އެއްކުރި ފައިސާ ހޭދަކުރީ ނުވެސް ދަންނަ ބަޔަކަށް ކިޔަވައިދޭން

އެމެރިކާ މީހެއް ކަމަށްވާ ޑާލީ ޝްރޯޑާ އުޅެ ބޮޑުވީ ނިކަމެތިކޮށެވެ. އަންބެއް، ދަރިއަކު ވެސް ނެތެވެ. ވަޑިއެއްގެ ގޮތުގައި އެއް ތަނެއްގައި ޑާލީ 67 އަހަރު މަސައްކަތްކުރި އެވެ.


ޑާލީ 2005 ވަނަ އަހަރު މަރުވިއިރު އޭނާގެ މިލްކިއްޔާތުގައި ހުރީ ކިހާ ފައިސާއެއްކަމެއް އެކަކަށް ވެސް ލަފާކުރެވިފައެއް ވެސް ނުވެއެވެ. އޭނާއާ އެކު މަސައްކަތް ކުރި މީހެއް ކަމަށްވާ ނެލްސަން ސިފަކުރި ގޮތުގައި ޑާލީ ގެންގުޅެނީ މަސައްކަތަށް ދާއިރު ލާނެ ޖިންސަކާއި ރީތިވެގެން ލާނެ ޖިންސެކެވެ.

މަރުވުމުގެ ކުރިން ޑާލީ ވަނީ ވަކީލަކާ ބައްދަލުކޮށް އޭނާގެ ފައިސާ އަށް ހަދަންވީ ގޮތް ބުނެފަ އެވެ. ޑާލީ ބުނީ އޭނާ އަށް ކޮލެޖަށް ގޮސް ކިޔެވުމުގެ ފުރުސަތު ލިބިފައި ނުވާތީ އޭނަގެ ފައިސާ އިން ކުދިންތަކެއް ކޮލެޖަށް ކިޔަވަން ފޮނުވަން ބޭނުންވާ ކަމަށެވެ. ޑާލީ ރައްކާކޮށްފައި ހުރީ ކިހާ ފައިސާއެއްތޯ އެހުމުން ބުނީ ތިން މިލިއަނާ ގާތްކުރާ އަދަދެއް ހުންނާނެ ކަމަށެވެ.

ކީރާ ކޮންރާޑް އަކީ ޑާލީގެ ފައިސާ އިން ކިޔެވި ކުއްޖެކެވެ. ހައިސުކޫލް ނިމުނުއިރު ނަތީޖާތައް ކިތަންމެ މޮޅަސް ކޮލެޖަށް ދާނެ ފައިސާއެއް އޭނާގެ އަތަކު ނެތެވެ. ކީރާ ބޭނުންވީ ތެރަޕިސްޓަކަށް ވާށެވެ. ކީރާގެ އެ ހުވަފެން ފުނޑުފުނޑުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޑާލީގެ ހެޔޮކަމެވެ.

ޑާލީ ވަނީ އޭނާގެ ފައިސާ ހޭދަކުރާނެ ގޮތުގެ އިރުޝާދު ވެސް ދީފަ އެވެ. އޭނަ އެދިފައިވަނީ އޭނާ ނިސްބަތްވާ އައިއޯވާގެ ކުޑަކުޑަ އަވަށަށް ނިސްބަތްވާ ކުދިން ކޮލެޖަށް ފޮނުވުމަށެވެ.

ޑާލީ ދޫކޮށްފައި ދިޔަ ފައިސާއިން 33 ކުއްޖަކަށް އެހީ ލިބުނެވެ. އެ ހުރިހާ ކުދިންނަށް ނިސްބަތްކޮށް "ޑާލީ ކިޑްސް" ގެ ނަމުން އެ މީހުން އަމިއްލަ އަށް ވަނީ ނަން ދީފަ އެވެ. އޭގެތެރޭގައި ޑޮކްޓަރުންނާއި ޓީޗަރުންނާއި ތެރަޕިސްޓުން ހިމެނެ އެވެ. އަދި އެ ހުރިހާ އެންމެންނަކީ ވެސް މިހާރު އެކުވެރިންނެވެ.

ޑާލީ އޭނާގެ ހެޔޮކަމުގެ ބަދަލުގައި އެދެނީ އެންމެ ކަމަކަށެވެ. އެހެން މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.