ލަސް ވެގަސްގައި ޕާކިން ޖޫރިމަނާ ފަންސުރާއި ގަލަމުން ވެސް ދެއްކިދާނެ

އެމެރިކާގެ ލަސް ވެގަސްގައި ވެހިކަލް ޕާކިން ޖޫރިމަނާ ފަންސުރާއި ގަލަމުން ވެސް ދެއްކޭ ގޮތް ހަދައިފި އެވެ.


ލަސް ވެގަސް ސިޓީ ކައުންސިލުން ވަނީ ފައިސާގެ ބަދަލުގައި ސްކޫލް އައިޓަމްތަކުން ޖޫރިމަނާ ބަލައިގަންނަން ނިންމައިފަ އެވެ. އެގޮތުން ސްކޫލް އައިޓަމްތަކުން ޕާކިން ޖޫރިމަނާ ބަލައިގަންނާނީ ޖޫން މަހުގެ 20 އާއި 19 އާ ދޭތެރޭ ދޫކުރާ ޕާކިން ޓިކެޓްތަކަށެވެ.

އެގޮތުން ފަންސުރާއި ގަލަމާއި ކަރުދާހާއި ފޮހޭ ރަބަރާއި ފަންސުރު ޖަހާ ދައްޗާއި ކޮޕީ ކަރުދާހާއި މާކަރާއި ފަތިގަނޑާއި ކަތުރާއި ޕޭޕަ ޓަވަލް ފަދަ އައިޓަމްތަކުން ޖޫރިމަނާ ފީ ބަލައި ގަންނާނެ އެވެ.

މިކަމާ ބެހޭ ގޮތުން ލާސް ވެގަސް ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ޕާކިން ޖޫރިމަނާގެ ގޮތުގައި ގެނެސްދޭ ސާމާނު ހަދިޔާކުރާނީ ޕަބްލިކް އެޑިއުކޭޝަން ފައުންޑޭޝަނާ ގުޅިގެން މަސައްކަތް ކުރާ ޓީޗާޒް އެކްސްޗޭންޖަށް ކަމަށެވެ.

"މަސް ދުވަހަށް މި ޕްރޮގްރާމް ކުރިއަށް ގެންދިޔަ ނަމަވެސް މިއީ ދޭތެރެ ދޭތެރެއިން ލާސް ވެގަސްގައި ކުރާނެ ކަމެއް،" ކައުންސިލުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މީގެ ކުރިން ވެސް ލާސް ވެގަސް ކައުންސިލުން ވަނީ ޕާކިން ޖޫރިމަނާ ފައިސާ ނޫން އެއްޗެހިން ދެއްކޭ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެންމެ ފުރަތަމަ މިކަން ފެށީ 2016 ގަ އެވެ.

މީގެ އެއް ބޭނުމަކީ ތަކެތި ހަދިޔާ ކުރުމުގެ ރޫހު ވެސް އާލާކޮށް، ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ.