ޒުވާނުންގެ ބައެއް ނަމޫނާތައް ކީރިތި ޤުރްއާނުން

އިސްލާމީ އުންމަތުގެ ޝަރަފާއި އިއްޒަތް އުފުލައި، ފުތޫހާތުތައް ފުޅާކޮށް، އިސްލާމީ ދަޢުވަތު ކާމިޔާބުކޮށް، ޙަޟާރަތު ގާއިމު ކުރުމުގައި ނަބަވީ މަދަރުސާއިން ތަރުބިޔަތު ލިބުނު ޒުވާނުންގެ ހިއްސާ ވަރަށް މަތީ ދަރަޖައަކަށް ލިބުނެވެ. މި ޒުވާނުން ނަމޫނާ ލިބިގަތުމުގައި ކީރިތި ނަބިއްޔާގެ އިތުރުން ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައިވާ އެހެން ނަމޫނާތަކުން ވެސް ފިލާވަޅު ލިބިގަނެފައިވާނެކަން ކަށަވަރެވެ.


ކީރިތި ޤުރްއާނުގައި ބަޔާންކުރެވިފައިވާ ޒުވާނުންގެ އެއް ނަމޫނާ އަކީ އިބްރާހީމްގެފާނެވެ. އެކަލޭގެފާނު ޒުވާން ދުވަސްވަރު ގައުމުގެ މީހުން ބުދަށް އަޅުކަން ކުރަމުން ދިޔަ ދިއުން އިންކާރު ކުރެއްވި އެވެ. "އެއުރެން ބުނޫ އެވެ. އިބްރާހީމް އޭ ކިޔާ ޒުވާނަކު އެ އެއްޗެއްސަށް އައިބު ބަސް ބުނާ އަޑު ތިމަންމެން އެހީމުއެވެ." (އަލްއަންބިޔާއު 60). މިއީ ހަގީގަތް ހޯއްދެވުމަށް އިބްރާހީމްގެފާނު ކުރެއްވެވި މަސައްކަތުގެ ނަތީޖާ އެވެ. އުދަރެސްތައް ބައްލަވައި ޑިޑަކްޓިވް މެތަޑް ބޭނުން ކުރައްވައިގެން ހިއްސީ ދަލީލުތަކާއި ބުއްދީގެ ދަލީލުތަކުގެ އަލީގައި ﷲ މަޢުރިފާ ކުރެއްވި އެވެ. ހައްގުން އެއްކިބާވެފައިވީ ފަރާތްތަކާ ޖަދަލު ކުރެއްވުމުގެ ކުޅަދާނަކަން ހޯއްދެވިއެވެ. ހަގީގަތް ހޯއްދަވަން ކުރެއްވެވި މަސައްކަތްޕުޅު ކާމިޔާބުވެ ﷲ އަށް އީމާންވިކަން ކީރިތި ޤުރްއާނުގައި ބަޔާންވެފައި ވެއެވެ. (އަލްއަންޢާމް 78). އެހެންކަމުން އެއްކައުވަންތަ ކަމުގެ (ޙަނީފީ) ޢަޤީދާ ގަބޫލު ކުރުމާއި ޝިރުކާއި އުރެދުމަށް އިންކާރު ކުރުމުގެ ޒުވާން ނަމޫނާއެއް ކަމުގައި އިބްރާހީމްގެފާނު ވެގެން ދެއެވެ.

