ހަކުރު އެޅި ބުއިންތަކުން ކެންސަރު ޖެހޭތަ؟

މޭވާ ޖޫހާއި ފިޒީ ބުއިންތަކުގެ ތެރެއިން ހަކުރު އަޅާފައި ހުންނަ ބުއިންތަކުން ކެންސަރުގެ ނުރައްކާ ބޮޑުވާ ކަމަށް ފްރާންސްގެ ސައިންސްވެރިން ކުރި ދިރާސާއަކަށް ފަހު ވަނީ ބުނެފަ އެވެ. ބްރިޓިޝް މެޑިކަލް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައިވާ ގޮތުން 100،000 މީހުންގެ މައުލޫމާތު، ފަސް އަހަރު ވަންދެން ބެލުމުން، ހަކުރާއި ކެންސަރާ ގުޅުންތަކެއް ހުރިކަން ވަނީ ހާމަވެފަ އެވެ.


ޔުނިވާސިޓީ ސޯބޯން ޕެރިސް ސިޓޭގެ ސައިންސްވެރިން ކުރި މި ދިރާސާގައި ބޮޑަށް ބުރަވެފައިވަނީ ހަކުރު އެޅި ބުއިންތަކުން ކެންސަރަށް މަގު ފަހިވަނީ ލޭގައި ހަކުރުގެ މިންވަރު އިތުރުވުމުން ކަމަށެވެ. އެކަމަކު މިއީ ހަކުރު އެޅި ބުއިންތަކާއި ކެންސަރާ ގުޅުން ހުރިކަން ކަނޑައެޅިގެން ސާބިތުވާ ދިރާސާއެއް ނޫނެވެ. މި ދިރާސާ އިން ލަފާކުރެވުނު ކަންކަން އިތުރަށް ބަލަން އަދި ދިރާސާތައް ކުރަން ޖެހެ އެވެ.

ހަކުރު އެޅި ބުއިމަކީ ކޮބާ؟

ދިރާސާގައި ބަލާފައި ވަނީ، ހަކުރުގެ މިންވަރު ފަސް ޕަސެންޓަށް ވުރެ ގިނައިން ހުންނަ ބުއިންތަކެވެ.

ހަކުރު ނާޅާއި ހުންނަ މޭވާ ޖޫހަކީ ވެސް ހަކުރު އެޅި ބުއިމެއްގެ ގޮތުގައި މި ދިރާސާގައި ބަލާފައިވެ އެވެ. މީގެ އިތުރުން ސޮފްޓް ޑްރިންކް، ފޮނި މިލްކްޝޭކް، އެނާޖީ ޑްރިންކް އަދި ހަކުރު އެޅި ސަޔާއި ކޮފީ ވެސް ހިމެނެ އެވެ.

"ޒީރޯ-ކެލަރީ" ގައި ހަދާފައިވާ، ހަކުރު ނާޅައި ފޮނިރަހަ ލައްވާފައިވާ ބުއިންތައް ވެސް ދިރާސާކުރި އެވެ. އެކަމަކު އެ ބުއިންތަކާ ކެންސަރާ ގުޅުމެއް ހުރި ކަމަކަށް ނުދައްކަ އެވެ.

ކެންސަރުގެ ނުރައްކާ އޮތީ ކިހާ ވަރަކަށް؟

ދިރާސާގައި ބުނެފައިވާ ގޮތުގައި، ދެ ހަފުތާ ވަންދެން، ކޮންމެ ދުވަހަކު، ހަކުރު އެޅި 100 މިލިލީޓަރު ބުއިމެއް ބޯ ނަމަ ކެންސަރުގެ ނުރައްކާ 18 ޕަސެންޓް ބޮޑުވެ އެވެ.

ދިރާސާގައި ބައިވެރިކުރި ކޮންމެ 1،000 މީހެއްގެ ތެރެއިން 22 މީހަކަށް ކެންސަރު ޖެހުނެވެ. އަދި އިތުރުކުރާ ކޮންމެ 100 މިލިލީޓަރަކަށް ކެންސަރުގެ ނުރައްކާ ކޮންމެ ފަސް އަހަރަކުން 26 ޕަސެންޓަށް ބޮޑުވާ ކަމަށް ވެސް ދެއްކި އެވެ.

"ހަކުރާއި ކެންސަރާ ގުޅުން ހުރި ކަމަށް ބެލެވޭ ކަމަށް މި ދިރާސާ އިން ދެއްކި ކަމުގައި ވިޔަސް މިކަން އިތުރަށް ކަށަވަރު ކުރުމަށް އަދި އިތުރު ދިރާސާތައް ކުރަންޖެހޭ،" ކެންސަ ރީސާޗް ޔޫކޭގެ ސްޓެޓިސްޓީޝިއަނެއް ކަމަށްވާ ޑރ. ގްރަހަމަ ވީލާ ވިދާޅުވި އެވެ.

މި ދިރާސާގައި 2،193 މީހަކަށް ކެންސަރު ޖެހުނު ކަމަށް ރެކޯޑް ކުރެވިފައި ވާއިރު 693 މީހަކަށް ޖެހުނީ އުރަމަތީ ކެންސަރެވެ. އަދި 291 މީހަކަށް ޕްރޮސްޓޭޓް ކެންސަރު ޖެހުނު އިރު 166 މީހަކަށް ޖެހުނީ ގޮހޮރުގެ ކެންސަރެވެ.

ތަޖުރިބާކާރުންގެ ބަސް

ހަކުރު އެޅި ބުއިންތަކާ ކެންސަރާ ގުޅުން ހުރި ކަމަށް ދެއްކި ކަމުގައި ވިޔަސް ދިރާސާ ޓީމުން ބުނީ މިކަން ކަށަވަރު ކުރަން ފުޅާ ދާއިރާއެއްގައި ބޮޑެތި ދިރާސާތަކެއް ކުރަންޖެހޭ ކަމަށެވެ.

"ހަކުރު އެޅި ބުއިންތަކާ ހިތުގެ ބަލިތަކާއި ބަރުދަން އިތުރުވުމާއި ފަލަ ބަލި އަދި ހަކުރު ބައްޔާ ގުޅުން ހުރޭ،" ޑރ. ޓޫވިއާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ (ސީދާ ހަކުރުން ކަމުގައި ނުވިޔަސް) މި ކަންކަމަކީ ވެސް ކެންސަރަށް މަގު ފަހިކުރުވާ ކަމަށް ވެދާނެ ކަމަށެވެ. އެހެންވެ އެންމެ ރަނގަޅު ގޮތަކީ ހަކުރުގެ ބާވަތްތަކާ ދުރުވުން ކަމަށް ވިދާޅުވި އެވެ.