ސެމްސަންގުގެ ފަތްޖެހި ފޯނުގެ އާ ވާހަކަތަކެއް

ސެމްސަންގުގެ ފަތްޖެހޭ ފޯނުގެ އިންތިޒާރުގައި ތިބި މީހުންގެ އިންތިޒާރަށް ނިމުމެއް އަންނާނެ އިރެއް އަދިވެސް ނޭނގެ އެވެ. މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ދައްކާލައި، އެޕްރީލް މަހުގެ 26 ގައި އާންމުކޮށް ނެރެން އޮތް ފޯނު ނެރުން ކުއްލި ގޮތަކަށް ފަސްކުރަން ޖެހުނީ އެ ފޯނާ އެ ވާޝަނާ ބެހޭ ގޮތުން އާންމުވި ރިވިއުތަކުގައި ފޯނުގެ ޑިސްޕްލޭގައި ބޮޑެތި ޓެކްނިކަލް މައްސަލަތަކެއް ހުރި ކަމަށް ބުނުމާ އެކުގަ އެވެ.


އެއާ އެކު ފޯނު ނެރުން ވަކި ތާރީހެއް ނެތް ގޮތަށް ފަސްކުރުމަށް ފަހު، ސެމްސަންގުން އަންނަނީ މައްސަލަ ހައްލު ކުރަމުންނެވެ. ޓެކް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި އެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިއްޖެ އެވެ. އެހެންވެ ދެން ލަހެއް ނުވެ ފޯނު ނެރޭ ތާރީހު، ދެކުނު ކޮރެއާގެ ސެމްސަންގުން އިއުލާން ކުރާނެ އެވެ.

ތާރީހު ކަށަވަރު ނުވިޔަސް، އުފާވެރި ޚަބަރަކީ ފަތްޖެހޭ ފޯނާ ބެހޭ އާ ވާހަކަތަކެއް މިހާރު ތިލަވެފައިވުމެވެ. އެގޮތުން އެ ފޯނަށް ވައި-ފައި އެލައިންސާއި ބުލޫޓޫތު ސިގްގެ ސެޓްފިކްޓް މިހާރު ލިބިފައިވާ ކަމަށްވެ އެވެ. އެގޮތުން ފަތްޖެހި ފޯނު އާންމުންގެ އަތަށް ދެން އަރާނީ 5ޖީ އާއި އެލްޓީއީ ވާޝަންތަކާ އެކުގަ އެވެ.

ދި އޭޝިއަން އޭޖުން ބުނި ގޮތުގައި ސެމްސަންގުން ފަތްޖެހޭ ފޯނު ދެ ވާޝަނެެއް ނެރޭނެ ކަމަށް ބެލެވޭ އިރު 5ޖީ ވާޝަނަކީ އެއް ސިމް ލެއްވޭ، 4235mAh ބެޓެރީގެ ފޯނެކެވެ. ނަމަވެސް އެލްޓީއީއަކީ ދެ ސިމް ލެއްވޭނެ 4380mAh ބެޓެރީގެ ފޯނެކެވެ. ނަމަވެސް ދެ ވާޝަނުގެ ވެސް މައިނގަނޑު އިންޓާނަލް ސްޕެސިކޭޝަންތައް އެއްގޮތް ވާނެ ކަމަށްވެ އެވެ.

މިކަމާ ބެހޭ ގޮތުން ސެމްސަންގުގެ ރަސްމީ ބަހެއް އަދި ނެތެވެ.