ދަހި ކަމަށް ބުނެ އަނބީިމީހާ އަނިޔާކުރާތީ ފިރިމީހާ ދައުވާކޮށްފި

ދަހިކަމުން، އާއިލާ އަށް އެކަށީގެންވާ ވަރަށް ހަރަދު ނުކުރާ ކަމަށް ބުނެ ތަކުރާރުކޮށް އަނިޔާކުރާތީ ޔޫއޭއީ މީހަކު އަނބިމީހާ އަށް ދައުވާކޮށްފި އެވެ.


މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމުން މައްސަލަ ތަހުގީގުކޮށް، ޝާރްޖާ ޕަބްލިކް ޕްރޮސެކިއުޝަނަށް ފޮނުވުމުން އެތަނުން ވަނީ އަންހެން މީހާ އަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ.

މައްސަލައިގެ ފުރަތަމަ އަޑު އެހުމުގައި އަންހެން މީހާ ވަނީ އޭނާގެ މައްޗަށް ފިރިމީހާ ކުރި ތުހުމަތައް ދޮގުކޮށްފަ އެވެ. އޭނާ ބުނީ ހަ އަހަރުވީ ކައިވެންޏަށް ދެ ދަރިން ވެސް ލިބިފައިވާ އިރު، ފިރީމީހާ އެ މީހުން ބޭނުންވާ ކަންކަން ފުރިހަމަ ނުކޮށްދޭ ކަމަށެވެ. އަދި މުށްބާރުކަމުން އާއިލާ އަށް އެކަށީގެންވާ ވަރަށް ހަރަދު ނުކުރާ ކަމަށް ބުންޏެވެ.

އަންހެން މީހާ ބުނި ގޮތުގައި ފިރިމީހާ އަކީ މުސާރަ އަށް މަހަކަށް 15،000 ދިރުހަމް (63,093.84ރ.) ވުރެ ބޮޑު މުސާރައެއް ވެސް ލިބޭ މީހެކެވެ.

އަންހެނުންނަށް ދައުވާކުރާ މައްސަލާގައި ފިރިމީހާ ވަނީ އަނބީމީހާ އަކީ "ވިޔަފާރިކުރަން ގޮސް، ބޭކާރު ހަރަދުކުރާ" މީހެއް ކަމަށް ބުނެފަ އެވެ. އަދި އަބަދުވެސް އާއިލާ އަށް ކުރަން ޖެހޭ ހުރިހާ ހަދަރެއް ކުރާ ކަމަށް ބުންޏެވެ.

އޭނާ ބުނީ މުށްބާރު ކަމަށް ބުނެ އަންހެނުން އަނިޔާކުރުމަކީ ދޭތެރެ ދޭތެރެއިން ހިނގާ ކަމެކެވެ. އެގޮތުން މިދިޔަ ހަފުތާގައި ވެސް އޮފީހުން ގެއަށް ގޮސް ވަރުބަލި ފިލުވަލައިލަން ޖައްސައިލިތަނާ ޝޮޕިން އަށް ދާން ގޮވަން ފެށި ކަމަށާއި ނަމަވެސް ނުތެދުވެ، އޮއްވައި ޖީބުން ވޮލެޓް ނަގައި ކޭޝް ކާޑްގެ ޕިން ނަމްބަރު ވެސް ދޭން އެދިފައިވާ ކަމަށް ބުންޏެވެ. އެކަމަކު އެކަމަށް އިންކާރު ކުރުމުން އެނދުން ވައްޓާލައި ބޫޓުން އޭނާގެ ގައިގައި ތަޅައި އަންހެނުން އަނިޔާކޮށްފައިވާ ކަމަށް ފިރިމީހާ ބުންޏެވެ.

މި މައްސަލައިގެ ހުކުމް އިއްވުން އަންނަ މަހުގެ 22 އަށް މިހާރު ވަނީ ތާވަލުކޮށްފަ އެވެ.