ފޮޓޯތައް ނަހަމަ ގޮތުގައި ބޭނުމެއްް ނުކުރާނެ: ފޭސްއެޕް

އުމުރުން ދުވަސްވުމުން މީހާ ހުންނާނެ ކަމަށް ލަފާކުރެވޭ ގޮތް ދައްކައިދޭ ފޭސްއެޕްގެ އާ ފީޗާއަކާ އެކު ކުއްލިއަކަށް މަގުބޫލުވުމުން، އެ އެޕަކީ ސަލާމަތީ ގޮތުން ރައްކާތެރި އެއްޗެއް ނޫން ކަމަށާއި އެއިން ހަދާ ފޮޓޯތަކާ އެކު އެ މީހެއްގެ ހުރިހާ މައުލޫމާތެއް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް އެ އެޕްގެ ފަރާތުން މި ތުހުމަތުތައް ވަނީ ދޮގުކޮށްފަ އެވެ.


ރަޝިޔާ މީހަކު 2017 ވަނަ އަހަރު އުފެއްދި މި އެޕްގައި އާޓިފިޓަލް އިންޓެލިޖެންސްއެއް ބޭނުންކޮށްގެން މީހުންގެ ލޮލާއި އިސްތަށިގަނޑު ބަދަލުކޮށްލުމުން ހުންނާނެ ގޮތާއި ޖިންސް ބަދަލުވުމުން އަދި އެކި އުމުރުގައި މީހާގެ ސިފައަށް އަންނާނެ ބަދަލުތައް ވެސް ލަފާކޮށް ދައްކައިލަ އެވެ.

މި އެޕްގެ މަޝްހޫރުކަން މި ހަފުތާގައި އަނެއްކާ ވެސް ބޮޑުވީ މީގައި އަލަށް ހިމެނި އޭޖިން ފިލްޓާއާއެކުގަ އެވެ. ރާއްޖެ އާއި އެހެން ގައުމުތަކުގައި ވެސް މިއެޕް ބޭނުންކޮށްގެން، އަހަރުތަކެއް ފަހުން މީހާ ހުންނާނެ ގޮތް އޭޖިން ފިލްޓާގެ އެހީގައި ބަލައި ސޯޝަލް މީޑިއާގައި ހިއްސާކުރި މީހުން ބައިވަރެވެ.

އޭޖިން ފިލްޓާއިން މުސްކުޅިކޮށްފައިވާ ބައެއް ސެލެބްރިޓީން

އޭޖިން ފިލްޓާގެ ފޯރިއާއެކު ފޭސްއެޕަށް ތުހުމަތުކުރުން ބޮޑުވީ މި ފިލްޓާ ބޭނުންކުރާއިރު އެމީހަކު ބަދަލުކުރަން ބޭނުންވާ ފޮޓޯ ފޮނުވަން ޖެހެނީ ފޭސްއެޕުން ކޮންޓްރޯލްކުރާ ސާވާއަކަށް ވާތީ އެވެ. މި ޝައްކުތައް އިތުރުވެގެން ގޮސްފައިވާ އަނެއް ސަބަބަކީ ސިޔާސީ ކަންކަމާއި އެހެން ބައެއް ބޭނުންތަކުގައި ވެސް މީހުންގެ މައުލޫމާތު ރަޝިޔާ އިން ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ކުރާ ތުހުމަތެވެ.

ފޭސް އެޕް

މިތުހުމަތުތައް ދޮގު ކުރަމުން ފޭސް އެޕްގެ ސީއީއޯ ޔަރަސުލަވް ގަންޗަރޯފް ވިދާޅުވީ ފިލްޓާކުރަން ބޭނުންވެގެން އެ ފޮނުވާ ފޮޓޯ ނޫން އިތުރު އެއްވެސް ފޮޓޯއެއް އެޕުން ނުނަގާނެ ކަމަށެވެ. އަދި ފޮނުވާ ފޮޓޯއެއް ސާވާ އިން ޑިލީޓްކުރަން ބޭނުން ނަމަ އެކަން ކުރުމުގެ ބާރު ވެސް އެޕް ބޭނުންކުރާ މީހާ އަށް އޮންނާނެ ކަމަށް ވިދާޅުވި އެވެ.

އެޕަށް ދޫކޮށްލާ ކޮންމެ ފޮޓޯއަކާ އަކު އެ މީހެއްގެ ބަޔޯމެޓްރިކްސް އެހެން ބަޔަކަށް ހަދިޔާކުރެވެނީ ކަމަށާއި އެއިން ލިބޭ ފޮޓޯތައް ބޭނުންކޮށްގެން އޮންލައިންގައި ފޭކް ޕްރޮފައިލްތައް ހަދައި، ނުރަނގަޅު އެތައް ކަމެއް ކުރެވިދާނެ ކަމަށް ސެކިއުރިޓީ އެސްޕާޓުން އިންޒާރުދެ އެވެ. ނަމަވެސް އަނެއް ބަޔަކު ބުނަނީ ފޭސްއެޕްގައި ވެސް ހުންނަނީ ފޭސްބުކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އޮންނަ ފަދަ އުސޫލެއް ކަމަށާއި އެ ހުރިހާ އެޕަކަށް ވެސް އެ ބޭނުންކުރާ މީހުންގެ ހުރިހާ މައުލޫމާތެއް އެއްކުރެވޭނެ ކަމަށެވެ.