭގައި ބޭއްވީ ޖެޓް އެއާވޭޒްގެ މުމްބާއީ ދަތުރުތައް ދާއިމީކޮށް ހުއްޓާލާނެ ކަމުގެ އުންމީދުގައި ކަމަށެވެ. އޭރުން، ކަސްޓަމާ ކެއާ އެގްޒެކެޓިވެއްގެ ގޮތުގައި މަސައްކަތްކުރާ އަންހެނުންގެ ވަޒީފާ ގެއްލި އޭނާއާ އެކު ވަގުތު ހޭދަކުރަން ލިބޭނެ ކަމަށް ފިރިމީހާ އުންމީދުކުރި އެވެ.

އިންޒާރުގެ ލިޔުން ބޭއްވީ ބިރްޖޫކަން އެނގުނީ ސީސީޓީވީ ފުޓޭޖުންނެވެ.

ބިރްޖޫ ބުނީ ބޯޓް ހައިޖެކް ކުރުމަކީ އެ ވިސްނުމުގައި ހުރި ކަމެއް ނޫން ކަމަށެވެ. ނަމަވެސް މި ހާދިސާއާ ގުޅިގެން ދަތުރަށް ބުރޫ އަރައި، ދިއްލީގެ އޮޕަރޭޝަން ވެސް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނެވެ.

ބިރުޖޫއާ ގުޅޭ ވީޑިއޯކޮޅެއް.

ކުރިން ކައިވެންޏެއްކޮށް ދެ ދަރިން ވެސް ލިބިފައިވާ ބިރުޖޫ އާއި ޖެޓް އެއާވޭޒްގެ މުވައްޒަފު ކައިވެނި ކުރީ 2017 ގަ އެވެ. އަދި އޭނާ ބޭނުންވީ އަންހެނުން މުމްބާއީގައި ދިރިއުޅޭށެވެ.

ނަމަވެސް ކުރިން ކައިވެންޏެއްކޮށް ބިރުޖޫގެ ދަރިން ވެސް ތިބިކަން އެނގުމުން އަންހެނުން ވަނީ އޭނާއާ އެކު މުމްބާއީ އަށް ބަދަލުވާން ދެކޮޅު ހަދައިފަ އެވެ. އަދި ހައިޖެކް ޕްލޭނަކީ އޭގެ ސަބަބުން ކުރި ކަމެއް ކަމަށް ބިރްޖޫ ކޯޓްގައި ބުންޏެވެ.

މި ހާދިސާއާ ގުޅިގެން އަންހެން މީހާގެ ވަޒީފާ ވެސް ގެއްލިފައިވެ އެވެ. އެކަމަކު އޭނާއާ އެކު އުޅުމުގެ އުފަލެއް ފިރިމީހާއަކަށް ނެތެވެ. އޭނާ މިހާރު އޮންނަން ޖެހެނީ އުމުރު ދުވަހށް ޖަލުގަ އެވެ.