އަސްދޫނި ޕެރޭޑް ނިމެންދެން ޓްރެފިކް ހުއްޓުމަކަށް

ހެނދުނު ހެނދުނާ، އޮފީހަށް ދާ ގަޑިއާ ދިމާކޮށްފައި މަގުމަތީގެ ޓްރެފިކްގައި ތާށިވުމަކީ ވަރަށް ގިނަ މީހުން ރުޅިގަދަވާ ކަމެކެވެ. އެކަމަކު އެމެރިކާގެ ސިޓީއެއްގައި މިދިޔަ ބުދަ ދުވަހު ހެނދުނު އޮފީހަށް ދާން ވެހިކަލްތަކުގައި ނުކުތް މީހުންނަށް ޓްރެފިކް ތާށިވެގެން މޫނުމައްޗަށް ވެރިވީ ހިނިތުންވުމެވެ.


މަގުތަކުގެ ޓްރެފިކް މިނިޓްތަކެއް ވަންދެން ހުއްޓުވައިލީ އަސްދޫނި ބައިގަނޑެކެވެ. ހަތަރު ލޭނަކަށް ހަދާފައިވާ މަގު ހުރަސްކުރަން ސަފަކަށް އެތުރިގެން 45 ޅަ އަސްދޫނި އެއް އެއްޗެހީގެ މައި ދޫންޏާ އެކު ކުރި މަސައްކަތް ފެނުނު މީހުންނަށް މިކަންވީ ވަރަށް ހިތްގައިމު އަދި ހިތަށް އުފާވެރިކަން ގެނެސް ދިން ކަމަކަށެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް ކަރެން ރަމޫނޯ ކިޔާ މީހަކު ފޭސްބުކްގައި ހިއްސާކުރުމުން ގިނަ ބައެއްގެ ސަމާލުކަން އެއަށް ހުއްޓި އެކި މީހުން އެކި ކަހަލަ ޝުއޫރުތައް ވެސް ފާޅު ކުރި އެވެ.

ގިނަ ބަޔަކު އެންމެ ބޮޑަށް ފާހަގަކުރި ކަމަކީ އަސްދޫނީގެ "ޕެރޭޑް" ނިމެންދެން ވެހިކަލްތަކުގައި ތިބި މީހުން ކެތްތެރިކަމާ އެކު މަޑުކޮށްލައިގެން ތިބުމެވެ.

ބައެއް މީހުން ފާހަގަކުރި ގޮތުގައި މި ވީޑިއޯ އިން ހާމަކޮށްދޭ އަނެއް ކަމަކީ އަސްދޫނިތައް މަގު ހުރަސްކޮށް ނިމެންދެން މަޑުކޮށްގެން ތިބި މީހުން ސާބިތުކޮށް ދިނީ ޖަނަވާރަކަށް ނުވަތަ ދޫންޏަކަށްވީތީ އިހުތިރާމު ނުކުރަން ޖެހޭ ސަބަބެއް ނެތް ކަމެވެ. އަދި މިއީ ދުނިޔޭގައި އަދިވެސް ވަރަށް ރަނގަޅު މީހުން ތިބި ކަމުގެ ހެއްކެއް ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.