ނަމޫނާގެ ގޮތުގައި ބެލެވިދާނެ ޒުވާނުންގެ ވާހަކަތަކުގެ ތެރެއިން ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ދެވަނަ ނަމޫނާ ޒުވާނަކީ ޔޫސުފްގެފާނެވެ. އެކަލޭގެފާނުގެ ޒުވާން ދުވަސްވަރު، ﷲ އެކަލޭގެފާނަށް ޢިލްމާއި ޙިކުމަތް ދެއްވި އެވެ. (ޔޫސުފް 22). ވަރުގަދަކަމާއި ކެތްތެރިކަން ދެއްވި އެވެ. އިންސާނީ ޝަހުވަތުގެ ކޮޅިގަނޑު ތަކާއި، ޖިންސާއި މުދަލާއި ޖާހަށް ދަހިވެތި ކުރުވުމުގެ ރޭވުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. "އަދި އެކަލޭގެފާނު އެކަނބުލޭގެ ގޭގައި ހުންނެވި ކަނބުލޭގެ، އެކަލޭގެފާނުގެ އަރިހުން ނުބައިކަމަކަށް އެދުނެވެ." (ޔޫސުފް 23). ފަހައިދުވުމާއި، ބިރުދެއްކުމާއި، މަޖުބޫރުކުރުވުމާއި، ޖަލަށްލުން ފަދަ ގޮންޖެހުންތަކުގެ ކުރިމަތީގައި ޒުވާން، ހިތްވަރުގަދަ ޔޫސުފްގެފާނު މި ކަސްތޮޅުތައް މުގުރާލެއްވި އެވެ. ޝަހުވަތުގެ ކަސްތޮޅުގެ ތެރޭގައި ބަންދުވެ އެ ދަންތުރާގައި ޖެހުމުގެ ކުރިން އެ ޒުވާނާ ސަލާމަތްވެ ވަޑައިގަތެވެ. އެކަލޭގެފާނު ވިދާޅުވީ "މަޢާޛަﷲ" އެވެ. އެބަހީ، ﷲ ގެ ރައްކާތެރިކަމަށް އެދެމެވެ. ދެން ވިދާޅުވީ "(ޚިޔާނަތްތެރިވުމަށް ކަނބުލޭގެ ތިޔަ އެދޭމީހާ) އެއީ ހަމަކަށަވަރުން ތިމަންގެ ސާހިބުމީހާ އެވެ. އޭނާ ތިމަން ކަލޭގެފާނު ބަހައްޓާފައިވަނީ މާތް ރަނގަޅު ގޮތަށެވެ." (ޔޫސުފް 23).

ޔޫސުފްގެފާނު މި އަންހެނާގެ އެދުމަށް އިޖާބަ ނުދެއްވެވީ ކީއްވެގެން ހެއްޔެވެ؟ ދެއްކިދާނެ އުޒުރުތައް ނެތީ ހެއްޔެވެ؟ ޒުވާންކަމުގެ ހުޅުގަނޑު ރޯވެފައި ހުރި ވަގުތެކޭ، އަޅުންނާއި ސާހިބުން ތަފާތުވާނެޔޭ، ޢިއްފަތްތެރިކޮށްދޭނެ އަނބިމީހަކު ނެތޭ، އެތައް ޒަމާނެއް ވަންދެން ރަށުން ބޭރުގައޭ، ބައެއްގެ އަތްދަށުގައިވީމާ ހަދާނެ ގޮތެއް ނެތޭ، މިފަދަ އެތައް އުޒުރެއް ދެއްކިދާނެ ނޫންހެއްޔެވެ؟ ނަމަވެސް ޔޫސުފްގެފާނު ދެއްކެވީ ޢިއްފަތްތެރި ކަމުގައި ހުންނަން ބޭނުން ޒުވާނުންނަށް އެންމެ ރީތި މިސާލެވެ. ﷲ ގެ ޙަޟްރަތުން ވާގިވެރިކަމާއި މަދަދު ހޯދުމުން މިކަން ކާމިޔާބުވާނެ ކަމުގެ ޔަގީންކަމެވެ.

