11 އަހަރުގެ ރިޕޯޓަރެއް އެންމެންގެ ލޯބި ހޯދައިފި

އަންނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ހަރަކާތްތައް އެކި ފެންވަރުގައި މިހާރު އަންނަނީ ބާއްވަމުންނެވެ. އެގޮތުން ޕާޓީތަކުން ރިޔާސީ ކެންޑިޑޭޓުންނަށް ވާން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ މެދުގައި މިހާރު އަންނަނީ ބަހުސްތައް ވެސް ބާއްވަމުންނެވެ. އަދި ކެންޑިޑޭޓުންގެ އިންޓަވިއުތައް ވެސް ވަރަށް ގިނަ އެވެ.


މީގެ ތެރެއިން ވެސް ގިނަ ބަޔަކު އެންމެ އަޅައިގަތީ 11 އަހަރުގެ ކުއްޖަކު ކުރަމުން އަންނަ މަސައްކަތެވެ. މަޝްހޫރު ނެޓްވޯކް ސީއެންއެންއާ ގުޅިގެން ފްރީލާންސް ރިޕޯޓަރެއްގެ ގޮތުގައި ޖޭޑެން ޖެފާސަން ކުރި މަސައްކަތް ގިނަ ބަޔަކު މިހާރު ވަނީ ބަލައިގެންފަ އެވެ. އަދި އެތައް ބައެއްގެ ލޯބި ވެސް މި ކުއްޖާ ވަނީ ހޯދައިފަ އެވެ.

ޖޭޑެން އެންމެ ފުރަތަމަ އިންޓަވިއު ކުރި ކެންޑިޑޭޓަކީ ޑިމޮރްޓިކް ޕާޓީގެ ކެންޑިޑޭޓް އަދި މެސެޗޫސެސްގެ ސެނެޓަރު އެލިބަތު ވެރެން އެވެ. އޭނާއާ ހޯމަ ދުވަހު އޮހައިއޯގައި ކުރި އިންޓަވިއު ސީއެންއެން އިން ވަނީ ދައްކައިފަ އެވެ.

އެ އިންޓަވިއު ފެނިފައި ވަރަށް ގިނަ ބަޔަކު ޖޭޑެންގެ މަސައްކަތަށް ތައުރީފުކޮށް ހިތްވަރު ދީފައިވެ އެވެ. ގިނަ ބަޔަކު އެންމެ ބޮޑަށް ފާހަގަކުރި ކަމަކީ ވަރަށް ކެރިގެން، ޖެހިލުންވުމެއް ނެތި އިތުބާރާ އެކު ސުވާލު ކުރުމެވެ. އަނެއް ކަމަކީ ހާސަރު ބޮޑުނުކޮށް ވަރަށް ސާދާކޮށް، ކުރުކޮށް ސުވާލުތައް ކުރުމެވެ.

މި ތަޖުރިބާއާ ބެހޭ ގޮތުން ސީއެންއެންގައި ނޫސްވެރިޔާ ބުރްކް ބޯލްޑްވިންއާ ވާހަކަ ދައްކަމުން ޖޭޑެން ބުނީ މީޑިއާގެ ސަމާލުކަން އޭނާ އަށް ލިބުމުން އިހުސާސް ކުރެވުނީ އަސްލު ކުރަން ޖެހޭ މަސައްކަތަށް ނުކުމެވުމުގެ އިހުސާސް ކަމަށެވެ.

"އަހަންނަކީ އަބަދު ވެސް ކުރާ ކަމަކަށް ފޯކަސް ކުރާ މީހެއް. އެހެންވެ ވަރަށް ކޮންފިޑެންސާ އެކު އިންޓަވިއު ކުރިއަށް ގެންދިޔައީ،" ގްރޭޑް ހައެއްގައި އުޅޭ ޖޭޑެން ބުންޏެވެ. "އެއްވެސް ވަރަކަށް ހާސްވެ، ބިރުގަންނަ ގޮތެއް ނުވޭ."

ޖޭޑެންގެ އިންޓަވިއުއާ ބެހޭ ގޮތުން އެލިޒަބަތު ވެސް ވިދާޅުވީ ކުޑަކުއްޖަކު އޭނާއާ އިންޓަވިއުކުރި ކަމުގެ އިހުސާސް އެއްވެސް ވަރަކަށް ނުކުރެވޭ ކަމަށެވެ. އަދި ރިޕޯޓަރެއްގެ ގޮތުގައި ޖޭޑެން ދެއްކި ކުޅަދާނަ ކަމަށް ތައުރީފު ކުރައްވައި، ވިދާޅުވީ އެއީ ވަރުގަދަ ރިޕޯޓަރަކަށް ވެދާނެ ކަމަށެވެ.

ޖޭޑެން މީގެ ކުރިން ކުޅިވަރާ ގުޅުން ހުރި ބައެއް ކަހަލަ ރޭޑިއޯ ޕްރޮގްރާމްތަކުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ. އެހެންވެ އޭނާގެ ދޫފަސޭހަކަމާއި މައުލޫމާތުގެ މުއްސަނދިކަން ވެސް އެހުންތެރިން ފާހަގަކޮށްފައިވެ އެވެ.

ޖޭޑެންގެ މަސައްކަތް ބަލައިގަތް ގިނަ ބަޔަކު ބުނި ގޮތުގައި އެ މީހުން މިހާރު ދެކެން ބޭނުން ވަނީ ކުރިމަގުގައި ޖޭޑެން ޕްރޮފެޝަނަލް ނޫސްވެރިއަކަށް ވާނެ ދުވަހަކަށެވެ.