ޕާކިސްތާނު ފުލުހަކަށް ރައްޔިތުންގެ ލޯބި

ޕާކިސްތާނުންގެ މި ޒުވާން އަންހެން ފުލުހަކީ ނަމޫނާއެކެވެ. މިއީ ކުލްސޫމް ފާތިމާ ބަކްޝިޝް އެވެ. ޕަކްޕައްޓަން ޑިސްޓްރިކްޓްގެ ޕޮލިސް ސްޓޭޝަންގެ ސްޓޭޝަން ހައުސް އޮފިސަރު (އެސްއެޗްއޯ) ގެ މަގާމު މީގެ ދެ މަހެއްހާ ދުވަސް ކުރިން ކުލްސޫމަށް ލިބުނު އިރު މިއީ ޕާކިސްތާނުގެ ޕޮލިސް ސްޓޭޝަނެއްގެ ފުރަތަމަ އަންހެން އެސްއެޗްއޯ އެވެ. އެކަމަކު މި ފުލުސް ހާއްސަވަނީ މިކަމުން އެކަންޏެއް ނޫނެވެ.


ޒިންމާދާރު ފުލުހެއްގެ ގޮތުގައި މަސްއޫލިއްޔަތު އަދާކޮށްގެން އެތައް ރައްޔިތުންނަކަށް ހިނިތުވުން ގެނެސްދީ ފުލުހުންނަށް ރައްޔިތުންގެ އިތުބާރު ވެސް ހޯދީ އެވެ.

މަގާމާ ހަވާލުވެވަޑައިގަތްތާ އެންމެ ދެ މަސް ދުވަހުގެ ތެރޭގައި އޭނާ ވަނީ ޕޮލިސް ސްޓޭޝަނުގައި ފުނިޖެހިފައި ހުރި މައްސަލަތަކުގެ ތެރެއިން 200 މައްސަލައެއް ތަހުގީގުކޮށް، އެ މައްސަލަތައް ރައްދުވާ މީހުންނަށް އިންސާފު ހޯއްދަވައި ދެއްވައިފި އެވެ.

މީގެ ތެރޭގައި ގިނައިން ހުރީ އަންހެނުންނާ ގުޅުން ހުރި މައްސަލަތަކެވެ. ހާއްސަކޮށް އަންހެނުންނާއި އަންހެން ކުދިން ރޭޕް ކުރުމުގެ މައްސަލަތަކެވެ. އެތައް ދުވަހެއް ވަންދެން ނުބެލި ހުރި މައްސަލަތަކަށް އިސްކަން ދީގެން، އެ މަައްސަލަތައް ބަލައި ނިންމައިދިނުމުން ޕަންޖާބްގެ ވަރަށް ގިނަ މީހުންގެ ލޯތްބާއި ތައުރީފު ކުލްސޫމަށް މިހާރު އަންނަނީ އޮހެމުންނެވެ.

"އަހަރެންގެ އުންމީދަކަށްވީ އިންސާފު ނުލިބި ލަސްވެފައި ތިބި އެތައް ބަޔަކަށް އިންސާފު އަވަސްކޮށްދިނުން،"

މިކަމާ ބެހޭ ގޮތުން ބީބީސީ އަށް އޭނާ ވިދާޅުވީ ބަޔަކަށް އިންސާފު ހޯދައި ދިނުމަށް ވުރެ ވަކިން އުފާވާ ކަމެއް ނެތް ކަމަށެވެ.

ކުލްސޫމް ކިޔައި ދެއްވި ގޮތުގައި ރޭޕްގެ މައްސަލަތަކަކީ ވަރަށް ކުރިއްސުރެ ވެސް އޭނާ ކަންބޮޑުވެވަޑައިގަންނަވާ މައްސަލައެކެވެ. އެހެންވެ އެފަދަ މައްސަލަތަކާ ދެކޮޅަށް ސީދާކޮށް ހަނގުރާމަ ކުރެއްވޭ ކަހަލަ މަގާމަކަށް ދެވޭނެ ދުވަހަކަށް އަބަދުވެސް އުންމީދު ކުރެއްވި ކަމަށް ވިދާޅުވި އެވެ.

"ޕަންޖާބްގެ ސަބް-އިންސްޕެކްޓަރަކަށް އާދެވުނު ދުވަހުން ފެށިގެން އަހަރެންގެ އުންމީދަކަށްވީ އިންސާފު ނުލިބި ލަސްވެފައި ތިބި އެތައް ބަޔަކަށް އިންސާފު އަވަސްކޮށް ދޭން،" ކުމްސޫމް ވިދާޅުވި އެވެ. "މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަހަރެން ގަބޫލުކުރާ ގޮތުގައި އިންސާފު ލިބުނު ކަމަށް ވާނީ އިންސާފު ލިބުން އަވަސްވި މިންވަރަކުން."

އޭނާ ވިދާޅުވީ މިހާރު އަމާޒަކީ ޕަކްޕައްޓަން ޕޮލިސް ސްޓޭޝަނަށް ހުށަހެޅޭ މައްސަލަތައް ފަހަށް ނުބަހައްޓައި، ދުވަހުން ދުވަހަށް ނިންމަން މަސައްކަތް ކުރުމެވެ. އަދި އޭނާގެ ޓީމް އެގޮތުގައި އޮވެއްޖެ ނަމަ ނަތީޖާ ނެރުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"މީގައި އެންމެ މުހިއްމު ކަމަކީ ހަވާލުވާ މަސްއޫލިއްޔަތެއްގެ ޒިންމާ އިހުލާސްތެރިކަމާއި ތެދުވެރިކަމާ އެކީ އަދާކުރުން،" ކުލްސޫމް ވިދާޅުވި އެވެ. "އަހަރެން ޔުނިފޯމްގައި ނުކުތީ އެ މަގުސަދުގައި."

އޭނާގެ މަސައްކަތްތަކަށް ތައުރީފު ކުރައްވަމުން ޕަކްޕައްޓަން ޑިސްޓްރިކްޓް ޕޮލިސް އޮފިސަރު (ޑީޕީއޯ) އިބާދަތު ނިސާރު ވިދާޅުވީ އެ އަވަށުގެ ރައްޔިތުންނަށް މިހާރު އިންސާފު ލިބޭނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި ކުލްސޫމަކީ ހިތްވަރު ގަދަ ކެރޭ، ނަމޫނާ ފުލުހެއް ކަމަށް ވިދާޅުވި އެވެ.