މަގު ގެއްލިފައިވާ، ހަގީގަތަށް ވާސިލު ނުވެވޭ، ބޮޑާ ކަމުގެ ނަމޫނާތަކުން ޒުވާނުންނަށް ކާމިޔާބެއް ނުލިބޭނެ އެވެ. ކީރިތި ޤުރްއާނުގައިވާ މިފަދަ އެއް ނަމޫނާ އަކީ ނޫޙުގެފާނުގެ ދަރިފުޅެކެވެ. ކާފިރުންނާ އެކުގައި ނުވެ ނައުކޮޅަށް އަރަން ނޫޙުގެފާނު އާދޭސް ކުރައްވައި ވިދާޅުވި އިރު އެ ދަރިފުޅުގެ ފަރާތުން ލިބުނު ޖަވާބަކީ، "ފެނުން، ތިމަން ރައްކާތެރިކުރާނޭ ފަރުބަދައަކަށް ތިމަން ހިނގައިދާ ހުށީމެވެ." (ހޫދު 43). މި ގޮތުގައި ސަލާމަތެއް ނެތްކަން، އަދި ސަލާމަތްކަން ލިބޭނީ ﷲ ގެ ޙަޟްރަތުންކަން ނޫޙުގެފާނު ބަޔާން ކުރެއްވުމުން ވެސް ބަސް ނޭހި އެވެ. ނަތީޖާ އަކީ އެ ދަރިފުޅު ޣަރަޤުވެގެން ދިއުމެވެ.

ޤުރްއާނުން ފެނިގެންދާ ޒުވާން ތިންވަނަ ނަމޫނާ އަކީ މޫސާގެފާނެވެ. ޠާޣޫތުކަމާއި ޖައްބާރުކަމާއި، ޖާހާއި މުއްސަނދިކަމުގެ ދާނެއްގައި މޫސާގެފާނު ބޮޑުފުޅުވެ ވަޑައިގަތް ނަމަވެސް އިލާހީ ރިސާލަތުގެ އުސޫލުތައް އެކަލޭގެފާނާ ވަކިވެގެން ނުދެއެވެ. އަނިޔާވެރިންގެ ފަރާތުން ލިބޭ އެހީތެރިކަމަކަށް އެކަލޭގެފާނު ބޭނުންފުޅުވެ ވަޑައެއް ނުގަންނަވައެވެ. ޔޫސުފްގެފާނެކޭ އެއްފަދައިން މޫސާގެފާނު ވެސް ފުރާފުރިހަމަވީ ހިނދު ﷲ ގެ ޙަޟްރަތުން ޢިލްމާއި ޙިކުމަތް ލިބިލެއްވި އެވެ. (އަލްޤަޞަޞް 14). ހަށިގަނޑުގެ ދުޅަހެޔޮކަން ލިބިލެއްވި އެވެ. މި ބާރުތަކުގެ ބޭނުން ޒުވާން އިރު ހިއްޕެވީ އެކި ފަރާތްތަކަށް އެހީތެރިވުމަށެވެ. އަނިޔާވެރިންގެ ކިބައިން އެހެން މީހުން ސަލާމަތް ކޮށްދެއްވުމަށެވެ. ހައްގުގެ މަގުގައި ހިޖުރަ ކުރެއްވުމަށެވެ. ބުރަ މަސައްކަތް ކުރެއްވުމަށެވެ. މިގޮތުން ޝުޢައިބުގެފާނަށާއި އެކަލޭގެފާނުގެ އަންހެން ބޭކަނބަލުންނަށް ޚިދުމަތްކޮށްދެއްވި އެވެ.

އެހެންކަމުން ޒުވާނުންނަށް މޫސާގެފާނު ދައްކަވައިދެއްވި ނަމޫނާ އަކީ، ޒުވާނުން މަސައްކަތްތެރިންނަށް ވުމަށާއި މަސައްކަތަށް އަހުލުވެރިވުމުގެ ޝަރުތު ފުރިހަމަ ކުރުމަށާއި މަސައްކަތުގައި ގެންގުޅެން ޖެހޭ މުހިންމު އުސޫލުތަކުގެ ނަމޫނާ އެވެ. މައިންބަފައިން ބުރަ މަސައްކަތުން ހޯދާ އެތިކޮޅު ކާލައިގެން ކަމެއް ނެތިފައި ތިބޭ ބަޔަކަށް ޒުވާނުން ނުވުމުގެ ނަމޫނާ އެވެ. މުޖުތަމައަށް ވަރުގަދަ މުލައްދަނޑިތަކެއް ދައްކައި ދިނުމުގެ ބަދަލުގައި މުޖުތަމައަށް އުފުލަން ޖެހިފައި އޮތް ބުރައަކަށް ޒުވާނުން ނުވުމުގެ ނަމޫނާ އެވެ.

