އިނގިރޭސިވިލާތުގެ ސްޓައިލް އައިކޮން އަކީ ކޭޓް މިޑްލްޓަން

އިނގިރޭސިވިލާތުގެ ޑަޗެސް އޮފް ކޭމްބްރިޖް، ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަން އަކީ ފެޝަން ބްރޭންޑުތަކަށް މޮޑެލް ކޮށް، ފެޝަން ވީކްގެ ފުރަތަމަ ސަފުގައި އާއްމުކޮށް ފެންނަ މޫނެއް ނޫނެވެ. އެކަމަކު އާންމުންގެ ގިނަ ބަޔަކު ދެކެނީ އިނގިރޭސި ވިލާތުގެ ސްޓައިލް އައިކޮން އަކީ ކޭޓް ކަމަށެވެ.


ކޭޓް އެއް ހެދުމެއް ނުވަތަ ކޯޓެއް ދެތިން ފަހަރު އެކި ހަފުލާތަކުގައި ބޭނުންކޮށްފައި އެބަހުއްޓެވެ. އޭނާ އަކީ އިނގިރޭސިވިލާތުގެ އެހެން ސެލެބްރިޓީއިންނާ އަޅާ ކިޔާއިރު ކޭޓް ހެދުން ތުރުކުރައްވަނީ އާދައިގެ ގޮތަކަށެވެ.

ބައިނަލްއަގްވާމީ ކުންފުންޏެއްކަމަށްވާ ރަކުޓެން މާކެޓިންގެ ދިރާސާއެއްގައި ބުނަނީ ކޭޓްގެ ހެދުން އެޅުމުގެ ސްޓައިލް 29 ޕަސެންޓް މީހުންނަށް ކަމުދާ ކަމަށާއި އެގޮތަށް ހެދުން އަޅަން ބޭނުންވާ ކަމަށެވެ.

ކޭޓް ކޮންމެ ދުވަހަކު، ބޮޑެތި ޑިޒައިނާ ބްރޭންޑުގެ ގޮތްބޮޑު ހެދުންތައް ތުރުކުރައްވައެއް ނޫޅުއްވަ އެވެ. އާދައިގެ ގޮތަކަށް، ޕޭސްޓަލް ހެދުމެއް ނުވަތަ ހުދު ގަމީހަކާ ނޫ ޖިންސެއް ވަރަށް އާދައިގެ ގޮތަކަށް ސްޓައިލް ކޮށްފައި ހުރުމުން އާއްމުންނަށް މިގޮތް ކަމުދަނީ ކަމަށް ވެދާނެ އެވެ.

ކޭޓް އަށް ފަހު ލިސްޓުގައި ހިމެނޭ ބައެއް ތަރިންގެ ތެރޭގައި ލަވަކިޔުންތެރިޔާ ރިޓާ އޯރާ، އެކްޓާ އެމާ ވޮޓްސަން، އެލީ ގޯލްޑިން އަދި ޔޫޓިއުބް ބްލޮގާ ޒޮއެލާ ހިމެނެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރަމުންދާ ރަކުޓެން ކުންފުނިން މިކަމާ ގުޅިގެން އިތުރު ދިރާސާތަކެއް ކުރި އެވެ. އެއިން ހާމަވިގޮތުގައި ސޯޝަލް މީޑިއާ ސައިޓުތައް މީހުންގެ ސްޓައިލަށް ނުފޫޒު ފޯރުވަ އެވެ. އެގޮތުން 26 ޕަސެންޓް އަންހެނުން ބުނިގޮތުގައި ފޭސްބުކް އަދި ޓްވިޓާ ފަދަ ސައިޓަކުން ސްޓައިލެއް ފެނިއްޖެ ނަމަ އެ ސްޓައިލެއް ހޯދައިގެން ގަންނާނެ އެވެ. އަދި ރަހުމަތްތެރިއެއް ނުވަތަ ސެލެބްރިޓީއެއް ލައިގެން ހުންނަ ސްޓައިލެއް ގަތުމުގެ ފުރުސަތު ބޮޑެވެ.

ކޭޓްގެ އިތުރުން ސޯޝަލް މިޑިއާ ބްލޮގަރުންގެ ސްޓައިލް ވެސް ފެޝަން ދާއިރާއަށް ބޮޑު ނުފޫޒެއް ފޯރުވަ އެވެ.

ފެޝަން ބްރޭންޑުތަކުން މިކަމަށް ސަމާލުވުމުން މުހިންމު ކަމަށް ރަކުޓެން މާކެޓިންގެ ނިކް ފްލެޗާ ބުނެފައިވެ އެވެ.