ޕާކިސްތާނުގެ "އެންމެ ފަލަ މީހާ" މަރުވެއްޖެ

ޕާކިސްތާނުގެ "އެންމެ ފަލަ މީހާ" ބަރުދަން ލުއިކުރަން އޮޕަރޭޝަނެއްކޮށް، އައިސީޔޫގައި ބާއްވައިގެން ފަރުވާ ދެނިކޮށް ހޯމަ ދުވަހު މަރުވެއްޖެ އެވެ.


މީޑިއާތަކުން ބުނީ ބަރުދަނުގައި 330 ކިލޯ ހުރި ނޫރު ހަސަން، 60، ލާހޯރުގެ ޝާލިމާރު ހޮސްޕިޓަލްގެ އައިސީޔޫގައި އޮއްވައި ހޯމަ ދުވަހު މަރުވީ، ވިހެއުމުގެ ތެރޭގައި މަރުވި އަންހެނެއްގެ އާއިލާގެ ބަޔަކު އައިސީޔޫ އަށް ވަދެ، ހިންގި ހަމަނުޖެހުމެއްގެ ތެރޭގައި އައިސީޔޫގެ ބައެއް ތަކެއްޗަށް ވެސް ގެއްލުންދީ ހަސަނުގެ ފަރުވާ އަށް ބުރޫ އަރައިގެން ކަމަށެވެ.

އޭނާ މަރުވިކަން ހޯމަ ދުވަހު ހެނދުނު އާއިލާ އަށް އަންގާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކުރި އޮޕަރޭޝަން ކާމިޔާބުވެ، ހަސަނުގެ ބަރުދަން ލުއިކޮށް، އާންމު ހާލަތަކަށް ގެނެވޭނެ ކަމުގެ އުންމީދު ވެސް ޑޮކްޓަރުން ދީފައި ވަނިކޮށެވެ.

ހަސަނުގެ އަންހެނުން އަސްމާ ބުނީ ފިރިމީހާ މަރުވުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.

ހަސަން ގެއިން ނެރޭ ވީޑިއޯ.

ހަސަނަށް ފަރުވާ ދިން ޑޮކްޓަރުންގެ ޓީމުން ވިދާޅުވި ގޮތުގައި އެ މީހުންގެ ޓާގެޓަކަށްވީ ދެ އަހަރުގެ ތެރޭގައި ހަސަނުގެ ބަރުދަން ލުއިކޮށް، އާންމު ހާލަތަކަށް އޭނާ ގެނައުމެވެ. އެގޮތުން ފުރަތަމަ ހަ މަސް ދުވަހުގެ ތެެރޭގައި އޭނާގެ ބަރުދަނުން 100 ކިލޯ ލުއި ކުރެވޭނެ ކަމަށް ވެސް ޑޮކްޓަރުން ވިދާޅުވެފައިވެ އެވެ.

ފަލަކަމުން އޮންނަ ތަނުން ހިރި ވެސް ނުލެވި އޮތް ހަސަނަށް ފަރުވާ ދޭން ގެންދިޔައީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.

އޭނާ ލާހޯރަށް ގެންދިޔައީ އަސްކަރިއްޔާގެ ހެލިކޮޕްޓަރެއްގަ އެވެ. ޕަންޖާބް ޕްރޮވިންސަށް ނިސްބަތްވާ ހަސަނު ފަލަކަމުން ގޭގެ މައި ދޮރުން ނުނެރެވިގެން، ފާރުން ބައެއް ވެސް ތަޅައިލަން ޖެހުނެވެ.

ބަޔަކު ހޮސްޕިޓަލް ތެރޭގައި ހިންގި ހާޖާނުގަނަޑަކާ ހެދި މީހެއްގެ ފުރާނަ ގެއްލިފައިވާތީ އެ މައްސަލަ ފުލުހުންނާއި ޕްރޮވިންޝަލް ހެލްތު މިނިސްޓަރު ޑރ. ޔާސްމީން ރަޝީދު އެކުލަވާލި ތިން މެމްބަރުންގެ އިންކްއަރީ ކޮމިޓީއަކުން މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މިނިސްޓަރު ވަނީ ހަސަނުގެ އާއިލާ އަށް އިންސާފު ހޯދައި ދޭނެ ކަމުގެ ޔަގީން ވެސް ދެއްވައިފަ އެވެ.