ކީރިތި ޤުރްއާނުން ފެނިގެންދާ ހަތަރުވަނަ ނަމޫނާ އަކީ ކަހްފު ބާގައިގެ ޒުވާނުންނެވެ. "ހަމަކަށަވަރުން އެއުރެންނީ އެއުރެންގެ ވެރި ރަސްކަލާނގެ އަށް އީމާންވެ، އެއުރެންނަށް، ތިމަންރަސްކަލާނގެ ތެދުމަގު އިތުރު ކުރައްވާފައިވާ ޒުވާން ފިރިހެނުންތަކެކެވެ." (އަލްކަހްފު 13). ﷲ އެ ޒުވާނުންގެ ހިތްތަކަށް ގަދަކަން ދެއްވި އެވެ. އެއީ އެ ޒުވާނުން ޖޯޝާއި އެކު ތެދުވެ "ތިމަންމެންގެ ވެރިރަސްކަލާނގެއީ، އުޑުތަކާއި ބިމުގެ ވެރި ރަސްކަލާނގެއޭ، ތިމަންމެން އެކަލާނގެ ނޫން އިލާހަކަށް އަޅުކަމެއް ނުކުރާނޫއޭ" ބުނުމުގެ ސަބަބުންނެވެ. އަދި އެނޫން ގޮތަކަށް ތިމަންމެން ބުނެފިނަމަ "ތިމަންމެން އޭރުން އެބުނީ، އަނިޔާވެރިކަމާއި، ކުފުރުގެ ނިހާޔަތަށް ގޮސްފައިވާ ބަހެއްކަން ކަށަވަރު" ކަމަށް ވެސް އެ ޒުވާނުން ބުނުމުގެ ސަބަބުންނެވެ. (އަލްކަހްފު 14). ޒުވާންކަމާއި އާރާއި ބާރުގެ އެންމެ ސައްހަ މަފްހޫމް ތައުޙީދުގެ ޢަޤީދާއާ ގުޅުވާލެވިފައި އޮތުމުން ހައްގު ނޫން ފަރާތްތަކަށް އަޅުވެތިވުމުން މިންޖުވުމުގެ ފުރުސަތު މި ޒުވާނުންނަށް ލިބިގެން ދިޔައެވެ. ނަފްސުގެ ޝަހުވަތްތަކާއި އެދުންތައް ކޮންޓްރޯލް ކުރެވިގެން ދިޔައެވެ. އަނިޔާވެރިންގެ ކިބައިން ސަލާމަތްވެ ނަސްރު ހޯދުނެވެ. ފާސިދުންގެ ކިބައިން މުޖުތަމައު ސަލާމަތްކޮށް ފަސާދައިގެ މައްޗަށް ގަދަވެގަތުމުގެ ފުރުސަތު ލިބިގެން ދިޔައެވެ.

މިއީ މިއަދުގެ ޒުވާނުންނާ ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމަކުން ސަލާމަތްވުމަށްޓަކައި އިބުރަތް ހޯދަން ރަނގަޅު ނަމޫނާ އެކެވެ. ހައްގު އިލާހަށް އީމާންވެގެން ތިބި ބަޔަކު، މިނިވަންކަމުގެ ނަމުގައި ހައްގު ނޫން ފަރާތްތަކަށް އަޅުވެތިވާން ގޮވާލަމުން ދަނީ ވަރަށް ފާޅުކަން ބޮޑުކޮށެވެ. މިކަމަށް މަގުފަހި ކުރުމަށްޓަކައި ވެރިކަމުގެ ނިޒާމާއި ގާނޫނު ހެދުމުގެ ނިޒާމުގެ ތެރެއަށް ލާދީނީ ފިކުރަށް ތަބާވާ މީހުން ގާތް ކުރުމަށް މަސައްކަތް ކުރަމުން ދަނީ އިންތިހާ އަށެވެ. މިފަދަ ދަނޑިވަޅެއްގައި ކަހަފް ބާގައިގެ ޒުވާނުންގެ ކިބައިން އަޅުގަނޑުމެންގެ ޒުވާނުން ހިތްވަރު ހޯދަން ޖެހެއެވެ. އެ ޒުވާނުންގެ ނަމޫނާ އަށް ތަބާވާން ޖެހެއެވެ.

