އާއިލާ އަށް ފިލި ފިރިމީހާ ފެނުނީ ޓިކްޓޮކްގައި ނަށަނިކޮށް

ޓިކްޓޮކްގެ މައްސަލަ އިންޑިއާގައި ބޮޑު ވަބާވައަކަށްވެގެން އެ އެޕް ދާދި ފަހުން މަނާ ކުރުމަށް ފަހު އަލުން ހުއްދަ ދިނުމަކީ ހަމަ ނަސީބަކަށް ވެސް ވެދާނެ އެވެ. ޔަގީނުން ވެސް މި އަންހެން މީހާގެ ހަޔާތުގައި ޓިކްޓޮކް އަދާކުރި ދައުރު ވަރަށް ވެސް ބޮޑެވެ.


މީގެ ތިން އަހަރެއްހާ ދުވަސް ކުރިން، ޓެމިލް ނާޑޫގެ ވިލުޕުއްރަމްގައި ދިރިއުޅޭ ޖަޔާޕްރަދާގެ ފިރިމީހާ ސުރޭޝް ވަނީ އޭނާ އާއި ދެ އަންހެން ދަރިން ދޫކޮށްލާފައި ފިލައިފަ އެވެ. ދެން މައްސަލަ ހުށަހެޅީ ފުލުހަށެވެ. އެކަމަކު ފާއިތުވެ ދިޔަ ދިގު މުއްދަތުގެ ތެރޭގައި ފުލުހުންނަކަށް ޖަޔާގެ ފިިރިމީހާ ހޯދިފައެއް ނުވެ އެވެ.

ފިރިމީހާ އަށް ވީނުވީއެއް ނޭނގި އެތައް ދުވަހެއްވެ، އުންމީދު ގެއްލިފައި ވަނިކޮށް ޖަޔާ އަށް އޭނާގެ ފިރިމީހާ އަލުން ފެނުނީ ޓިކްޓޮކްގައި ނަށަނިކޮށެވެ. ޖަޔާ ކިޔައިދިން ގޮތުގައި ރައްޓެއްސަކަށް ފެނުނު ވީޑިއޯއެއްގައި ސުރޭޝްއާ ވައްތަރު މީހަކު އުޅޭތީ އޭނާ އަށް އެ ވީޑިއޯ ދެއްކީ އެވެ. އަދި އެއީ ސުރޭޝްކަން އެނގުނު ކަމަށް ޖަޔާ ބުންޏެވެ. ވީޑިއޯގައި ފެންނަނީ ސުރޭޝް އަންހެނާ އެކު ނަށާ ތަނެވެ.

އެ ހިސާބުން އަނެއްކާ ވެސް މައްސަލަ ފުލުހުންނަށް ހުށަހެޅި އެވެ.

ފުލުހުން ސުރޭޝް ހޯދީ ޓްރާންސްޖެންޑާ މީހުންގެ ހައްގުގައި މަސައްކަތް ކުރާ އެންޖީއޯއަކާ ގުޅިގެންނެވެ. ވީޑިއޯގައި ފެންނަ މީހާއަކީ ސުރޭޝް ހިތާވެގެން އުޅޭ މީހާ އެވެ. އޭނާ ފެނުނީ ހޮސޫރް ސިޓީގައި މެކޭނިކެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށެވެ.

ސުރޭޝް ކިޔައި ދިން ގޮތުގައި އޭނާ އާއިލާ އަށް ފިލީ އާއިލާ ތެރޭގައި ހުރި މައްސަލަތަކާ ހެދި އެވެ. އެހެންވެ އަލުން ދަރިންގެ މަންމަ ގާތަށް ދާކަށް އޭނާ ބޭނުމެއް ނުވީ އެވެ. އެ ވާހަކަ އޭނާ ފުލުހުންނަށް ވެސް ކިޔައި ދިނެވެ.

އެެހެންވެ ފުލުހުނަށް ޖެހުނީ ޖަޔާ އާއި ސުރޭޝް އަށް ކައުންސެލިން ދީފައި ފޮނުވައިލާށެވެ.