ވަޓްސްއެޕްގައި އިސްތިހާރުކުރަން ތައްޔާރުވަނީ

ވަޓްސްއެޕްގައި އިސްތިހާރުކުރަން އުޅޭ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. ފޭސްބުކުން ބާއްވާ ހަފުލާތަކުގައި މި ވާހަކަ ދެއްކި ނަމަވެސް، އަދި ވެސް މި ކަމުގައި ރަސްމީ ސިފައެއް ނުޖެހެ އެވެ. މި ވާހަކަތައް އެންމެ ފުރަތަމަ އިވުނީ 2018 ނިމެން ދަނިކޮށެވެ. އެ އަށް ފަހު، މިއީ ހަމަ ހިނގާނެ ކަމަށް ބުނެ މެނޭޖްމަންޓުން މިކަން ވަނީ މި އަހަރު ކަށަވަރުކޮށްދީފަ އެވެ.


ވަޓްސްއެޕަކީ ފޭސްބުކުން ބަލަހައްޓައި، ހިންގާ އެޕްލިކޭޝަނެކެވެ. ފޭސްބުކަށް ނިސްބަތްވުމަކީ ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް އޮތް ކަންބޮޑުވުމެކެވެ. ފޭސްބުކް ބޭނުންކުރާ މީހުންގެ ފަރުދީ މައުލޫމާތުތައް ލީކުވެ، އެތައް ބަޔަކު ބޭޒާރުވެފައި ވާއިރު، ވަޓްސްއެޕް ބޭނުންކުރާ މީހުން ހިމާޔަތްކުރުމުގައި ފޭސްބުކްގެ ދައުރާ މެދު ވެސް ވަނީ ސުވާލުއުފެދިފަ އެވެ. މިކަން މިހެން އޮއްވައި، ފޭސްބުކް ސްޓޭޓަސް އަށް، 2020 ގައި އިސްތިހާރު ތައާރުފުކުރުން ވާނީ ބޭނުންކުރާ މީހުންނަށް އިތުރު ތަކުލީފަކަށެވެ.

ފޭސްބުކަކީ މިހާރު ގިނަ ބަޔަކު ޖަމާވެ، ގަނެ ވިއްކާ ބޮޑު ބާޒާރެކެވެ. ފޭސްބުކަށް އަހަރެމެން ނިކުންނީ ޚަބަރުދަބަރު އަންގާލައި ގާތް އެކުވެރިންގެ ހާލުއަހުވާލު އަހާލަން ނަމަވެސް، އިސްތިހާރެއްގައި އަޅައިގަނެ ނުވެއްޓި ދަނީ މަދުފަހަރެއްގަ އެވެ. މި އުނދަގުލުން ސަލާމަތްވެ ވަޓްސްއެޕް އިން ރައްކާތެރިކަން ހޯދައިގެން ތިބި މީހުންނަށް ވެސް އެ ގޮތުގައި ދެމިތިބެވެން އޮތީ 2020 ލައިގަންނަންދެންނެވެ. ފޭސްބުކް މެނޭޖްމަންޓުން މިހާރު ބުނަނީ، ވަޓްސްއެޕަށް އިސްތިހާރު ތައާރުފުކޮށްގެން ނޫން ގޮތަކަށް ފޭސްބުކަށް ދެމިއޮވެވެން ނެތް ކަމަށެވެ. އިންސްޓާގްރާމަށް އިސްތިހާރު ގެނައީ ވެސް މިހެން ކިޔައިގެންނެވެ.

ވަޓްސްއެޕަކީ ބޭނުންކުރަން ފަސޭހަ އެޕްލިކޭޝަނެކެވެ. އެކަކު އަނެކަކަށް ފޮނުވާ މެސެޖްތަކުގެ ރައްކާތެރިކަން ފޭސްބުކުން ކަށަވަރުކޮށްދެ އެވެ. ފޭސްބުކާ ޚިލާފަށް ވަޓްއެޕް މެދުވެރިކޮށް ފޮނުވާ މެސެޖްތައް "އެންކްރީޕްޓް"ކުރެވޭ ކަމަށް މެނޭޖްމަންޓުން ބުނެ އެވެ. މި ބުނުމަށް އިތުބާރުކޮށްގެން ތިބި ނަމަވެސް، ވަޓްސްއެޕް ސްޓޭޓަސް އަށް ތައާރުފުކުރާ އިސްތިހާރުގެ ސަބަބުން މެދުވެރިވެދާނެ ދޯހަޅިކަމަކަށް އަދި ޖަވާބެއް ނުލިބެ އެވެ. ވަޓްސްއެޕްގައި އިސްތިހާރުކުރަން ފެށުމުން އެ އުނދަގުލާ ހެދި ވަޓްސްއެޕް ދޫކޮށް ދާނެ ބަޔަކު ވެސް އުޅޭނެ އެވެ. އެހެންވެ މިއީ ވަރަށް ބޮޑަށް ރާވައިގެން ފޭސްބުކުން ކުރާނެ ކަމެއް ކަމަށް ބެލެވެ އެވެ.