މަގު ގެއްލިފައިވާ، ހަގީގަތަށް ވާސިލު ނުވެވޭ، ބޮޑާ ކަމުގެ ނަމޫނާތަކުން ޒުވާނުންނަށް ކާމިޔާބެއް ނުލިބޭނެ އެވެ. ކީރިތި ޤުރްއާނުގައިވާ މިފަދަ އެއް ނަމޫނާ އަކީ ނޫޙުގެފާނުގެ ދަރިފުޅެކެވެ. ކާފިރުންނާ އެކުގައި ނުވެ ނައުކޮޅަށް އަރަން ނޫޙުގެފާނު އާދޭސް ކުރައްވައި ވިދާޅުވި އިރު އެ ދަރިފުޅުގެ ފަރާތުން ލިބުނު ޖަވާބަކީ، "ފެނުން، ތިމަން ރައްކާތެރިކުރާނޭ ފަރުބަދައަކަށް ތިމަން ހިނގައިދާ ހުށީމެވެ." (ހޫދު 43). މި ގޮތުގައި ސަލާމަތެއް ނެތްކަން، އަދި ސަލާމަތްކަން ލިބޭނީ ﷲ ގެ ޙަޟްރަތުންކަން ނޫޙުގެފާނު ބަޔާން ކުރެއްވުމުން ވެސް ބަސް ނޭހި އެވެ. ނަތީޖާ އަކީ އެ ދަރިފުޅު ޣަރަޤުވެގެން ދިއުމެވެ.

މިފަދަ އަނެއް ނުރަނގަޅު ނަމޫނާ އަކީ މައިންބަފައިންނާ ދިމާލަށް "ތިޔަ ދެމީހުންނަށް ނުބައިކަން ހުއްޓޭ" ބުނި މީހާ އެވެ. އީމާންވުމަށް އެދި، އަދި އީމާންނުވާނަމަ ހަލާކު ހުރިކަން ބަޔާންކޮށްދިން އިރުވެސް އެ ބަސް ގަބޫލު ނުކޮށް "ތިޔައީ އެވޭލާ މީހުން ދައްކައި އުޅުނު ފުލޯކު ވާހަކަތައް ކަމުގައި މެނުވީ ނުވާ" ކަމަށް އޭނާ ބުންޏެވެ. (އަލްއަޙްޤާފު 17).

ޒުވާނުންނަށް ހެޔޮ ނަމޫނާތައް ކީރިތި ޤުރްއާނުގައި އަދިވެސް އެބަހުއްޓެވެ. މިގޮތުން ޔަޙުޔާގެ ފާނަށް ޅައުމުރުގައި ޙިކުމަތް ދެއްވިކަން ބަޔާންވެފައިވެ އެވެ. (މަރްޔަމް 12). ޔޫޝަޢު ބިން ނޫން، މޫސާގެފާނުގެ އެހީތެރިއެއް ގޮތުގައި އީމާންތެރިކަމާއި ﷲ ގެ އަމުރުފުޅުތަކަށް ތަބާވުމުގައި ދެމިހުންނެވިކަން ކަހްފު ސޫރަތުން އެނގެއެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހިވަސައްލަމް، އާއި އެކަލޭގެފާނުގެ ބައެއް އަޞްޙާބުންގެ ޒުވާން ދުވަސްވަރު ހިނގާފައިވާ މުހިންމު ބައެއް ކަންކަމަށް ތައުރީފު ކުރެވިފައިވެސްވެ އެވެ. މިއަދުގެ ޒުވާނުން މިފަދަ ނަމޫނާތަކުން އިބުރަތް ހޯދަން ޖެހެ އެވެ.