ބިލް ނުދައްކައި ފިލުމަށް ފަހު ހޮޓަލަށް ދައުވާކުރަނީ

އިންޑިއާގެ ހައިދަރުއާބާދުގެ މަޝްހޫރު ހޮޓަލެއްގައި ތިން މަހަށް ވުރެ ގިނަ ދުވަހު ހުރި މީހަކު ބިލް އެއްކޮށް ނުދައްކައި، ފިލި މައްސަލަ ޕޮލިހުންނަށް ހުށަހެޅުމުން އެއީ އަގު ވައްޓާލަން ކުރި ކަމެއްގެ ގޮތުގައި ސިފަކޮށް ހޮޓަލަށް ދައުވާކުރާނެ ކަމުގެ އިންޒާރު ދީފި އެވެ.


މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހައިދަރުއާބާދުގެ ބަންޖާރާ ހޮޓަލުގައި 102 ދުވަހު ހުރި މީހާ އަކީ އޭ ޝަންކަރު ނާރަޔަން ކިޔާ ވިޔަފާވެރިއެކެވެ.

ފުލުހުންނަށް ހުށަހެޅި މައްސަލާގައި ބުނީ ހޮޓަލުގެ ލަގްޒަރީ ސޫޓެއްގައި ޝަންކަރު ހޭދަކުރި ދުވަސްތަކަށް އެރި 25.96 ލައްކަ ރުޕީސްގެ ތެރެއިން 13.62 ލައްކަ ދައްކާފައި، ޗެކްއައުޓްވުގެ ކުރިން ބާކީ ދައްކާނެ ކަމަށް ބުނުމަށް ފަހު އޭނާ ފިލީ ކަމަށެވެ.

މިކަމެއް ހިނގާފައި ވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ.

ފުލުހުން ބައެއް މީޑިއާތަކަށް ބުނީ މަކަރާއި ހީލަތް ހެދުމުގެ މައްސަލާގައި ޝަންކަރަށް ދައުވާކުރާނެ ކަމަށެވެ.

ނަމަވެސް މި މައްސަލަ ފަޅާއެރުމުން ވިޔަފާރިވެރިޔާ ބައެއް މީޑިއާތަކަށް ބުނީ ހޮޓަލުން ނުކުތީ ބިލް އެއްކޮށް ދައްކާފައި ކަމަށެވެ. އަދި ތާޖް ބަންޖާރާ އިން ކުރާ ތުހުމަތަކީ އޭނާގެ އަގު ވައްޓާލަން ކުރާ ދޮގު ތުހުމަތުތަކަކަށްވާތީ ލިބުނު ގެއްލުމަށް ބަދަލު ހޯދަން ދައުވާކުރާނެ ކަމަށް ބުންޏެވެ.